ރިޕޯޓުނަޝީދަށް ވެރިކަމުގެ ބައި އަޅަން ގާސިމް ދީލައިލާނެ؟

ނަޝީދަށް ވެރިކަމުގެ ބައި އަޅަން ގާސިމް ދީލައިލާނެ؟

އޮތްހާ ވެސް ސުވާލަކީ، ނަޝީދުގެ އެ ހުށަހެޅުންތަކުން ގާސިމްގެ އޮތް ސިޔާސީ އުންމީދުތައް އެއްވެސް ވަރަކަށް ހާސިލްވާނޭ ހެއްޔެވެ؟ އެއިން ކިހާ މިންވަރަކަށް ގާސިމް އެއްބަސްވެދާނެ ހެއްޔެވެ؟ ގާސިމާއި ނަޝީދު ވެސް ދޫދެއްވަން ހުންނެވީ ކިހާ ވަރަކަށްތޯ؟

ކޯލިޝަން ހެދުމަށް ރައީސް ނަޝީދު، ޖޭޕީގެ ލީޑަރު ގާސިމަށް ހުށަހަޅަނީ "ވެރިކަމުގެ ތާޖުގެ ބައެއް" އެމަނިކުފާނަށް ބައްސަވަން - ގްރެފިކްސް: ރައްޔާން މުހައްމަދު / އަދަދު
ކޯލިޝަން ހެދުމަށް ރައީސް ނަޝީދު، ޖޭޕީގެ ލީޑަރު ގާސިމަށް ހުށަހަޅަނީ "ވެރިކަމުގެ ތާޖުގެ ބައެއް" އެމަނިކުފާނަށް ބައްސަވަން - ގްރެފިކްސް: ރައްޔާން މުހައްމަދު / އަދަދު

ރިޔާސީ އިންތިހާބުގެ މޫސުމަށް އާ ގުޅުންތަކާއި އިއްތިހާދުތަކެއް ފެންނާނެ ކަމަށް ބެލެވިފައި އޮތް ނަމަވެސް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އިސްވެ ހުންނަވާ ގޮތަށް، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިއްތިހާދުވުމަކީ އަންދާޒާއަށް ގެނެވުނު ހާލަތެއް ނޫނެވެ. ގާސިމާއި ނަޝީދު ވެސް އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ނަފުރަތުގެ ބަސްތައް ބަދަލުކުރައްވަމުން ގެންދަވާފައިވާ މިންވަރު އެހާ ވެސް ގިނަވީމަ އެވެ.

އެހެން ވިޔަސް ސިޔާސީ މަސްރަހު އެނބުރިގެން އައި ގޮތުން، ގާސިމާއި ނަޝީދު ތިއްބެވީ އެއް މޭޒެއް ކައިރިއަށް ވަޑައިގަނެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ބަލިވުމާއެކު، ނަޝީދު ނިންމެވީ ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމަށް ތާއީދު ކުރެއްވުމަށެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުނުކުރައްވައި، "ފިކުރެއްގެ ދިރުން" ނަމުގައި ވަކި ހަރަކާތެއް ފެއްޓެވީ އެވެ.

ނަޝީދުގެ ސިޔާސީ އުންމީދުތަކުގެ ގޮޅިތަކުގެ ތެރެއިން މިހާރު ފާހަގަ ޖަހައިނުލެވި އޮތް ހަމައެކަނި އެއް ގޮޅިއަކީ ވެސް ބޮޑުވަޒީރަކަށް ވުމުގެ ހުވަފެނެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި، ކާމިޔާބު ވިޔަފާރިތަކާއެކު ގާސިމަށް ހަޔާތުގައި ހާސިލްނުވެ އޮތް ކަމަކީ ރާއްޖޭގެ ވެރިކަން ކުރެއްވުމެވެ. ނަޝީދާއި ގާސިމްގެ ފުރިހަމަނުވެ އޮތް ހުވަފެން ހަގީގަތަކަށް ހަދަން ގުޅި އެބަ ތިއްބެވެ.

ވެރިކަމުގެ ބާރުތައް ދެ ބޭފުޅަކަށް ބެއްސެވުން

"ދިވެހި ދައުލަތުގެ ސިފަތަކަށް ގެންނާން ޖެހޭ ބަދަލުތައް،" ސުރުހީއެއް ޖައްސަވާފައި ނަޝީދު ގާސިމަށް ލިޔުމެއް ވަނީ ފޮނުވައިފަ އެވެ. އޭގައި ހިމަނާފައި އޮތީ ނަޝީދު ބޮޑުވަޒީރަކަށް ވުމުގެ ހުވަފެން ހަގީގަތަކަށް ހެއްދެވުމުގެ މަގު ޗާޓެކެވެ.

ނަމަވެސް މާޒީގައި ގާސިމް ވަނީ އެކި ފަހަރު މަތިން ބަރުލަމާނީ ނިޒާމާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ. އެކަން ވެސް އެނގިވަޑައިގެން ހުންނަވާ، ގާސިމަށް ވެސް އެއްބަސްވެވިދާނެ ސިފަތަކަކާއެކު، ނަޝީދު ފޮނުވި ކަރުދާހުގައި ވަނީ ރިޔާސީ އަދި ބަރުލަމާނީ ނިޒާމުގެ އެކި ސިފަތައް ހިމެނޭ ގޮތަށް ބަދަލުތަކެއް ގެނައުމަށެވެ.

އެ ސިފަތަކާ އެންމެ ގާތްކުރާ ގޮތަށް ފެންނަނީ އަވައްޓެރި ސްރީލަންކާ އަދި ޔޫރަޕްގައި ހިމެނޭ ފްރާންސް ފަދަ ބައެއް ގައުމުތަކެވެ. އެ ދެ ގައުމުގައި ވެސް ރައްޔިތުންގެ އަގުލަބިއްޔަތު ވޯޓަކުން އިންތިހާބުކުރާ ރައީސެއް ހުރެ އެވެ. ބަރުލަމާނީ ނިޒާމަށް އަމަލުކުރަމުން އަންނަ އެހެން ގައުމުތަކާ ހިލާފަށް، ސަރުކާރު ހިންގުމުގައި ރައީސްގެ ދައުރު ވަރަށް ބޮޑަށް ފުޅާކޮށްފައި ވެސް އޮވެ އެވެ.

ނަޝީދު ވެސް ހުށަހަޅުއްވާފައި އޮތީ އެފަދަ ބައެއް ސިފަތަކެއް ގެނައުމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ" ގެ ބާރުތައް އެ ކަރުދާހުގައި ލިޔެފައި އޮތް އިރު، "ބޮޑުވަޒީރު" މަގާމު އުފައްދަން ވެސް ހިމަނާފައި އެބަ އޮތެވެ. "ރައީސުލްޖުމްހޫރިއްޔާ" އާއި "ބޮޑުވަޒީރު" އަށް ވެރިކަމުގެ ބާރުތައް ބެހިގެންދާނެ ގޮތްތައް ލިޔެފައިވެ އެވެ.

މަގާމުތަކެއް އުފައްދައި އޭގެ ރޯލު ކަމަށް ލިޔެފައި އޮތަސް ކަރުދާހުގައި އެ ވަނީ ގާސިމްގެ ރައީސް ކަމުގައި އުފައްދާ ސަރުކާރެއްގައި، ނަޝީދަށް ބޮޑުވަޒީރުގެ މަގާމު ދެއްވައި، އެ ދެ ބޭފުޅުންނަށް ވެރިކަން ބައްސަވާނެ ގޮތެވެ.

މިހާރު ރައީސުލްޖުމްހޫރިއްޔާއަށް ނޯންނަ ބައެއް ބާރުތައް ވެސް އޭގައި ހިމަނާފައި ވެސް ވެ އެވެ. ރައީސަށް އޮންނާނެ ކަމަށް ލިޔެފައިވާ ބާރުތަކަކީ ގާސިމަށް އޮންނާނެ ބާރުތަކެވެ. ބޮޑުވަޒީރަށް ލިބޭ ބާރުތަކަކީ، ނަޝީދަށް ލިބޭނެ ބާރުތަކުގެ ގޮތުގަ އެވެ.

  • ރައީސް އިންތިހާބު ކުރަނީ ރައްޔިތުންގެ ސިއްރު ވޯޓަކުން
  • ބޮޑުވަޒީރު އިންތިހާބުކުރަނީ މަޖިލީހުގެ މެޖޯރިޓީ ވޯޓަކުން
  • ސިފައިންގެ އެންމެ އިސް ވެރިޔަކީ ރައީސް
  • ހާރިޖީ ސިޔާސަތުތަކުގެ ބާރު އޮންނާނީ ރައީސަށް
  • މަޖިލިސް އުވާލުމުގެ ބާރު ވެސް ރައީސަށް
  • ސަރުކާރު ހިންގުމާއި، މަޖިލީހުގައި ސަރުކާރުގެ ފަރާތުން ޖަވާބުދާރީވުމަކީ ބޮޑުވަޒީރުގެ ޒިންމާއެއް
  • މިނިވަން މުއައްސަސާތަކަށް މެންބަރުން އައްޔަންކުރުން މަޖިލީހުގެ ރުހުމާއެކު ރައީސަށް
  • ވުޒާރާތަކާއި ސަރުކާރު އޮފީސްތަކަށް ސިޔާސީ މަގާމުތައް ކަނޑައެޅުން ބޮޑުވަޒީރަށް
  • ވަޒީރުންގެ މަޖިލިސް އެކުލަވާލާނީ ރައީސްގެ ލަފައާއެކު ބޮޑުވަޒީރު
  • ބޮޑުވަޒީރު އަދި ވަޒީރުން ކަނޑައަޅަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން
  • ކެބިނެޓްގެ 40 ޕަސެންޓަށްވާ ވަރަށް ވަޒީރުން ހިމެނުމުގެ ބާރު ރައީސަށް

ނަޝީދު ހުށަހެޅި ޓައިމްލައިނަށް ވާނެ ކަންކަންތަ؟

ނަޝީދު ބޭނުންވާ ބަދަލުތައް ނިޒާމަށް ގެނައުމަށް ޓަކައި ކުރާން ޖެހޭ މަސައްކަތްތައް ކުރުމަށް ޓައިމްލައިނެއް ވެސް އެމަނިކުފާނު ފޮނުއްވި ކަރުދާހުގައި ހިމަނުއްވާފައިވެ އެވެ. އެ ގޮތުން ރިޔާސީ އިންތިހާބު ނިމި، އާ ރައީސުލްޖުމްހޫރިއްޔާ ހުވާ ކުރުމުގެ ކުރިއަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އޭގައިވެ އެވެ.

ރާއްޖޭގެ ދައުލަތް ހިންގުމުގެ ނިޒާމު ބައްޓަން ކުރާނީ ރިޔާސީ ނިޒާމުގެ ގޮތުގައި ކަނޑައެޅީ ވެސް 2007 ވަނަ އަހަރު ނެގި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުންނެވެ. އެހެންކަމުން ނިޒާމަށް ބަދަލެއް ގެނެވޭނެ ގާނޫނީ ހަމައަކީ އަދި އިންސާފުވެރި ގޮތަކީ ވެސް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ބަދަލު ކުރުމެވެ.

ކުރަން އޮތް މުއްދަތަށް ބަލާއިރު، ނަޝީދުގެ ވިސްނެވުމަކީ ރިޔާސީ އިންތިހާބު ކާމިޔާބުކޮށްފައި ނިޒާމުގެ ވޯޓު ވެސް ގާސިމް-ނަޝީދުގެ ކޯލިޝަނަށް ކާމިޔާބު ކުރެވޭނެ ކަމަށް ބައްލަވާފައި ޖައްސަވާފައި އޮތް ހިސާބެކެވެ. ނަމަވެސް އެއީ އެ ގޮތަށް ހަމަ ހިނގާނެ ތާއީދެއްތޯ ވެސް އެއީ ސުވާލެކެވެ.

އެ ހާލަތުގައި އޮތް މަގަކީ، އެ ކަމަށް ގާސިމް އަދި ނަޝީދު ވެސް އެއްބަސްވެގެން ރިޔާސީ އިންތިހާބުގައި ދެ ކެމްޕޭނެއް އެ ކޯލިޝަނުން ކުރެއްވުމެވެ. އެއީ ރިޔާސީ އިންތިހާބަށް ގާސިމަށް ތާއީދު ހޯއްދެވުމުގެ ކެމްޕޭންގެ އިތުރަށް ވެރިކަމުގެ ނިޒާމު ނަޝީދު ބޭނުންވާ ގޮތަށް ބަދަލުކުރުމަށް ތާއީދު ހޯއްދެވުމުގެ ކެމްޕޭނެކެވެ.

ފެންނަ ނުފެންނަ ވޯޓަކަށް ދެވޭނެ ކަމަށް ގާނޫނު އަސާސީއާއި ގާނޫނުތަކުން ފެންނާން އޮތް މަގުތަކަކީ ވެސް ރައީސުލްޖުމްހޫރިއްޔާ އެ ކަމަށް ގޮވާލުމާއި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގަރާރަކުން އެ ކަން ކަނޑައެޅުމެވެ. އެހެންވެއްޖެނަމަ ރައީސް ސޯލިހު ރުއްސަވަން ވެސް އެ ދަނޑިވަޅުގައި އުޅެން ޖެހޭނެ އެވެ.

އެހެންވިޔަސް ސިޔާސީ މަސްރަހުގެ ކަންކަން 2018 ގެ ރިޔާސީ އިންތިހާބަށް ފަހު ފުރޮޅިގެން ދިޔަ ގޮތް ވެސް މާޒީން ފެންނަން އެބަ އޮތެވެ. ފަހަރުގައި ނަޝީދާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން ޖައްސަވާ އަނެއް ހިސާބަކީ އެއީ އެވެ.

އިންތިހާބީ ރައީސަކީ ގާސިމަށް ވެފައި، އިންތިގާލީ މަރުހަލާގައި ރައީސް ސޯލިހުގެ ސަރުކާރަށް މާ ބޮޑު ބާރެއް ނޯންނާނެ ކަމަށް ނަޝީދު ބައްލަވަނީ އެވެ. އަދި އިންތިހާބީ ރައީސްގެ ރިޔާސީ ވައުދުތައް ފުއްދަވަން އިންތިގާލީ މަރުހަލާގައި ވެސް އެއްބާރުލުންދީ އޭގެ އިންތިޒާމުތައް ހަމަޖައްސަވަން ޕްރެޝަރު ކުރުމެވެ.

ނަޝީދަށް ގާސިމް މުހިންމު، ގާސިމަށް ނަޝީދު ބޭނުންވޭ

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ މަޝްވަރާތަކަށް ގާސިމް އަދި ނަޝީދު ވެސް އެއް މޭޒަކަށް ވަޑައިގެން މަޝްވަރާތައް ފައްޓަވާނީ ހިސާބުތަކެއް ޖައްސަވައިގެންނެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދު ވަނީ 15،000 އެއްހާ ވޯޓު ހޯއްދަވައިފަ އެވެ. އަދިވެސް އެމަނިކުފާނަށް ތާއީދުކުރައްވާ، އެމްޑީޕީގެ އެތެރޭގެ އިންތިހާބެއްގައި ވޯޓު ނުލެވޭނެ ބަޔަކު ވެސް ތިބޭނެ އެވެ. ރައީސް ސޯލިހާއި ޕީޕީއެމް ވެސް ކަމުނުދާ ބަޔަކަށް ކިރިޔާ ވެސް އޮތް އިހުތިޔާރަކީ މިއީ އެވެ.

މި ހިސާބުތަކަށް ބައްލަވާއިރު، ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ގާނޫނު އަސާސީގައި ދަމާފައިވާ "50 އިންސައްތަ އަދި އެއް ވޯޓު" ގެ ރޮނގު ހުރަސްކުރުމަށް ގާސިމަށް ވެސް ތާއީދު އޮތް އެހެން ޝަހުސިއްޔަތެއް ބޭނުން އެބަވެ އެވެ. ކުރިން އޮތް ވަރުގެ ތާއީދެއް ނެތަސް އެ ވަރުގެ ބުރަދަނެއް ނަޝީދަށް އޮވެދާނެ ކަމަށް އަދިވެސް ބަލަން އެބަ ޖެހެ އެވެ. ހިސާބުތައް އަދި އޮތީ އެފަދަ ގޮތަކަށެވެ.

ނަޝީދުގެ ސިޔާސީ ހަޔާތް ހުއްޓި އޮތް ހިސާބަކީ ވެސް ކެންޑިޑޭޓެއްގެ ފަހަތަށް އެމަނިކުފާނު އެރުވުމެވެ. އެމްޑީޕީގެ ބާރުވެރިކަން ރައީސް ސޯލިހަށް އޮތުމުން، އަނބުރާ ނަޝީދަށް އެ ބާރުވެރިކަން ހޯދޭނެ ގޮތެއް ވެސް ހޯދުމެވެ.

އެ ކަމަށް ނަޝީދަށް އޮތް އިހުތިޔާރަކީ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހު ފެއިލްކޮށްލުމެވެ. މިހާރު ޕާޓީގެ ރައީސްގެ މަގާމު ވެސް ނަޝީދަށް އޮތުމުން، ސޯލިހު އަތުން ވެރިކަން ގެއްލުމަކީ، އެ ވަގުތަށް ވެސް ޕާޓީގެ އެންމެ އިސް މަގާމު ނަޝީދަށް ލިބޭނެ ގޮތެއް ވުމެވެ.

އެހެންވާނަމަ މިހާރު ސިޔާސީ މަސްރަހު ތަރުތީބު ވެފައި އޮތް ގޮތުން ވެސް ނަޝީދަށް ގާސިމް އަދި މާ މުހިންމެވެ. ގާސިމް ނޫނީ ދެން އެމަނިކުފާނަށް ވެސް އޮތީ މާ އުނދަގޫ އިހުތިޔާރުތަކެކެވެ. އެމަނިކުފާނުގެ އޮތް "ވަފާތެރި ސަޕޯޓަރުން" އަރިހުގައި ހިފަހައްޓަން، އެ މީހުނަށް ވެސް ކިރިޔާ އެއްބަސްވެވޭނެ ނަމަކަށް ދެން އޮތީ ގާސިމެވެ.

ކޮންމެ ހާލަތަކު ވެސް ގާސިމަށް އޮތީ "މޮޅު"

ސިޔާސީ މައިދާނުގައި މިހާތަނަށް ވެސް ގާސިމާއި އެމަނިކުފާނު ލީޑްކުރައްވާ ޖޭޕީއަށް ޔަގީން ގޮޅިއަކީ "ކިންގް މޭކާ" އެވެ. ފެހި ގާނޫނު އަސާސީއަށް ފަހު އުފެދުނު ތިން ސަރުކާރުގައި ވެސް ޖޭޕީ ބައިވެރިކުރަން ޖެހުނެވެ.

ފުރަތަމަ ދެ ސަރުކާރުގައި، ރިޔާސީ ދައުރުގެ މެދު ތެރެއިން ސަރުކާރާ ފެޔަށް ޖޭޕީ ޖެހުނު ނަމަވެސް ރައީސް ސޯލިހުގެ ސަރުކާރާ ހަމައިން ސިޔާސީ ސަގާފަތަށް ކުޑަ ބަދަލެއް އޮތީ އައިސްފަ އެވެ. އެއީ ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމަށް، ޖޭޕީ ފަދަ ޕާޓީތައް ރުހޭނެ ގޮތަށް ފަސް އަހަރު ހިންގުމެވެ.

"ކިންގް"އަށް ވުމަށް މަސައްކަތް ކުރަން ފުރަތަމަ ބުރުގައި ވާދަކޮށްލަން ނުކުމެގެން ވެސް ޖޭޕީއަށް ގެއްލުމެއް އޮތް ތަނެއް ނުފެނެ އެވެ. ދެވަނަ ބުރެއް ދެވޭނެ ވަރަށް ފުރަތަމަ ބުރުގައި ވޯޓު ހޯއްދެވިއްޖެނަމަ، ތާރީހުގައި ފުރަތަމަ ފަހަރަށް ޖޭޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބު ވުމުގެ މަގެއް ފެނިގެން ދާނެ އެވެ.

ދެވަނަ ބުރަށް ދެވޭ ވަރަށް ވޯޓު ހޯދަން ގާސިމަށް ނަޝީދުގެ ބޭނުން ހިފިދާނެ އެވެ. އެ އިހުތިޔާރު ދޫކޮށްލުމަކުން ވެސް މާ ބޮޑު ގެއްލުމެއް އެ ޕާޓީއަށް އޮތް ތަނެއް ނުފެނެ އެވެ. ދެވަނަ ބުރުގައި ކޯލިޝަން ހެދުމުގެ ދައުވަތު ޖޭޕީއަށް ލިބޭނެ ކަން ސާފެވެ.

ޖޭޕީގެ ބައިވެރިވުން އޮންނަން ބޭނުންވާ ކަން ރައީސް ސޯލިހު ފޮނުވި ދައުވަތުން ވެސް އެނގެ އެވެ. ރައީސް ސޯލިހު ނޫނަސް، ދެވަނަ ބުރަކަށް ދަތުރުކުރާ އެހެން ކެންޑިޑޭޓުން ވެސް ފަހު ބުރު ކާމިޔާބުކުރަން ޖޭޕީގެ ތާއީދު ބޭނުންވާނެ އެވެ. މިހާތަނަށް ރާއްޖޭގެ ސިޔާސީ މަސްރަހު ހިނގައި، އެތުރިފައި އޮތީ އެ ގޮތަށެވެ.

މީގެ ނަތީޖާއަކީ، ޖޭޕީއަށް ލިބޭ ސްލޮޓް ވީހާވެސް ބޮޑުކޮށް ޑިމާންޑް ކުރަން ހުޅުވޭ ދޮރެކެވެ.

ޖޭޕީއަށް އޮތް ފައިދާތަކާއި އިހުތިޔާރުތައް ގިނަވި ނަމަވެސް، އެ ޕާޓީ އިސްކޮށް އިއްތިހާދުވުމަށް ޓަކައި، އެ ޕާޓީއާ ބައިއަތު ހިފަން ނަޝީދު ވަޑައިގެން ހުންނެވީ މާ ބޮޑަށް ވެސް އިހުތިޔާރުތައް އެމަނިކުފާނަށް މަދުވެގެނެވެ. އެމަނިކުފާނުގެ ކެރިއަރު ދަމަހައްޓަން، ވެރިކަމުގެ ބައެއް ބައްސަވަން އެދިވަޑައިގެންނެވެ.

ގާސިމްގެ ސިޔާސީ އެންމެ ބޮޑު އުންމީދަކީ ވެރިކަމެވެ. ހަޔާތުގައި ހާސިލްނުވެ އޮތް ހަމައެކަނި ލަނޑުދަނޑި އެވެ. ވެރިކަން ހޯއްދެވުމުގެ އުންމީދު ހާސިލްކުރައްވަން، އެހެން ސިޔާސީ ޝަހުސަކަށް އޭގެ ލައްޒަތުން ބައެއް ބައްސަވާ ގޮތަށް ވެސް ދީލާލައިނެ ހެއްޔެވެ؟

މުހައްމަދު އުޝާމް

ޖާނަލިސްޓް

މުހައްމަދު އުޝާމް އަކީ ސިޔާސީ އަދި ޝަރުއީ ދާއިރާ ފުޅާ ދާއިރާއެއްގައި ކަވަރުކުރާ ނޫސްވެރިއެކެވެ. މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ އެވޯޑުގައި ސިޔާސީ ދާއިރާގެ އިނާމަށް ދެ ފަހަރު ނޯމިނޭޓުވެފައިވެ އެވެ. ވީ މީޑިއާގެ އިންޓާންޝިޕަކުން ނޫސްވެރިކަމުގެ ކެރިއާ ފެށި އުޝާމް މީގެ ކުރިން ވަނީ "އަވަސް" އަދި "ވަގުތު" ނޫހުގައި ވެސް މަސައްކަތް ކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox