އަންގާރަ ދުވަހަށް ތާވަލުކޮށްފައިވާ އަޑުއެހުމާ ދިމާކޮށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތައްޔާރު ވަނީ "ހަނގުރާމައަކަށް" ކަމަށް އެމަނިކުފާނުގެ ވަކީލު ވިދާޅުވެއްޖެ އެވެ.
ބެލެވޭ ގޮތުގައި ފްލޮރިޑާގައި ހުންނަ ގެކޮޅުން ނިއު ޔޯކް ސިޓީއަށް ޓްރަމްޕް ދަތުރު ކުރައްވާނީ ހޯމަ ދުވަހު އެވެ. އަޑުއެހުންތައް އޮތީ އަންގާރަ ދުވަހު އެވެ.
ޓްރަމްޕްއާ ދެކޮޅަށް ޖިނާއީ ދައުވާ އުފުލަން ނިންމީ އަންހެނަކާ އެކު ބޭއްވި ގުޅުން ސިއްރުކުރަން ފައިސާ ދިން ކަމަށް ތުހުމަތު ކުރާ މައްސަލައިގަ އެވެ.
އަންގާރަ ދުވަހުގެ ކޯޓު އަޑުއެހުމަށް ފަހު ޓްރަމްޕް އެނބުރި ފްލޮރިޑާއަށް ވަޑައިގެން ސަޕޯޓަރުންނާ މުހާތަބު ކުރައްވާނެ ކަމަށް ބެލެވެ އެވެ.
އުމުރުން 76 އަހަރުގެ ޓްރަމްޕް ތުހުމަތު ދޮގުކުރައްވަ އެވެ. އެމަނިކުފާނަކީ އެމެރިކާގެ ތާރީހުގައި ވެސް ޖިނާއީ ދައުވާއެއް ކުރިމަތިވި ފުރަތަމަ ކުރީގެ ރައީސެވެ.
އެމަނިކުފާނުގެ ވަކީލު ޖޯ ޓަކޮޕީނާ ވިދާޅުވީ ޕްރޮސެކިއުޓަރުން އުފުލާ ކޮންމެ ދައުވާއަކާ ދެކޮޅަށް ވެސް ވަރުގަދައަށް މަސައްކަތް ކުރާނެ ކަމަށެވެ.
"އެމަނިކުފާނު ހުންނެވީ ހަނގުރާމައަށް ތައްޔާރުވެގެން. އަޅުގަނޑު ބޭނުންވަނީ ވީ އެންމެ އަވަހަކަށް މިކަން ނިންމައި ކުށެއް ނެތްކަން ސާބިތުކުރަން."
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ވިޔަފާރީގެ މަކަރު ހެދުމާ ގުޅޭ 30 އަށް ވުރެ ގިނަ ދައުވާ ޓްރަމްޕްއާ ދެކޮޅަށް އުފުލާނެ ކަމަށް ބެލެވެ އެވެ.
ޓްރަމްޕްއާ އެކު އޮތް ސިއްރު ގުޅުމުގެ ވާހަކަތައް ކިޔައިދޭން ބޭނުން ކަމަށް ބުނެ، ބަރަހަނާ ފިލްމު ކުޅުމަށް މަޝްހޫރު ސްޓޯމީ ޑެނިއެލްސް ނޫސްތަކަށް ގުޅީ 2016 ވަނަ އަހަރު އެވެ.
އޭނާ ބުނީ އެ ގުޅުން ބޭއްވީ ޓްރަމްޕް އާއި މިހާރުގެ އަނބިކަނބަލުން މެލާނިއާ ކައިވެނި ކުރެއްވި ފަހުން 2006 ވަނަ އަހަރުގައި ކަމަށެވެ.
އެކަމުގެ ހަބަރު ލިބި، ސްޓޯމީ ޑެނިއެލްސްގެ ވާހަކަތައް ހުއްޓުވުމަށް ޓްރަމްޕްގެ ކުރީގެ ވަކީލު މައިކަލް ކޯހެން އޭނާއަށް 130،000 ޑޮލަރު ދިން ކަމަށް ތުހުމަތު ކުރެވެ އެވެ.
އެ އަދަދަށްވާ ފައިސާ ޓްރަމްޕްގެ ފަރާތުން ވަކީލަށް ފޮނުއްވި އެވެ. އެހެން ނަމަވެސް ރަސްމީ ލިޔުންތަކުގައި ބުނީ އެއީ ގާނޫނީ ފީތަކުގެ ގޮތުގައި ދައްކާ ފައިސާ ކަމަށެވެ. ޕްރޮސެކިއުޓަރުން ބުނީ އެއީ ވިޔަފާރި ލިޔުންތައް އޮޅުވާލުން ކަމަށެވެ. އެއީ ނިއު ޔޯކްގައި ޖިނާއީ ކުށެކެވެ.
ޓްރަމްޕް އާއި އެމަނިކުފާނުގެ ސަޕޯޓަރުން ތަކުރާރުކޮށް ވިދާޅުވަނީ ދައުވާ ކުރަން އުޅެނީ ސިޔާސީ ބޭނުމެއްގައި ކަމަށެވެ. މި މައްސަލައިގެ ސަބަބުން 2024 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އަސަރު ކުރާނެ އެވެ.
އެގޮތުން ރިޔާސީ އިންތިހާބަށް ރިޕަބްލިކަން ޕާޓީގެ ޓިކެޓް ހޯދުމަށް ޓްރަމްޕް ހިންގަވާ ކެމްޕެއިނަށް ވެސް އޭގެ ސަބަބުން ހުރަސް އެޅޭނެ އެވެ. މި ވަގުތު އެ ޕާޓީގެ ކެންޑިޑޭޓުންގެ ތެރެއިން އެންމެ މަގްބޫލުކަން ބޮޑީ ޓްރަމްޕަށެވެ.
އެހެން ނަމަވެސް ޖިނާއީ ކުށެއް ސާބިތުވާ ކެންޑިޑޭޓަކު ކެމްޕެއިން ކުރެއްވުމާއި ރައީސްގެ މަގާމު އަދާކުރެއްވުން އެމެރިކާގެ ގާނޫނުން މަނާނުކުރެ އެވެ. ކެންޑިޑޭޓަކު ޖަލުގައި ހުންނެވި ނަމަވެސް ގާނޫނީ ހުރަހެއް ނެތެވެ.










