އިންޑޮނޭޝިއާގެ ޖަކާޓާގައި މިހާރު ކުރިއަށްދާ އޭޝިއަން ރައިފަލް/ޕިސްޓަލް ކަޕް 2023 ގައި ގައުމީ ޝޫޓިން ޓީމްގެ މެންބަރުން ގައުމީ ތިން ރެކޯޑެއް މުގުރާލައިފި އެވެ.
މި މަހުގެ 1-10 އަކަށް ޖަކާޓާގައި ކުރިއަށްދާ މުބާރާތުގައި އޭޝިއާގެ 12 ގައުމަކުން 100 އަށް ވުރެ ގިނަ އެތުލީޓުން ވާދަކުރި އެވެ. އިންޑިވިޖުއަލް އިވެންޓްތަކާއި، މިކްސް އިވެންޓްތަކުގެ އިތުރުން ޖޫނިއާ އިވެންޓުތައް ވެސް މި މުބާރާތުގައި ކުރިއަށްދާނެ އެވެ.
މުބާރާތުގައި ރާއްޖޭއިން އިއްޔެ ދެ ގައުމީ ރެކޯޑެއް މުގުރާލި އެވެ. މި ގޮތުން އިއްޔެ ކުރިއަށްދިޔަ 10 މީޓަރު ފިރިހެން އެއާ ރައިފަލްގެ ގައުމީ ރެކޯޑު ރާއްޖޭގެ ކޯޕްރަލް އިބްރާހިމް ޝިފާން ވަނީ މުގުރާލައިފަ އެވެ. ޝިފާން ވަނީ 604.9 ގެ ސްކޯއެއް ހޯދައިފަ އެވެ. މި ރެކޯޑު ކުރިން ހަދާފައިވަނީ އިންޑޮނޭޝިއާގެ ޕަލެމްބަންގްގައި އޮތް 2018 ވަނަ އޮތް އޭޝިއަން ގޭމްސްގަ އެވެ. އެ ފަހަރުގެ ސްކޯ އަކީ 595.2 އެވެ.

ގައުމީ ޓީމްގެ އަންހެން ޝޫޓަރު ސްޓާފް ސާޖަންޓް ޝަރަފިއްޔާ އަބްދުއްރަހުމާން ވަނީ އިއްޔެ 10 މީޓަރު އެއާ ރައިފަލްގެ އަންހެން އިވެންޓުގައި ވާދަކޮށް ގައުމީ ރެކޯޑު މުގުރާލައިފަ އެވެ. އެ ގޮތުން، 2019 ވަނަ އަހަރު އޮތް 13 ވަނަ ސައުތު އޭޝިއަން ގޭމްސްގައި އާސިފާ ޖައުފަރު 589.3 ޕޮއިންޓުން ހާދާފައިވާ ގައުމީ ރެކޯޑު ޝަރަފިއްޔާ މުގުރާލީ 589.6 ގެ ސްކޯއެއް ހޯދައިގެންނެވެ.
މުބާރާތުގައި މިއަދު ޝަރަފިއްޔާ އާއި ޝިފާން ވަނީ 10 މީޓަރު އެއާ ރައިފަލްގެ މިކްސް ޓީމު އިވެންޓުގެ ގައުމީ ރެކޯޑުވެސް މުގުރާލައިފަ އެވެ.
ޝަރަފިއްޔާ އާއި ޝިފާން 592.3 ގެ ސްކޯއަކުން މި ފަހަރު ގައުމީ ރެކޯޑު ހެދިއިރު، ކުރިން މި ރެކޯޑު އޮތީ އާސިފާ ޖައުފަރު އާއި އަބްދުﷲ އިބްރާހިމްގެ އަތުގަ އެވެ. އާސިފާ އާއި އަބްދުﷲ ގައުމީ ރެކޯޑު އެންމެ ފަހުން ހެދީ 2019 ގައި ނޭޕާލްގައި އޮތް ސައުތު އޭޝިއަން ގޭމްސްގައި އެ ކެޓަގަރީ އިން 575 ގެ ސްކޯއެއް ހޯދައިގެންނެވެ.
ބައިނަލްއަގްވާމީ މައިދާނުގައި ރަނގަޅު ކުރިއެރުންތަކެއް ހޯދަމުން އަންނަ ޝޫޓިންގެ އުއްމީދަކީ ކުރިއަށް ހުރި އިވެންޓުތަކުގައި ވެސް ރަނގަޅު ނަތީޖާތަކެއް ނެރެ ގައުމީ ރެކޯޑުތަކެއް މުގުރާލުމެވެ.
އޭޝިއަން ރައިފަލް/ޕިސްޓަލް ކަޕް 2023ގައި ރާއްޖެއާ އެކު ވާދަކުރާ ގައުމުތަކަކީ މެލޭޝިއާ، ނޭޕާލް، ގަތަރު، ހޮން ކޮންގް، ސިންގަޕޫރު، ވިއެޓްނާމް، ދެކުނު ކޮރެއާ، ފިލިޕީންސް، ޖަޕާން، ކުވެއިތުގެ އިތުރުން މުބާރާތް ބާއްވާ ގައުމު އިންޑޮނޭޝިއާ އެވެ.












