ދުނިޔޭގެ އެންމެ ބޮޑު މަހުޖަނުގެ ލަގަބު އަނެއްކާވެސް ޓެސްލާ އާއި ޓްވިޓާގެ ސީއީއޯ އެލޮން މަސްކަށް ލިބިފައިވާ ކަމަށް ބްލޫމްބާގް ބިލިއަނަރުންގެ އިންޑެކްސުން ދައްކައިފި އެވެ.
ފާއިތުވި ދެ މަހު، މަހުޖަނުންގެ ލިސްޓުގެ ދެ ވަނައިގައި އޮތުމަށް ފަހު، މަސްކް އެއް ވަނައަށް އެރީ ޓެސްލާ ކުންފުނީގެ ހިއްސާގެ އަގުތައް މަތިވުމުންނެވެ.
ފޯބްސް މެގެޒިންއިން ޖެނުއަރީ މަހު ރިޕޯޓުކުރި ގޮތުގައި ނޮވެމްބަރު 2021 އިން ފެށިގެން މަސްކަށް ވަނީ 182 ބިލިއަން ޑޮލަރުގެ ގެއްލުމެއް ލިބިފަ އެވެ. އެއީ ދުނިޔޭގެ ތާރީހުގައި މާލީ ގޮތުން މީހަކަށް ލިބުނު އެންމެ ބޮޑު ގެއްލުމެވެ.
މިދިޔަ އަހަރު ޓެސްލާގެ ހިއްސާގެ އަގުތައް ވެއްޓުނީ ޓްވިޓާ ގަންނަން މަސްކް 44 ބިލިއަން ޑޮލަރު ހޭދަކުރުމުންނެވެ. އެހެން ނަމަވެސް، އަނެއްކާވެސް ހިއްސާގެ އަގުތައް ވަނީ އުފުލިފަ އެވެ.
ބްލޫމްބާގްއިން ބުނީ ހޯމަ ދުވަހު ހިއްސާގެ ބާޒާރުތައް ބަންދުކުރި އިރު، މަސްކްގެ މުއްސަނދިކަމުގެ އަގު 187 ބިލިއަން ޑޮލަރަށް އަރާ ކަމަށެވެ.
މިހާރު ދެ ވަނައަށް އެންމެ ބޮޑު މަހުޖަނަކީ ފްރާންސްގެ ލަގްޒަރީ ބްރޭންޑް އެލްވީއެމްއެޗްގެ ސީއީއޯ ބާނަރީ އާނޯލްޓް އެވެ. އެމޭޒަންގެ ޖެފް ބެޒޯސް އަދި މައިކްރޯސޮފްޓްގެ ބިލް ގޭޓްސް ލިސްޓުގައި ހިމެނެނީ އޭގެ ފަހުންނެވެ.










