އިރާނުގެ މައްޗަށް އޮންނަ ޗައިނާގެ "ނުފޫޒު" ބޭނުންކޮށްގެން އިރާނުގެ ނިޔުކްލިއާ ޕްރޮގްރާމް ހުއްޓުވަން އިޒްރޭލުން ބާރު އަޅައިފި އެވެ.
އިޒްރޭލުގެ ފޮރިން މިނިސްޓަރު އެލީ ކޯހެން ވިދާޅުވީ ޗައިނާގެ ފޮރިން މިނިސްޓަރު ޗިން ގާންގްއާ މަޝްވަރާ ކުރެއްވީ އިރާނުގެ ސަބަބުން އޮތް ބިރުވެރިކަމާ ގުޅޭ ގޮތުން ކަމަށެވެ.
"ތެހްރާނުގެ ޓެރަރިސްޓު ސަރުކާރަށް ނިޔުކްލިއާ ހަތިޔާރު ލިބުން ހުއްޓުވަން ކުރެވެން އޮތް ހުރިހާ ކަމެއް އިޒްރޭލުން ކުރާނެ،" ކޯހެންގެ ޓްވީޓެއްގައި ވިދާޅުވި އެވެ.

އިޒްރޭލުން ތުހުމަތު ކުރަނީ އިރާނުން ނިޔުކްލިއާ ހަތިޔާރު އުފައްދަން އުޅޭ ކަމަށެވެ. އެކަން ދޮގުކޮށް އިރާނުން ބުނަނީ ނިޔުކްލިއާ ޕްރޮގްރާމުގެ ބޭނުމަކީ ހަކަތަ އުފެއްދުން ކަމަށެވެ.
އިރާނުގެ ނިޔުކްލިއާ ޕްރޮގްރާމް ހުއްޓުވަން ޑިޕްލޮމެޓިކް ފިޔަވަޅުތައް ފެއިލްވެއްޖެ ނަމަ އަސްކަރީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އިޒްރޭލުން ދީފައިވެ އެވެ.










