އެމެރިކާއިން އިތުރު 400 މިލިއަން ޑޮލަރުގެ އަސްކަރީ އެހީ ޔޫކްރެއިނަށް ދޭން ނިންމައިފި އެވެ.
ސެކެޓްރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން ވިދާޅުވީ އޭގެ ތެރޭގައި ހިމާސް އާޓިލެރީ ރޮކެޓާއި ހޮވިޓްޒާ ހިމެނޭނެ ކަމަށެވެ. މިހާރު ވެސް ޔޫކްރެއިނުން ދަނީ ހަނގުރާމައިގައި އެ ތަކެތި ބޭނުން ކުރަމުންނެވެ.
ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ތަކުރާރުކޮށް ވިދާޅުވަނީ ހުޅަނގުގެ އިތުރު އެހީ ބޭނުންވާ ކަމަށެވެ. އެގޮތުން "ރަޝިއާ ހުއްޓުވަން" އިތުރު އާޓިލެރީ ޝެލް ބޭނުންވާ ކަމަށް ވިދާޅުވި އެވެ.

އެމެރިކާއިން ފޮނުވާ އިތުރު އަސްކަރީ އެހީގެ ތެރޭގައި "ޓެކްޓިކަލް ބްރިޖު" ވެސް ހިމެނެ އެވެ. ބެލެވޭ ގޮތުގައި ޔޫކްރެއިނުން ދަނީ ގެއްލުނު ބިމުގެ ބައިތައް ހޯދަން ބޮޑު އޮޕަރޭޝަނަކަށް ތައްޔާރުވަމުންނެވެ.
މިހާރު އެންމެ ބޮޑަށް ހަނގުރާމަ ކުރިއަށް ދަނީ އިރުމަތީ ބަހްމޫތު ސިޓީގަ އެވެ. އެ ސިޓީގެ މަގުތަކުގައި ހަމަލާ ބަދަލުކުރަމުން ދިޔަ ނަމަވެސް، ރަޝިއާއަށް އަދިވެސް އެތަން ހިފޭ ގޮތެއް ނުވެ އެވެ.
އޭގެ އިތުރުން މިދިޔަ ސެޕްޓެމްބަރު މަހު ރަޝިއާގެ ސިފައިން ދޫކޮށް ދިޔަ ހާރްކީވް ސަރަހައްދުގެ ކުޕިއާންސްކް ސިޓީގެ އިރުއުތުރުގައި ދިރިއުޅޭ އާއްމުން އިވެކުއޭޓް ކުރަން ބުރާސްފަތި ދުވަހު އެންގި އެވެ.










