ރާއްޖޭގެ ފުޓްބޯޅައިގައި ޒަމާނުއްސުރެ ޒުވާން ކުޅުންތެރިން މަތީ ފަންތީގެ ފުޓްބޯޅަ އަށް ނެރުމުގައި އެންމެ ރަނގަޅު ރެކޯޑެއް އޮތް ކްލަބަކީ ކްލަބް ވެލެންސިއާ އެވެ. ރާއްޖޭގައި އުފެދުނު މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް، ކެރިއަރުގެ ބިންގާ އަޅާފައިވަނީ ވެލެންސިއާ އިންނެވެ. މި ފަހަރުގެ ފުޓްބޯޅަ ސީޒަނަށް ވެލެންސިއާގެ ޓެކްނިކަލް ޓީމުން ޕްލޭނެއް ހަދައިގެން، ކުރިއަށް ވިސްނައި، ކްލަބްގެ މާލީ ހާލަތު އޮތްގޮތަށް ވެސް ބެލުމަށް ފަހު ނިންމީ އެ ކްލަބްގައި އޮތް ޒުވާން ކުޅުންތެރިންގެ "ވަރުގަދަ ބެކަޕް" ގެ ބޭނުންހިފައިގެން ކުރިއަށް ދިއުމަށެވެ.
އެ ގޮތުން، ވެލެންސިއާ އިން މިހާރު ކުރިއަށްދާ ޕްރެޒިޑެންޓްސް ކަޕްގައި ކުޅުނު ފުރަތަމަ މެޗުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަތުން 5-0 ބަލިވިއިރު، އެ މެޗުގައި ރާއްޖޭގެ ފުޓްބޯޅަ ތާރީހުން ޖާގަ ހޯދާ ހާއްސަ ކަމެއް ވަނީ ހިނގައިފަ އެވެ. ރާއްޖޭގެ ފުޓްބޯޅައިގެ ތާރީހާ ގުޅޭ ކަންކަން ބަލާ ގިނަ ބަޔަކު ބުރަވާ ގޮތުގައި ސަސްއާ ދެކޮޅަށް ކުޅުނު ވެލެންސިއާގެ 14 އަހަރުގެ ތިން ކުޅުންތެރިންނަކީ ފުރަތަމަ ޑިވިޝަން ފުޓްބޯޅަ ނޫނީ ޕްރެޒިޑެންޓްސް ކަޕްގެ ތާރީހުގައި މެޗެއްގައި ކުޅުނު އެންމެ ޒުވާން ތިން ކުޅުންތެރިންނެވެ.

ސަސްގެ ކުޅުންތެރިން ކައިރިން ވެލެންސިއާގެ އީތަން ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ސަސްއާ ދެކޮޅަށް ކުޅުނު މެޗުގައި ވެލެންސިއާ އިން ވަނީ ފުރަތަމަ އެގާރައިގައި 14 އަހަރުގެ އީތަން އިބްރާހިމް ޒަކީ ހިމަނައިފަ އެވެ. ބެންޗުން އެރި ދެ ކުޅުންތެރިންނަކީ 14 އަހަރުގެ މުހައްމަދު އިލާން އިމްރާން އަދި 14 އަހަރުގެ އަހުމަދު ކައިން ގަޔާޝް އެވެ. އެ މެޗުގައި ކުޅުނު އެންމެ ޒުވާން ކުޅުންތެރިއަކީ 14 އަހަރާއި ދެ މަހާއި 28 ދުވަސް ފުރިފައިވަނިކޮށް އެ މެޗުގައި ކުޅުނު އިލާން އެވެ. އިލާން ވަނީ ދާދި ފަހުން، ޔޫއޭއީގެ ކްލަބް އަލް އައިންގައި ޓްރަޔަލެއް ފުރިހަމަކޮށްފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޓްރަޔަލްގައި އޭނާގެ ފަރާތުން ފެނުނު ކަންކަމާ މެދު އަލް އައިންގެ ކޯޗިން ޓީމު ހިތްހަމަޖެހެ އެވެ.
ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅައިގައި އީތަން އާއި އިލާން އަދި ކައިންގެ ފުރަތަމަ ފެނިލުމުން ވެސް ރާއްޖޭގެ ފުޓްބޯޅައާ މެދު ޕޮޒިޓިވް ވިސްނުމަކުން ދެކެ ޝުއޫރުފާޅުކުރި މީހުން ފެނިގެންދިޔަ އެވެ. ޒުވާން ހުނަރުވެރި ކުޅުންތެރިން ރަނގަޅު ލެވަލެއްގައި ކުރިއަރައިގެން ގޮސްފިނަމަ ރާއްޖޭގެ ފުޓްބޯޅަ އަށް އަދިވެސް ދިރުމެއް އޮތް ކަމަށް ގިނަ ބަޔަކު އެއްބަސްވެ އެވެ.
ވެލެންސިއާގެ "ޓްރެންޑް" އާއި ހާލަތުގެ ފައިދާ ޒުވާން ކުޅުންތެރިންނަށް
ވެލެންސިއާގައި މި އޮތް ޒުވާން ކުޅުންތެރިންގެ ބެކަޕްގެ ފެންވަރު މިދިޔަ އަހަރުގެ ޔޫތު ފުޓްބޯޅަ މުބާރާތްތަކުގައި ވަނީ ފެނިގެންގޮސްފަ އެވެ. އެގޮތުން، އެފްއޭއެމް ޔޫތު މުބާރާތްތަކާއި އިންޓަ ސްކޫލް މުބާރާތްތަކުގައި ވެލެންސިއާގެ ޔޫތުގައި ޓްރެއިން ވަމުން އައި ކުޅުންތެރިން ވަނީ ހުނަރު ސާބިތުކޮށްދީފަ އެވެ.
"ދެން ވިސްނުމަކީ އެ ކުޅުންތެރިންނަށް މީގެއިން ފިއުޗާއެއް ހޯދައިދޭން. މި ސީނިއާ ކުޅުންތެރިންގެ ތެރެއަށް ދޫކޮށްލުން. ހަގީގަތުުގައި މެޗުތަކެއް ކުޅެލަން ދީގެން އެ ކުދިންނަށް މީގެއިން ކުރިއަށްދެވޭނީ،" ސަސްއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން، "އަދަދު"އާ ވާހަކަ ދައްކަމުން ވެލެންސިއާގެ ކޯޗިން ޓީމުގެ އިސްމާއިލް އާސިފް (ކުޑަހީނާ) ބުންޏެވެ.
އޭނާ ބުނީ ވެލެންސިއާގެ ޓީމު މި ފަހަރު ބައްޓަން ކުރިއިރު، ހުރިހާ ކަމަކަށް ބަލާފައި، ނިންމީ އާ ކުޅުންތެރިން ގެނެސްގެން އަބަދުވެސް ޓީމެއް ހެދުމުގެ ބަދަލުގައި، އެ ކްލަބްގައި ތިބި ރަނގަޅު ޒުވާން ކުޅުންތެރިން މީގެ ތެރެއަށް ލައިގެން ނަތީޖާ ނެރުމަށް ކަމަށެވެ.

މިދިޔަ އަހަރު ވެލެންސިއާގެ 14 އަހަރުން ދަށުގެ ޔޫތު ޓީމު އެފްއޭއެމް ޔޫތު މުބާރާތުގައި ކުޅެނީ: އެ ގޮތުން ފައިނަލް މެޗުގެ ތެރެއިން އީތަން (ކ) އާއި އިލާން ލަނޑެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ސަސްއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެލެންސިއާގެ ހެޑް ކޯޗު، އަހުމަދު މުޖުތަބާ (ފެސްކޯ) ވަނީ ތާރީހަށް އަލި އަޅުވާލުމަށް ފަހު، ވެލެންސިއާ އިން ޒުވާން ކުޅުންތެރިންނަށް ބަހައްޓާ އަހައްމިއްޔަތު ކަމަކީ "ޓްރެންޑް" އެއް ކަމަށް ބުނެފަ އެވެ.
"ވެލެންސިއާ އަކީ ފެށުނުއިރުއްސުރެ ވެސް ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދެމުން އަންނަ ޓީމެއް. ވެލެންސިއާގެ ފެށުން ވެސް އޮތީ އެެހެން، ވެލެންސިއާ އަކީ ވަރަށް ޒުވާން ގްރޫޕެއް ވެގެން ފެށި ކްލަބެއް. އޭރު، މިހާރުގެ ޗެއާމަން، އަދީލް ޖަލީލް މި މީހުންނަކީ މި ކްލަބް އުފެއްދެވި، ބޮޑުހީނާއާ މި މީހުންނަކީ މި ކްލަބް އުފެއްދިއިރު ޒުވާން ކުޅުންތެރިން،" ފެސްކޯ ބުންޏެވެ.
"އެ ޓްރެންޑް އަދިވެސް ވެލެންސިއާގައި ދަމަހައްޓަމުން މި އަންނަނީ. ވެލެންސިއާގައި އަޅުގަނޑުމެން ކުޅެން ފެށީ ވެސް ވަރަށް ޒުވާން އޭޖްގައި ހަމައެއާ އެއްކޮށް މިސާލަކަށް 17 އަހަރުގައި ކުޑަހީނާ ފުރަތަމަ ވެލެންސިއާ އަށް ބޯޅަ ކުޅުނީ، 16 އަހަރުގައި ދަގަނޑޭ ވެލެންސިއާ އަށް ބޯޅަ ކުޅުނީ، 17 އަހަރުގައި އަލީ އުމަރާއި ވިލްދާން ވެލެންސިއާ އަށް ބޯޅަ ކުޅުނީ، އެހެންވީމަ ތާރީހަށް ބަލާއިރު ވެލެންސިއާ އަކީ ރާއްޖޭގައި ޒުވާން ކުޅުންތެރިންގެ ޑިވެލޮޕްމަންޓަށް އެންމެ މަަސައްކަތް ކުރި އެއް ކްލަބޭ ބުނިއްޔާ ދޮގަކަށް ނުވާނެ،"
މި ފަހަރުގެ ޕްރެޒިޑެންޓްސް ކަޕާ ވެލެންސިއާ ކުރިމަތިލިއިރު، އެ ޓީމަށް އެކަށީގެންވާ ޕްރީ ސީޒަން ޕްރެކްޓިހެއް ވެސް ނުކުރެވެ އެވެ. އެންމެ ފަހުގެ ޗެމްޕިއަންގެ ގޮތުގައި ޕްރެޒިޑެންޓްސް ކަޕަށް މި ފަހަރު ނުކުމެ، ފުރަތަމަ މެޗުން ބަލިވިއިރު، ވެލެންސިއާ އަށް ދެން މުބާރާތުގައި ކުރިއަށް ދެވެން އޮތީ އަންނަ ހޯމަ ދުވަހުގެރޭ ބޮޑު ތަފާތަކުން އީގަލްސް ބަލިކޮށްގެންނެވެ. އެހެން ނޫންނަމަ ވެލެންސިއާ އަށް މުބާާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތެއް ނެތެވެ.
ކުޑަހީނާ ވަނީ މި ސީޒަނުގައި ވެލެންސިއާ އިން މުބާރާތްތަކަށް ޓާގެޓްތަކެއް ކަނޑައަޅާފައިވާނެ ކަމަށެވެ. އެ ގޮތުން، އެންމެ ބޮޑަށް އެ ކްލަބުން ވިސްނާނެ އެއް މުބާރާތަކަށް ވާނީ އެފްއޭ ކަޕް ކަމަށް ވެސް ބުނެފައިވެ އެވެ.












