ނިއު ޔޯކް، އެމެރިކާ (އެޕްރީލް 25) - އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ދެކޮޅަށް ކުރާ ރޭޕްގެ ތުހުމަތުގައި މަދަނީ މައްސަލައެއް ފަށަން ތައްޔާރުވެއްޖެ އެވެ.
ކުރީގެ ކޮލަމިސްޓު އީ ޖީން ކެރޯލް ތުހުމަތު ކުރާ ގޮތުގައި ޓްރަމްޕް އޭނާ ރޭޕްކުރީ 1990 ގެ އަހަރުތަކުގެ ތެރޭގަ އެވެ. މިހާރު ކެރޯލްގެ އުމުރުން 79 އަހަރެވެ.
އޭނާ ތުހުމަތު ކުރާ ގޮތުގައި ޓްރަމްޕް އޭނާއަށް ޖިންސީ އަނިޔާ ކުރީ ނިއު ޔޯކްގެ ފިހާރައެއްގެ ތެރޭގަ އެވެ. އަހަރުތަކެއް ފަހުން އެ ވާހަކަ އާއްމުކޮށް ފަޅާއެރުވުމުން، ޓްރަމްޕް އޭނާގެ އަބުރު ކަތިލި ކަމަށް ވެސް ކެރޯލް ތުހުމަތު ކުރެ އެވެ.
ގިނަ ގާނޫނީ މައްސަލަތަކާ ކުރިމަތިވެފައިވާ ޓްރަމްޕް އެ ތުހުމަތު ދޮގުކުރައްވަ އެވެ.
ލަގްޒަރީ ފިހާރައެއްގެ ފިޓިން ރޫމް ތެރޭގައި ޓްރަމްޕް، ކެރޯލް ރޭޕްކުރި ކަމަށް އެންމެ ފުރަތަމަ ބުނީ ނިއު ޔޯކް މެގެޒިންއިން 2019 ވަނަ އަހަރު ޝާއިއުކުރި ކެރޯލްގެ ފޮތެއްގަ އެވެ.
ޓްރަމްޕް އެކަން ދޮގުކުރެއްވުމުން ކެރޯލް 2019 ވަނަ އަހަރު ކޯޓަށް މައްސަލަ ވެއްދީ އަބުރަށް ގެއްލުންދީފައިވާ ކަމަށް ބުނެ އެވެ. އެކަމަކު ގާނޫނީ ހުރަސްތަކާ ހެދި މައްސަލަ ކުރިއަށް ނުދިޔަ އެވެ.
އެހެން ނަމަވެސް މިދިޔަ ނޮވެމްބަރު މަހު ނިއު ޔޯކްގައި އަމަލުކުރަން ފެށި އާ ގާނޫނެއްގެ ދަށުން، އެތައް އަހަރެއް ކުރިން ޖިންސީ އަނިޔާ ލިބިފައިވާ މީހުންނަށް، ކޯޓަށް މައްސަލަ ވެއްދުމަށް އެއް އަހަރުގެ މުއްދަތެއް ލިބެ އެވެ.
ކެރޯލްގެ ވަކީލުން ހުށަހެޅި މައްސަލައިގައި ފައިސާގެ ބަދަލު ނަގައިދިނުމަށް އެދުނު ނަމަވެސް، ބޭނުންވަނީ ކިހާ އަދަދެއް ކަމެއް ބަޔާންކޮށްފައެއް ނުވެ އެވެ.










