މި މައުލޫއުގައި އެއްޗެއް ދެންނެވުމަކީ އެއްވެސް ހާލެއްގައި އަޅުގަނޑަށް އުފަލެއް ލިބޭ ކަމެއް ނޫނެވެ. އަދި ކިއެއްތަ! އަޅުގަނޑަށް ނުހަނު ހިތާމަ ލިބޭ، ނަފުސަށް ބުރަ ބޮޑު ކަމެއްމެ އެވެ. ނަމަވެސް، ރައީސް މުއިއްޒުގެ ކަންތައް މިހާރު ގޮސްފައިވާ ހިސާބުން ދަންނަވަން މަޖުބޫރުވަނީ އެވެ. ގައުމުގެ ހައްގުގަ އެވެ. ދުނިޔެވީ މިންގަނޑުން ބަލާއިރު ގައުމުގެ ހައްގަށްވުރެ ބޮޑު ހައްގެއް ނޯންނާނެ އެވެ.
ވެރިކަމުގެ ތެރޭގައި އޭނާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު މާބޮޑަށް ގަދަވުމަކީ ރައީސް މުއިއްޒަށް ކުރިމަތިވެ ވަޑައިގެންނެވި އެންމެ ބޮޑު އެއް ގޮންޖެހުމެވެ. ނަމަވެސް އެއީ އޭނާއަށް ކުރިމަތިވެ ވަޑައިގެންނެވި ހަމައެކަނި ގޮންޖެހުމެއް ނޫނެވެ.
އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އޭނާއަށް އޮތީ އެތައް ގޮންޖެހުމެއް ކުރިމަތިވެ ވަޑައިގެންފަ އެވެ. އެކަންކަން ހަމައަކަށް އަޅުއްވާނެ ގޮތުގެ ތަދުބީރެއް އޭނާއަކަށް ވިސްނިވަޑައެއް ނުގަތެވެ. އިލްމާއި، ހިކުމަތާއި، އަދި ހިލްމުވެސް ނެތުމުގެ ސަބަބުންނެވެ. މިއީ ސާފުކޮށް ފެންނަން އޮތް ހަގީގަތެކެވެ. މީގެ އިތުރަށް އޭނާގެ ސުލޫކުގައި ހުރި ނޭއްގާނީ ސިފަތަކެއްގެ ސަބަބުން ވެސްމެ އެވެ. އޭނާގެ މިޒާޖުކޮޅުގައި ހުންނަ ނުސިޔާނުކަމުން ވެސްމެ އެވެ.
ރާއްޖޭގެ ގާނޫނާއި، ސިޔާސީ އާދަކާދަ ހަމަޖެހިފައި އޮންނަ ގޮތުން ފަސްޓް ލޭޑީއަކީ ރަސްމީ އެއްވެސް ހައިސިއްޔަތެއް އޮންނަ ބޭފުޅެއް ނޫނެވެ. ނަމަވެސް އިޖްތިމާއީ ކަންކަމުގައި އޭނާއަށް އުޅުއްވެވިދާނެ އެވެ. އެއީ އެދެވޭ ކަމެއް ވެސްމެ އެވެ. ނަމަވެސް އެކަންވެސް އޮންނަންޖެހޭނީ ވަކި ގައިދެއްގެ ތެރޭގަ އެވެ.
ކުރީގެ ފަސްޓް ލޭޑީންނަށް ބަލާއިރު، މެޑަމް ނަސްރީނާ އިބްރާހީމް އެފަދަ ކަންކަމުގައި އުޅުއްވި އެވެ. އަދި މެޑަމް ފާތިމަތު އިބްރާހީމް ދީދީވެސް އެފަދަ ކަންކަމުގައި އުޅުއްވި އެވެ. އަދި މެޑަމް ފަޒްނާވެސް ކޮންމެވެސް ވަރަކަށް އުޅުއްވި އެވެ.
އެބޭފުޅުން އެ އުޅުއްވި ދާއިރާއިން ބޭރަށް، ނުވަތަ އެކަމުގައި އެބޭފުޅުން ދެއްކެވި ނަމޫނާއިން މައްޗަށް އެކަން ގޮސްގެން ނުވާނެ އެވެ. ސާޖިދާގެ ކަންތައް މިވަނީ އޭގެ އެތައް ގުނައެއް މައްޗަށް ގޮސްފަ އެވެ. ހަގީގަތަށް ދަންނަވާނަމަ އޭނާގެ ކަންތައް މިހާރު މިވަނީ ހައްދުން ނައްޓާފަ އެވެ. ހަމަ ސީދާ އަދަދުތަކަށް ބަލާނަމަ، ރައީސް މުއިއްޒުގެ ޕަބްލިކް އެންގޭޖްމަންޓް ތަކަށްވުރެ މެޑަމް ސާޖިދާގެ އެންގޭޖްމަންޓްތައް ފެންނަނީ ގިނަކަމުގަ އެވެ.
މި ވެރިކަމުގެ ތެރޭގައި ސާޖިދާގެ ބާރު މާ ގަދަވުމަކީ ރައީސް މުއިއްޒުގެ ޖިންސީ ފަލީހަތްތަކުގެ ސަބަބުން މެދުވެރިވާ ކަމެއް ކަމުގައި ބަލާނެ ޖާގަ އެބައޮތެވެ. އެފަދަ ކަންކަމާމެދު ކޯފާ ގަދަވެގެންގޮސް ރައީސް މުއިއްޒުގެ ކިބައިން ސާޖިދާ ބަދަލު ހިއްޕަވަނީ ބާވައޭވެސް ބައެއް ފަހަރު އަޅުގަނޑުގެ ހިތަށް އަރަ އެވެ. ޝައްކެއްވެސް ނެތެވެ. އަނތްބެއްގެ ހައިސިއްޔަތުން އެއީ އޭނާއަށް ފުން އަސަރުތަކެއް ކުރުވާނެ ކަމެއްކަމަށް އަޅުގަނޑު ފުރިހަމައަށް އިއްތިފާގުވަމު އެވެ.
ސީދާ ރައީސް އޮފީހުގެ ތެރޭގައި އަހުލާގީ ގޮތުން ނާޖާއިޒު އަމަލެއް ހިންގެވި ކަމުގެ ތުހުމަތު، މީގެ ކުރިން ރާއްޖޭގެ އެއްވެސް ވެރިއެއްގެ މައްޗަށް ކުރެވިފައެއް ނުވެ އެވެ. ނަމަވެސް، އެފަދަ ތުހުމަތެއް މިވަނީ ރައީސް މުއިއްޒުގެ މައްޗަށް އަމާޒުވެފަ އެވެ. އާންމުންގެ ތެރޭގައި އެންމެ ބޮޑަށް ދެކެވޭ ހާދިސާގެ އިތުރުން، މިފަދަ އެހެން މައްސަލަތަކުގެ އަޑުތައްވެސް ވަނީ ފެތުރިފަ އެވެ.
ބަޔަކު މީހުން ރައީސް މުއިއްޒުގެ މައްޗަށް ގަޒުފް ކުރިކަމަށް ދައުވާއެއް އުފައްދަވައިގެން އުޅުމަކީވެސް ހަގީގަތުގައި ވަރަށް ހެއްވާ ކަމެކެވެ. ގަޒުފުގެ މައްސަލައެއްގެ ފުރިހަމަ ތަހުގީގެއް ހިންގާނަމަ، ޒިނޭއާ ހަމައަށް ނުގޮސް އެ ތަހުގީގު ދެކޮޅު ޖައްސާނީ އަޅެފަހެ ކިހިނަކުން ހެއްޔެވެ؟
އެހެންކަމުން، ގަޒުފުގެ މައްސަލައަކީ ހަގީގަތުގައި އަދުލުއިންސާފުގެ ދާއިރާއިން ބޭރުވެ ބަޔަކާމެދު ހިންގޭ މުޑުދާރު ޖަރީމާއެކެވެ. ބައެއްގެ ހައްގަށް އަރައިގަތުމެކެވެ. ހަމަ މިހާރުން މިހާރުން އެ ދައުވާ ބާތިލުކޮށް، ތަހުގީގީ، އަދި ޝަރުއީ ނިޒާމުގެ ގައިދުތަކުން އެބޭފުޅުން މިނިވަން ކުރަންޖެހެ އެވެ. އެބޭފުޅުންނަކީ ފުރިހަމަ މައުސޫމުންނެވެ.
ރައީސް އޮފީހުގެ ހަރިންމަ ތެރޭގައި، ސީދާ ރައީސުލްޖުމްހޫރިއްޔާގެ ހިމާޔަތް ލިބިގެންހުރެ ޒުވާން ނޫސްވެރިއަކު ރައީސް މުއިއްޒަށް ދެންނެވި ވަރަށް ސާދާ، އަދި މައުސޫމް ސުވާލެއް ތަހައްމަލުކޮށް ނުލެއްވިގެން، ބާރުގެ ބޭނުން ކުރައްވައިގެން ވަގުތުން އޭނަ މާލަމުން ނެރުއްވައި، އަދި އެވަރުން ނުފުދިގެން އޭގެ އަނެއް ދުވަހު އޭނަ ގެންގޮސް ޖަލަށް ލުމަކީ ރައީސް މުއިއްޒު ކުރެއްވި ވަރަށް ނާތަހުޒީބު، ދަށު ދަރަޖައިގެ އަމަލުތަކެވެ. މުޑުދާރު ޖަރީމާއެއްމެ އެވެ.
ރައީސުލްޖުމްހޫރިއްޔާއަކީ މިއަށްވުރެ ފުދޭ، ފާޓުފުޅާ ބޭފުޅަކަށް ވާންވާނެ އެވެ.
މީގެ ކުރިން ރާއްޖޭގެ ވެރިކަން ކުރެއްވި ބޭފުޅުންނާމެދުވެސް ވަރަށް ދޭސީ ވަނަންތައް މީހުން ބޭނުން ކޮށްފައިވެ އެވެ. ނަމަވެސް އެއިން ބޭފުޅަކު އެކަންކަމަކާ މާ ކަންބޮޑުވެ ވަޑައިގެން އުޅުއްވިތަނެއް ފެނިފައެއް ނުވެ އެވެ. ކަރުކުރުބައިސާ، ގޮޅާބޯ، ރާގޮނޑިރާޖާ، ގާންޖާބޯ، ވަގު، ޗޯރު، މިފަދަ އެތައް ނަމެކެވެ. ހަގީގަތުގައި ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނަވާ ބޭފުޅަކީ ވަރަށް "ހަންބޯ" ބޭފުޅަކަށް ވާންވާނެ އެވެ.
އިސްލާމީ އުސޫލުން ބަލާނަމަ ރައީސުލްޖުމްހޫރިއްޔާ އަކީ ދައުލަތުގެ، އަދި ސަރުކާރުގެ އެންމެ މަތީ ވެރިޔާއަށްވުމުގެ އިތުރަށް ހުރިހާ ރައްޔިތުންގެ އިސް ބެލެނިވެރިޔާވެސްމެ އެވެ. ނުވަތަ ރައްޔިތުންގެ ބައްޕަ އެވެ. ބައްޕަ ވާންވާނީ ދަރިންނަށް ރަހުމުކުރާ މީހަކަށެވެ. ދަރިންގެ ފުށުން ފެންނަ ނޭއްދާރުކަން ބަރުދާސްތު ކުރައްވާ ބޭފުޅަކަށެވެ. ހުދު ތިމާއާމެދު އެމީހުންގެ ފުށުން ފެންނަ ކުދިކުދި ކަންތައްތަކަށް ހަރުކަށި އުގޫބާތް ދޭ މީހަކަށް ބައްޕަ ވެގެން ނުވާނެ އެވެ.
ގައުމުގެ ހައްގުގައި، ނުވަތަ އެހެން ފަރުދުންގެ ހައްގުގައި މީހުން ކުރާ ކުށްތަކަށް ލަހެއްފަހެއް ނެތި އަދަބު ދޭންވާނެ އެވެ. އެއީ އެކަމުގައި ސުވާލެއް، ޝައްކެއް އޮތް މައްސަލައެއް ނޫނެވެ.
ދިވެހި ރައްޔިތުން ވެރިކަމަށް އިންތިހާބު ކޮށްފައިވަނީ ސާޖިދާ މުހައްމަދެއް ނޫނެވެ. ނަމަވެސް މ. ދިމްޔާޠު ޑރ. މުޙައްމަދު މުއިއްޒެވެ. ވެރިކަމުގެ އެއްވެސް ޒިންމާއެއް އުފުއްލަވަން ސާޖިދާ އުޅުއްވައިގެން ނުވާނެ އެވެ. ހަމަ އެއްގޮތަކަށްވެސް އުޅުއްވައިގެން ނުވާނެ އެވެ. ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވައިގެން ހުންނެވީ ޑރ. މުހައްމަދު މުއިއްޒެވެ. މެޑަމް ސާޖިދާ މުހައްމަދެއް ނޫނެވެ. މި ދެ ބޭފުޅުންނަށްވެސް މިކަން ނިކަން ރަނގަޅަށް ވަޒަން ކުރެއްވެން އެބަޖެހެ އެވެ. އަދި ދައުލަތުގެ އެކިއެކި މަސްއޫލިއްޔަތުތަކާ ހަވާލުވެގެން ތިއްބެވި ބޭފުޅުންނަށްވެސް މިކަން ނިކަން ރަނގަޅަށް ވަޒަން ކުރެއްވެންޖެހެ އެވެ.
އަނެއް މައްސަލައަކީ ރައީސް މުއިއްޒަށް ގަވަނަންސްއާއި، ފިސްކަލް ޕޮލިސީ މެނޭޖް ކުރައްވަން އެނގިވަޑައި ނުގަތުމެވެ. އަދި އެއާއެކު، އޭނާގެ ބޯހަރުކަމާއި، އަމިއްލަގޮތް ބޮޑުކަމާއި، މަވެތިކަމާއި، ކޯފާ ގަދަކަމެވެ. ރައީސް މުއިއްޒުގެ ކަންތައް މިހުރީ، ކަޅާއިހުދުގެ ޒަމާނުގެ މަޝްހޫރު ހިންދީ ލަވައެއްގައި ވާފަދައިންނެވެ.
"ބޭގާނީ ޝާދީމޭނ ޢަބްދުﷲ ދީވާނާ، އޭސޭ މަންމޯޖީކޯ މުޝްކިލްހޭ ސަމްޖާނާ." (ފިލްމް: ޖިސް ދޭޝް މޭނ ގަންގާ ބެހެތީހޭ)
މާނައަކީ؛ ބީރައްޓެހި އަންހެނާގެ ކައިވެނީގައި އަބްދުﷲ އުޅެނީ ދީވާނާ ވެގެންނެވެ. މިފަދަ ބޯހަރު، އަމިއްލަ ގޮތް ބޮޑު މީހަކަށް އެއްޗެއް ވިސްނައިދިނުމަކީ އުނދަގޫ ކަމެކެވެ.
އެންމެ ބޮޑު މައްސަލައަކީ ހުރިހާ އެއްޗެއް އެންމެ މޮޅަށް އެނގިވަޑައިގަންނަވަނީ ހުދު ތިމާއަށްކަމަށް ހީފުޅުވުމާއި، ތިމާ ނޫން މީހަކީ އެއްވެސް މީހެއް ނޫންކަމަށް ހީފުޅުވުމެވެ. އެހެން ގޮތަކަށް ދަންނަވާނަމަ ވެރިކަމަކީ ތިމާގެ އަމިއްލަ މިލްކެއްކަމަށް ދެކެވަޑައިގަތުމެވެ. މިހުރީ ވަރަށް ދެރަ ކަންތައްތަކެވެ.
އެމަނިކުފާނަށް ގަވަނަންސް އެނގިވަޑައި ނުގަތުމުގެ ހެއްކަކީ، ގާބިލު މީހުންނާ ކަންކަން ހަވާލު ކުރައްވައިގެން އެމީހުން މެދުވެރި ކުރައްވައިގެން (ޑެލިގޭޓް ކުރައްވައިގެން) ކަންކަން ކުރެއްވުމުގެ ބަދަލުގައި ހުދު އަމިއްލަފުޅަށް ހުރިހާ ކަމެއްގެ ތެރެއަށް ވަދެވަޑައިގަތުމެވެ. މިއީ "މައިކްރޯމެނޭޖް" ކުރުމެވެ. މިކަން ކުރަން މީހަކު އުޅެފިނަމަ އެމީހެއްގެ ސިކުނޑި ސުމަކަށްދާނެ އެވެ. ސަބަބަކީ، ކޮންމެ އިންސާނެއްގެ ސިކުނޑިއަށްވެސް ތަކާނީ ވަކި މިންވަރަކަށް ކަމަށްވާތީ އެވެ.
މިގޮތަށް ކަން ކުރައްވަން އުޅުއްވުމުގެ ސަބަބުން ރައީސް މުއިއްޒު މިހާރު އެހުންނެވީ ހަތަރުއުދަރެސް ފެނުޖެހިވަޑައިގެންފަ އެވެ. ގަވަނަންސް ދެނެވަޑައިގަންނަވާ ބޭފުޅެއް ނަމަ އޭނާ ކަންކުރައްވާނީ ހަމަތަކާއި، އުސޫލުތަކުގެ މައްޗަށެވެ. ހުދު ތިމާގެ އަމިއްލަ ވަހުމީ ހިޔާލުތަކުގެ މައްޗަކަށް ނޫނެވެ. ކުއްލިކުއްލިއަށް އުފެދޭ ޖަޒުބާތީ އޮއިވަރުތަކުގެ މައްޗަކަށް ނޫނެވެ.
މީގެ ކުރިން އެއްވެސް ވެރިޔަކަށް ލިބިވަޑައި ނުގަންނަވާ ވަރުގެ މަތީ އަގުލަބިއްޔަތެއް ރައްޔިތުންގެ މަޖިލީހުން ލިބިވަޑައިގެންފައިވުމުން އޭނާ ކުރައްވަންވީ ކަމަކީ ދައުލަތުގެ ޖުމުލަ ނިޒާމުގައި ހުރި އުނި ކަންތައްތައް އަދާހަމަ ކުރައްވައި، ފުރިހަމަ ކުރެއްވުމެވެ. މުޅި ނިޒާމު ވަށައިޖެހިގެން އޭގެ އަމިއްލަ ޒާތުގައި ލޮނދިކޮށް ހިނގާނެ ގޮތް ކަށަވަރު ކުރެއްވުމެވެ. ނަމަވެސް މިކަން ކުރައްވާކަށް އޭނަ ހަމަ އެއްގޮތަކަށްވެސް ނޫޅުއްވަ އެވެ.
މެކްރޯއިކޮނޮމިކްސްގެ އަސާސްތައް ރަނގަޅު ފެންވަރަކަށް އެނގިފައި ނެތް މީހަކަށް ރާއްޖޭގެ ވެރިކަމެއް ނުކުރެއްވޭނެ އެވެ. ރައީސް ނަޝީދަށްވީ އެހެންނެވެ. ރައީސް މުއިއްޒަށް ވެސް ވެގެންއުޅެނީ އެހެންނެވެ. އެކި ކަންކަމާގުޅޭ ހާއްސަ މުޝީރުން ތިއްބެވުމަކީ އަދި ވަކި ކަމެކެވެ. މުޝީރުން ތިއްބެވި ކަމަށްވިޔަސް، ހުދު ރައީސުލްޖުމްހޫރިއްޔާ އަށްވެސް އެ އިލްމު، ނުވަތަ ފަންނު ފުދޭވަރަކަށް އެނގިވަޑައިގެންފައި އޮތުން އަޅުގަނޑު ދެކޭ ހަމައިގައި ކޮންމެހެން ލާޒިމެވެ.
ރައީސް މުއިއްޒަށް ހީފުޅުވީ، ތިމަންނާގެ އަތްޕުޅުގައި ވެރިކަމުގެ ހުރިހާ ބާރެއް އޮތީމާ ދެންހަމަ ކޮންމެ ކަމެއްވެސް ކޮށްލެއްވޭނެ ކަމަށެވެ. ނަމަވެސް އިގުތިސާދާއި، މާލީ ކަންތައްތަކަކީ އެހެން ހިންގޭނެ ކަންތައްތަކެއް ނޫނެވެ.
ހަގީގަތުގައި ރައީސް މުއިއްޒަށް ކުރިމަތިވެ ވަޑައިގެންނެވި އެންމެ ބޮޑު މައްސަލައަކީ ހުރިހާ ބާރެއް އަތްޕުޅަށް ޖަމާ ކުރެއްވުމެވެ. އޭނާ ހީފުޅުކުރެއްވީ އެއީ ވަރަށް މޮޅު ކަމެއްކަމުގަ އެވެ. ނަމަވެސް އޭނާގެ އަސްލު އިމްތިހާން ފެށުނީ އެ ހިސާބުންނެވެ. ހުރިހާ ބާރެއް އަތްޕުޅުގައި އޮވެމެ އެއްވެސް ކަމަކަށް އަމަލީ ހައްލެއް ނުގެންނެވުނީ އެވެ. ހުރިހާ ކަމަކުންމެ ބޮޑުތަނުން ފޭލިވެ ވަޑައިގަތީ އެވެ. ދައުލަތުގެ ހުރިހާ ބާރުތަކެއް އަތްޕުޅުގައި ޖަމާވެފައި އޮތުމުން އެއްވެސް ކަމަކުން ފޭލިވެވަޑައިގަތުމަކަށް އޭނާއަކަށް އެއްވެސް އުޒުރެއް، ބަހަނާއެއް ނެތެވެ.
ވެރިކަން ކުރައްވާނީ ބައްޕާފުޅުގެ ފޮތުންނޭ ވިދާޅުވުން
މިއީ، ކޮން ގޮތަކުން ލިބިވަޑައިގަތް ވިސްނުންފުޅެއް ބާވައޭ އަޅުގަނޑުގެ ހިތަށް އަރަ އެވެ. ހިތްޕުޅުން ކުރެއްވީ ވަރަށް "މޮޅު" ކަމެކެވެ. ނަމަވެސް މިހުރީ ކުޑަކުދިން ކުރާ ޒާތުގެ ކުޅޭކުޅޭ ކަންތަކެވެ. ކޮންމެވެސް "ގަދަ" މުޝީރަކު އެރުވި މާ މޮޅު މަޝްވަރާ އަކަށްވުންވެސް ވަރަށް އެކަށީގެންވެ އެވެ. އެކަހަލަ ވަރަށް ގިނަ މުޝީރުންވެސް އެމަނިކުފާނުގެ އަރިހުގައި ވަރަށް ގެންގުޅުއްވާ ވިއްޔާ އެވެ.
ބައްޕާފުޅުގެ ފޮތުގައި އޮތް ގޮތުން ކަމަށްވާނަމަ ރައީސް މުއިއްޒު މިހާރު އެހުންނެވީ ބާރުގެ ބޭނުން ކޮށްގެން އަޒުލު ކުރަންޖެހޭ ހާލަތުގަ އެވެ. އަޅުގަނޑު މިދެންނެވީ އެފޮތުގައި އޮތް ގޮތެވެ. ހުދު އަޅުގަނޑު އެގޮތަށް ވަކާލާތު ކުރަނިއްޔެއް ނޫނެވެ. އަދި އެހެންނޫނަސް، އެ ފޮތުގައި އޮތް އެންމެ މުހިންމު މައުލޫއަކީ ވެރިކަމުގެ މަސްތެވެ. މައިގަނޑު ގޮތެއްގައި މުސައްނިފް އެކަން ނިސްބަތް ކުރެއްވީ ރައީސް މައުމޫނަށެވެ. ނަމަވެސް އެ ބަލި އެންމެ ގަދައަށް ޖެހިވަޑައިގެންފައި މިހުންނެވީ މުސައްނިފްގެ އަމިއްލަ ދަރިކަލުންނަށެވެ. އެތަން ދެކެވަޑައިގަންނަވަން މުސައްނިފް މިއަދު ދުނިޔޭގައި ނެތް ކަމާމެދު އަޅުގަނޑު ﷲ އަށް ހަމްދު ކުރަމެވެ.
އެހެންވީމާ ބައްޕާފުޅުގެ ފޮތުގެ ވާހަކަ ދެއްކެވުންވެސް ރައީސް މުއިއްޒަށް މިވީ ހެއްދެވުނު ބޮޑު ގޯހަކަށްތާ އެވެ. ތިމާއަށް މޮޅެއް ލިބުން ފިޔަވައި އެކަން މިވީ އަމިއްލަފުޅަށް އިތުރު މަޅިއެއްގެ ތެރެއަށް ނުހަނު ރީތިކޮށް މެހެވުމަށެވެ.
އެ ފޮތުގައި ބަޔާން ކުރައްވާފައިވާ އުސޫލުތަކާ އެއްގޮތަށް މުސައްނިފް ކަންތައް ކުރައްވާނަމަ، އޭނާއަށް ޖެހިވަޑައިގަންނަވާނީ ހަދު އަމިއްލަ ދަރިކަލުންނާ އިދިކޮޅަށް ތެދުވެވަޑައިގަންނަވާށެވެ. ﷲ ގެ ރަހުމަތްފުޅުން މިއަދު ދުނިޔޭގައި ނެތުމުން އެ ފިތުނައިން އޭނާ އެވަނީ ސަލާމަތް ވެވަޑައިގެންފަ އެވެ. ﷲ އަށް ހަމްދު ހުށްޓެވެ.
ސަރުކާރުން އަޅާ ކޮންމެ ފިޔަވަޅެއްގެ، ހިންގާ ކޮންމެ ސިޔާސަތެއްގެ ނަތީޖާއެއް އޮންނާނެ އެވެ. އަދި އެ ނަތީޖާއިންވެސް ނަތީޖާ ނިކުންނާނެ އެވެ. މިކަން ވަޒަން ނުކުރެއްވޭ ބޭފުޅުން އެ ބޭފުޅުން ހިތްޕުޅުހުރި ގޮތަކަށް ކަންކަން ކުރައްވަން އުޅުއްވީމާ ނިކުންނާނީ އިންތިޒާރު ކުރައްވާ ނަތީޖާތައް ފިޔަވައި މުޅީން އެހެން ނަތީޖާތަކެކެވެ.
ޑޮލަރު މާރުކުރަން މަޖުބޫރު ކުރެއްވުމުން، ނުވަތަ ޑޮލަރާބެހޭ ގާނޫނެއް ހެއްދެވުމުން އެކަމުން ރައްދު ނަތީޖާތަކެއް (ރިއެކްޝަންތަކެއް) ނިކުންނާނެކަމަކަށް ރައީސް މުއިއްޒަކަށް ވަޒަނެއް ނުކުރެއްވުނެވެ. މިކަމުގައި ރައީސް ނަޝީދުވެސް އުޅުއްވީ ހަމަ ދާދި އެއްކަހަލަ ގޮތަކަށެވެ. ނަމަވެސް، ރައީސް ނަޝީދުގެ ކަންތަކަކީ 14 އަހަރު ވެފައިވާ މާޒީކަމުގައިވުމުން ރައީސް މުއިއްޒަށް އެކަމުން ފިލާވަޅު ނުނެންގެވުނުކަމީ އޭނާގެ ނިކަމެތިކަމެވެ.
އެއްކޮޅުން ކުންފުންޏެއް، ނުވަތަ ޕާޓީއެއް ހިންގުމާއި، އަދި އަނެއްކޮޅުން ގައުމެއް ހިންގުމަކީ ވަރަށް ތަފާތު ދެ ކަމެކެވެ. މުޅީން ތަފާތު ދެ ފަންނެކެވެ. މުޅީން ތަފާތު ދެ ސަތަހައެކެވެ.
އަޅުގަނޑު ހައިރާންވެ އަންތަރީސްވާ ކަމަކީ، ރައީސުލްޖުމްހޫރިއްޔާކަމުގެ ކުރިން ދައުލަތުގެ އެންމެ މަތީ ފެންވަރުގެ މަގާމުތައް ނުވަ އަހަރާ ކައިރިޔަށް ފުރުއްވާފައި ވާއިރުވެސް މިވަރަށް ރައީސް މުއިއްޒު ފޭލްވެވަޑައިގަތުމެވެ.
ކައިރި މާޒީގައި އެތައް ވެރިންނެއްގެ ތަޖުރިބާ ރައީސް މުއިއްޒުގެ ކުރިމަތިފުޅުގައި ދިމާއަށް ފެންނަން އޮތުމާއެކު، އަދި އެހުރިހާ ބޭފުޅުންގެ އަރިހުން މަޝްވަރާ އެއްސެވުމުގެ ފުރުސަތުވެސް އޭނާއަށް ބޮޑުކޮށް ތަނަވަސްވެފައި އޮތުމާއެކު، ވެރިކަން ކުރެއްވުން ރައީސް މުއިއްޒަށް ވާންޖެހޭނީ ވަރަށް ފަސޭހަފުޅު ކަމަކަށެވެ. ނަމަވެސް އެ ފުރުސަތުގެ ބޭނުން ނުހިއްޕަވައި އޭނާ ހިޔާރު ކުރެއްވީ ހުރިހާ ކަމެއް އަލިފުން ފެށިގެން އެކްސްޕެރިމެންޓް ކުރެއްވުމުގެ މަގެވެ.
ޑޮލަރުގެ އަގާ ގުޅިގެން ރައްޔިތުންނާއި، ވިޔަފާރިވެރިން އެތައް ބުރައެއް ތަހަންމަލު ކުރަންޖެހޭ އިރުވެސް އެވާހަކަވެސް ދެއްކުން މިވަނީ މަނާވެފަ އެވެ. މިގޮތަށް މީހުންގެ ސިކުނޑިއާއި، ދުލުގައި ތަޅު އަޅުވައިގެން އުޅެން ހެޔޮވާނެ ހެއްޔެވެ؟ އަމުދުން އެއީ މިޒަމާނާ ގުޅޭ ކަމެއް ހެއްޔެވެ؟ ވެރިކަމަކީ ބޮޑު އަމާނަތެކެވެ. އެއީ ރައްޔިތުންނަށް އަނިޔާވެރިވުމަށް ބޭނުންކުރަން އޮތް ބާރެއް ނޫނެވެ.
ގަވަނަންސް އާއި، ފިސްކަލް ސިޔާސަތު މެނޭޖް ކުރައްވަން އޭނަ ދެނެވަޑައި ގަންނަވާނަމަ، 01 އޮކްޓޫބަރ 2023 ދުވަހު (ހުވާ ކުރެއްވުމުގެ 1 މަހާއި 16 ދުވަސް ކުރިން) ހުރިހާ ސްޓްރެޓެޖީއެއް އޭނަ ރާވައިލެއްވީހެވެ.
ފަހެ، ފިނޭންސް މިނިސްޓްރީއާއި، އެމްއެމްއޭ. އާއި، މީރާގެ ހުރިހާ ހިސާބުތަކާއި، ރިޕޯޓްތަކާއި، އަންދާޒާތައް އޭނާގެ ކުރިމަތިފުޅުގައި އެ ދުވަހު ހުންނާނެ އެވެ. ދައުލަތުގެ ދަރަނި ހުރި ވަރާއި، އާމްދަނީގެ އަންދާޒާތަކާއި، ދަރަނި އަދާކުރަން ހޭދަކުރަންޖެހޭނެ މިންވަރާއި، މި ހުރިހާ އެއްޗެއްގެ ސާފު، އަދި ފުރިހަމަ މައުލޫމާތު އޭނާގެ ކުރިމަތިފުޅުގައި އެދުވަހު ހުންނާނެ އެވެ.
ކުރު ރާސްތާއާއި، މެދު ރާސްތާއާއި، ދުރު ރާސްތާގެ އިގުތިސާދީ، އަދި މާލީ އަމާޒުތައް އެ ދުވަހު އޭނާ ރާވައިލައްވަން ޖެހޭނެ އެވެ. ނަމަވެސް އޭނާ އެކަމެއް ނުކުރައްވަ އެވެ. ކުރައްވަން އެނގިވަޑައި ނުގަތީކަމަށްވެސް ވެދާނެ އެވެ. ނޫނީ ކަންފަސޭހަ ކޮށްލެއްވީ ކަމަށްވެސް ވެދާނެ އެވެ. އިހުލާސްތެރި ނިޔަތެއް ނެތީ ކަމަށްވެސް ވެދާނެ އެވެ.
ކުރިއްސުރެވެސް އޮތީ ވެރިކަމުގެ ލައްޒަތު ފުރިހަމައަށް ލިބިގަތުމާއި، ނާޖާއިޒު ގޮތުގައި މުއްސަނދިކަން ހޯއްދެވުމުގެ ނިޔަތް ކަމަށްވެސް ވެދާނެ އެވެ.
އެ ދުވަހު އޭނާއަށް އެ މަސައްކަތް ރަނގަޅަށް ކުރެއްވުނުނަމަކާ އެންމެ ފުރަތަމައިނުން 22 މިނިސްޓްރީއެއްވެސް ނުހެއްދެވީހެވެ. އަދި ރައީސް އޮފީސް ތެރެއަށްވެސް 14 ނޫނީ 15 މިނިސްޓަރުންނެއްވެސް ނުލެއްވީހެވެ. އަދި ބައެއް މިނިސްޓްރީ ތަކަށްވެސް ދެ މިނިސްޓަރުންނެއްވެސް ނުލެއްވީހެވެ.
ރައީސް މުއިއްޒުއަށް ވެރިކަން ލިބިވަޑައިގަތީ ކޯލިޝަނަކާ ނުލަ އެވެ. ހަގީގަތުގައި ފެހި ގާނޫނު އަސާސީގެ ދަށުން އެންމެ ފަސޭހައިން ހިންގަން ލިބުނު ސަރުކާރަކީ މިއީ އެވެ. ނަމަވެސް ފެށުނު ހިސާބުންވެސް ސަރުކާރު އޮތީ ބޮއްސުންލާން ފަށާފަ އެވެ. ފަހެ، ސަރުކާރުގެ މަތިފަޑީގައި ބޯ މާގިނަވުމުން (މަތި މާ ބަރުވުމުން) ކަންވާން ފަށާނީ ތިރީގައި ނަކަލު ކޮށްފައިވާ އިނގިރޭސި ހަރުބަސްތަކުގައި ވާފަދައިންނެވެ. (ހ) "Idle hands and mischief". މާނައަކީ "މަސައްކަތެއް ނުކުރާ އަތްތަކުން ކުރާނީ ފަސާދަ އެވެ." (ށ) "Too many hands spoil the broth". މާނައަކީ؛ "މާގިނަ އަތްތައް ޖަމާވެއްޖެނަމަ ސުރުވާތެލި ވާނީ ފަސާދަ އެވެ." އަދި (ނ) "Passing the buck". މާނައަކީ؛ "ތިމަންނައާ ބެހޭ ކަމެއް ނޫނޭ ކިޔާފައި ބޮލުން ނެއްޓުން." މިއެވެ. މި ބަސްތަކުގެ ޝަރަހައެއް ބަޔާން ކުރުމުގެ ބޭނުމެއް އޮތް ކަމަކަށް ނުދެކެމެވެ.
ދިރާސީ ވަކި މާއްދާއެއް ކިޔަވާއިރު އޭގެ ކޯސްވޯކް ފުރިހަމަ ކޮށްފައި ހުރިއްޔާ ސަނަދު ލިބޭނެ އެވެ. އެއްވެސް ހާލެއްގައި އޭގެ މާނައަކީ އިލްމީ ގޮތުން މީހާ ވަކި ހަރުފަތަކަށް ވާސިލުވެފައި ވުމެއް ނޫނެވެ. ތިމާއަކީ އިލްމީ ގޮތުން މާމޮޅު މީހަކަށް ވުމެއްވެސް ނޫނެވެ. ރައީސް މުއިއްޒަށް ވެފައިވަނީ މި ގޮތްކަމަށް ބެލެވެ އެވެ.
ރައީސް މުއިއްޒުއަކީ އަތްޕުޅުގައި ސަނަދު އޮތަސް އެމަނިކުފާނަކީ އިލްމީ ފެންވަރެއްހުރި ބޭފުޅެއް ނޫނެވެ. އިލްމީ ފެންވަރެއް ނެތުމުގެ ސަބަބުން އެމަނިކުފާނުގެ ކިބައިގައި ސަގާފަތެއް، ރީތި އާދަތަކެއް ނެތެވެ. ކަންކަން ކުރެއްވުމުގެ ރީތި ވައްޓަފާޅިއެއް ނެތެވެ. ކަންކަމުގެ އާޖުފާޖު ދެނެވަޑައެއް ނުގަންނަވަ އެވެ. ކުރައްވާ ހުރިހާ ކަމަކުން ކައްޓަރުކަން ފެންނަނީ އެހެންވެގެންނެވެ. އިލްމުވެރިކަމެއް ނެތް އިރު އޭނާގެ ކިބާގައި ހިލްމުވެރިކަމެއްވެސް ނެތެވެ. ހިކުމަތެއްވެސް ނެތެވެ. މިކަމުގެ އެއް ނަތީޖާއަކީ ހުރިހާ ކަމެއް "އެޑްހޮކް" ކޮށް ކުރައްވަން ދިމާކުރެއްވުމެވެ.
މިވެނި ކަމެއް ކޮށްލައްވަން މިއަދު ހިތްޕުޅަށް އަރާވަޑައިގަންނަވާއިރަ އެކަމަކާ އުޅެގަންނަވަނީ އެވެ. އެކަމަކުން ނިކުމެދާނެ ކައިރި، މެދު އަދި ދުރު ރާސްތާގެ ނަތީޖާތަކަށް ވިސްނާ ވަޑައިގަތުމެއް ނޯވެ އެވެ. ކުރިމަގަށް ރާވައިގެން ދުރުރާސްތާގެ އަމާޒުތަކެއް ހާސިލު ކުރެއްވުމުގެ ވިސްނުންފުޅެއް ނުހުރެ އެވެ. އޭނާއަށް އަބަދުވެސް ފެނިވަޑައިގަންނަވަނީ ނޭފަތްޕުޅުގެ ކުރިއާ ހަމައަށެވެ.
އެންމެމަތީ ފެންވަރަށް ކިޔަވައި ވިދާޅުގެން ހުންނެވުމާއި، ރައީސުލްޖުމްހޫރިއްޔާ ކަމުގެ ކުރިން ދައުލަތުގެ އެންމެ މަތީ ފެންވަރުގެ މަގާމުތަކުގައި ނުވަ ވަރަކަށް އަހަރު ހޭދަ ކުރެއްވުމާއި، މަތީ ތައުލީމު ހާސިލު ކުރެއްވުމަށްޓަކައި އިނގިރޭސިވިލާތުގައި އަށް އަހަރު ހޭދަ ކުރައްވާފައިވާ ބޭފުޅަކު ސަރުކާރު ހިންގަވަން އެނގިވަޑައިނުގެން، މާލިއްޔަތު މެނޭޖްކުރައްވަން އެނގިވަޑައިނުގެން، އަދި ޑޮލަރު މައްސަލަ ހައްލު ކުރައްވަން އެނގިވަޑައިނުގެން އުޅުއްވުމަކީ ހައިރާންވާންޖެހޭ ކަންތަކެވެ.
ރައީސް މުއިއްޒުގެ ޝަހުސިއްޔަތުގައި ވަރަށް ބޮޑެތި މައްސަލަތަކެއް އެބަ އުޅެ އެވެ. ނަފުސާނީ ބަލިތަކެއް އޭނަ ތަހައްމަލު ކުރައްވާކަމުގެ އަލާމަތްތައް ފެންނަން އެބަހުރިކަމަށް އެކަންކަން ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވެ އެވެ.
މަގާމާއި، ފައިސާއަށް މާބޮޑަށް ދަހިވެތިވެ ވަޑައިގެންނެވުމަކީވެސް މައްސަލައެކެވެ. ރައީސް މުއިއްޒަކީ ދީންވެރި ބޭފުޅެއްކަމަށް ބަޔަކު ހީކުރިނަމަވެސް އޭނައަކީ އެފަދަ ބޭފުޅެއް ނޫނެވެ. ދީންވެރިކަމުގައި ވަކި ކުލައެއް، ނޫނީ ވަކި މަލައެއް ޖައްސަން އުޅުނީމާ މީހުންނަށް ދީން އޮޅޭ ގޮތް ވެއެވެ. އެފަދަ ގޮތްގޮތަށް ދީންވެރިވުން ދީނުގައި ނޯންނަނީ އެހެންވެގެންނެވެ. މިގޮތަށް ދީނަށް އުޅެން ދިމާކުރުމުން ކަންކަން އިސްފަސްވަނީ އެވެ. ބޮޑެތި ކަންތައް ކުދި ކަންތަކަށްވެ، ކުދި ކަންތައް މާބޮޑެތި ކަންތަކަށް ވަނީ އެވެ.
ފަހެ، ދީންވެރިވުމަކީ މީހާގެ بَاطِن ގައި އޮންނަންޖެހޭ ކަމެކެވެ. ظَاهِر ގައި އޮވެގެންވާނެ ކަމެއް ނޫނެވެ. އެއްވެސް ހާލެއްގައި މީގެ މާނައަކީ ދީނުގައި ކަނޑައެޅިފައިވާ ނަމާދު ފަދަ އަޅުކަންތައް އޭގެ ފުރިހަމަ ގޮތުގައި އަދާ ނުކުރުމެއް ނޫނެވެ. ނަމާދަކީ އެހެން މީހުންނަށް ފެންނަ ގޮތަށް ކުރެވޭ އަޅުކަމެއް ކަމާމެދަކު ޝައްކެއް ނެތެވެ. ނަމަވެސް ظَاهِر އާމެދު މާބޮޑަށް ސަމާލުކަން ދެވިއްޖެނަމަ އެކުރެވޭ ކަމަކީ ކަންދެއްކުމެވެ. އެހިސާބުން އެ ވަދެވެނީ ކުޑަ ޝިރުކުގެ ތެރެއަށެވެ. މިއީ އިލްމުވެރިންގެ މެދުގައި އިއްތިފާގު މައްސަލައެކެވެ.
ވެރިކަމުގެ ދައުރު ފެށުމުގެ ކުރިންވެސް ރައީސް މުއިއްޒުގެ މައްޗަށް ވަކި ބައެއްގެ ނުފޫޒު މާ ގަދަވުމަކީވެސް އޭނައަށް ކުރިމަތިވެ ވަޑައިގެންނެވި ވަރަށް ބޮޑު ގޮންޖެހުމެކެވެ. އެފަދަ އެތައް ބަޔަކު މިހާރުވެސް ސަރުކާރުގެ އެތެރޭގައި އެބަތިއްބެވެ. އޭނާގެ މައްޗަށް ނުފޫޒު ފޯރުވޭނެ އެތައް ބަޔަކު ސަރުކާރުގެ ދާއިރާއިން ވެކިވެފައިވެސް އެބަތިއްބެވެ. ރައީސް މުއިއްޒު މިއަދު އެހުންނެވީ އެތައް މަޅިއެއްގެ ތެރޭގައި ރަނގަޅަށް ބެދިވަޑައިގެންފަ އެވެ.
މި ސަރުކާރުގެ ދުވަސް މިވަނީ ހަމަ އެއްކޮށް ގޮސްފަ އެވެ. އަލުން އަނބުރައި ހޭރިޔާ ކުރެވޭނެ ހަމަ އެއްވެސް ގޮތެއް ނެތެވެ. ދެ ވަނަ ދައުރެއް ކީއްކުރަންތޯ އެވެ، މި ދައުރު ފުރިހަމަ ކުރެއްވޭނެކަމުގެ ޔަގީންކަމެއްވެސް ނެތެވެ. ދެ ވަނަ ދައުރެއްގެ ވާހަކަ ދެއްކެވުން ހަމަ އެއްކޮށް ހުއްޓަވައި ލައްވަންވީ އެވެ. މި ދައުރު ފުރިހަމަ ވުމަކީވެސް ގައުމަށް ހުރި ބޮޑު މުސީބާތަކަށް މެނުވީ ނުވާނެ އެވެ.
ރައީސް މުއިއްޒުގެ ކިބައިގައިވާ ނަފުސިއްޔަތީ ބަލިމަޑުކަންތައް
ވަރަށް ސާފުކޮށް ފެންނަން އޮތް ގޮތުގައި ނަފުސިއްޔަތީ (ނަފުސާނީއެއް ނޫން) ދެ ބަލިމަޑުކަމެއް ކަމުގައިވާ "ނާސިސިޒަމް" އާއި "ސައިކޯޕަތީ"ގެ އަސަރުތައް ރައީސް މުއިއްޒުގެ ކިބައިން ވަރަށް ރަނގަޅަށް ފެންނަން އެބަހުއްޓެވެ.
ނާސިސިޒަމް ގެ އަސަރުތަކުގެ ތެރޭގައި ތިރީގައިވާ ކަންތައްތައް ހިމެނޭކަމަށް ނަފުސިއްޔަތުގެ އިލްމުވެރިން ފާހަގަ ކުރައްވަ އެވެ.
(ހ) އަމިއްލަ ޒާތުގެ މޮޅުކަން ތިމާއަށް އިހުސާސްވުން.
(ށ) އަމިއްލަ ނަފުސަށް ސަނާ ކިޔުއްވުމަށް ލޯބި ކުރުން.
(ނ) އެހެން މީހުންނާމެދު ހަމްދަރުދީ ކުޑަވުން.
ސައިކޯޕަތީގެ އަސަރުތަކުގެ ތެރޭގައި ތިރީގައިވާ ކަންކަން ހިމެނެއެވެ.
(ހ) ރަހުމްކުޑަކަން.
(ށ) ބޭރުފުށުގެ ދަޅައަށް މާބޮޑަށް ސަމާލުކަން ދިނުން.
(ނ) ކުއްލި ކުއްލިއަށް ކަންކަން ކުރަން ބޭނުންވުން.
(ރ) ޖެހިލުން ކުޑަކަން.
(ބ) ކުށުގެ އިހުސާސް ނެތުމާއި، ތައުބާގެ ޝުއޫރު ނެތުން.
މީގެ އިތުރަށް "ސްޕްލިޓް ޕާސަނިލިޓީ" ގެ މައްސަލަތައްވެސް ރައީސް މުއިއްޒުގެ ކިބައިން ފާހަގަކުރެވެ އެވެ. މި ހުރިހާ ކަމެއްގެ ތަފްސީލަކަށް ދިއުމަކީ މިތަންވަޅު މުނާސިބު ކަމެއްކަމަކަށް ނުދެކެވެ. މަޒުމޫން މިހާރުވެސް މާ ދިގު ވެއްޖެއަތީ އެވެ.
ކުޑަވެސް ޝައްކެއް ނެތް ގޮތުގައި ރައީސް މުޢިއްޒު މިހާރު އެހުންނެނީ ތިރީގައިވާ ހަދީސްގައި ވާފަދައިން އަމަލު ކުރެވެންޖެހޭ ފަދަ ހާލަތެއްގަ އެވެ.
قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: «أَفْضَلُ الْجِهَادِ مَنْ قَالَ كَلِمَةَ حَقٍّ عِنْدَ سُلْطَانٍ جَائِرٍ».
"ﷲ ގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީސް ކުރައްވާފައިވެ އެވެ. އެންމެ މަތިވެރި ޖިހާދު ކުރާ މީހަކީ އަނިޔާވެރި ވެރިއެއްގެ ގާތުގައި ހައްގު ބަސް ބުނާ މީހާ އެވެ."
(رَوَاهُ التِّرْمِذِيُّ وَأَبُو دَاوُد وَابْن مَاجَه. وَأَحْمَدُ وَالنَّسَائِيُّ عَنْ طَارِقِ بْنِ شِهَابٍ)
ނޯޓް: މި ހަދީސް ސައްހަކަމަށް މަޝްހޫރު މުޙައްދިޘް الألباني ކަނޑައަޅުއްވާފައިވެ އެވެ.
ރައީސް މުއިއްޒުގެ އަރިހުގައި މިދަނޑިވަޅު ހައްގުބަސް ބުނާ މީހާ އެކުރާ ކަމަކީ އެންމެ މަތިވެރި ޖިހާދު ކަމާމެދަކު ކުޑަވެސް ޝައްކެއް ނެތެވެ. އެކަން ކުރުމުގައި އަޅުގަނޑުމެން ކުރެ އެކަކުވެސް ފަސް ނުޖެހެމާ ހިންގަވާށެވެ.
މީލާދީން 900 އަހަރާ ހަމައަށް ސައްތައިންސައްތަ އިސްލާމީ ދައުލަތެއްގެ ގޮތުގައި އޮތް ގައުމަކަށް ޞަހްޔޫނީން (ޒަޔަނިސްޓުން) ގެނެސްގެން ގައުމުގެ އެ ޝަހުސިއްޔަތު ތަގައްޔަރު ކުރަން އުޅުމަށްވުރެ ބޮޑު އަނިޔާއަކީ ފަހެ ކޮބައިތޯ އެވެ؟ މިކަން އޭނަ ކުރައްވަން އުޅުއްވާކަމުގެ ދަލީލުތައް އެހުރީ މެންދުރުގެ އިރުފަދައިން ދިމާއަށް ފެންނާށެވެ. އެކަން ވަންހަނާކުރަން ބަޔަކު މަސައްކަތް ކުރާ ވަރަކަށް އެބަޔަކު ފަޟީހަތްވުން ނޫން ކަމެއް ނުވާނެ އެވެ.
އަމުދުން ރައީސް މުއިއްޒު އެކަން ކުރައްވަނީ ތިމާވަރުގެ ތަގުވާވެރިޔަކު މުޅި ދުނިޔޭގައިވެސް ނެތްކަމަށް ދެއްކިގެން، ފަތިސް ނަމާދުވެސް ޖަމާއަތުގައި ކުރައްވާ ބޭފުޅެއްކަމަށް ދެއްކިގެން ހުންނަވައިގެން ކަމަށްވެއްޖިއްޔާ އޭނާގެ އަނިޔާވެރިކަމާއި، ނުލަފާކަން އަދި މާ ބޮޑުތާއެވެ.
އުރުދޫބަހުގެ ވަރަށް މަޝްހޫރު ޝާޢިރެއް ކަމުގައިވާ އިސްމާޢީލް މީރަޓީ (1844-1917 މ.) ކިޔުއްވާފައިވެ އެވެ.
بگڑتی ہے جس وقت ظالم کی نیت
نہیں کام آتی دلیل اور حجت
(ބިގަޅްތީހެ ޖިސް ވަޤްތު ޒާލިމްކި ނިއްޔަތު، ނެހީނ ކާމް އާތީ ދަލީލް އޯރު ޙުއްޖަތު.)
މާނައަކީ؛ "އަނިޔާވެރިޔާގެ ނިޔަތް އެކޮޅުކޮޅުން ޖެހިގެންދާ ވަގުތުގައި ދަލީލަކުން ހުއްޖަތަކުން ކުރާނެ މަންފާއެއް ނޯންނާނެ އެވެ."
---
އެޑިޓަރުގެ ނޯޓު: މުހައްމަދު މުޖުތަބާ އާދަމްއަކީ އިޖުތިމާއީ އަދި އިގުތިސާދީ މައްސަލަތަކުގައި ލިޔުއްވާ، އަދި ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރައްވާ ބޭފުޅެކެވެ. އަދާލަތު ޕާޓީ އުފެދުނު ދުވަސްވަރު އެ ޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ވެސް ފުރުއްވާފައިވާ މުޖުތަބާއަކީ ރައީސް މުހައްމަދު މުއިއްޒުގެ ދެބޭންގެ ދެދަރި ބޭބެއެކެވެ. މި ލިޔުމަކީ ލިޔުންތެރިޔާ ފޮނުއްވި ގޮތަށް، ނޫހުގެ އެޑިޓޯރިއަލް ހަމަތަކަށް ފެއްތުމަށްޓަކައި ބައެއް އިބާރާތްތަކާއި އިމްލާގެ ކުށްތައް އިސްލާހުކުރުމަށްފަހު ޝާއިއުކޮށްފައިވާ ލިޔުމެކެވެ. ލިޔުމުގައިވާ ހިޔާލުތަކަކީ ލިޔުންތެރިޔާގެ އަމިއްލަ ހިޔާލެވެ.








