ސާބިއާގެ ގިނަ ކްލަބްތަކާއި ޗައިނީސް ސުޕަ ލީގުގައި ކުޅެފައިވާ ސާބިއާގެ ފޯވާޑް، ސްޓެފަން މިހައިލޮވިޗް، ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ސޮއިކޮށްފި އެވެ.
މިހައިލޮވިޗް، 28، ސީނިއާ ކެެރިއަރުގައި އެންމެ ފުރަތަމަ ކުޅެފައިވަނީ، 2012-2014 އަށް ސާބިއާގެ ގަދަބާރު، ރެޑްސްޓާ ބެލްގްރޭޑަށެވެ. މިހައިލޮވިޗް، ޔޫތު ކެރިއަރުގައި ވެސް ފެނުނީ ރެޑްސްޓާ އިންނެވެ. އެ ގޮތުން ރެޑް ސްޓާގެ 19 އަހަރުން ދަށު ޓީމަށް ކުޅެފައިވެ އެވެ.
ފޯވާޑް ލައިންގެ އެކި މަގާމަށް ކުޅެވޭ މިހައިލޮވިޗް، ސާބިއާގެ ގިނަ ކްލަބްތަކަކަށް ކުޅުނުއިރު، އޭގެ ތެރޭގައި ފުރަތަމަ ޑިވިޝަނުގެ ކްލަބްތައް ގިނަ އެވެ. ޗައިނީސް ސުޕަ ލީގުގައި މިހައިލޮވިޗް ކުޅެފައިވަނީ މިދިޔަ އަހަރު ކަންގްޒޯ މައިޓީ ލަޔަންސް އަށެވެ. މާޒިޔާއާ ގުޅުމުގެ ކުރިން އޭނާ އެންމެ ފަހުން ކުޅުނީ ސާބިއާގެ ސުޕަ ލީގުގެ ރަޑްނިކީ ނީސް އަށެވެ.
ފުޓްބޯޅައިގެ ސްޓެޓިސްޓިކްސް ބަލަހައްޓާ ޓްރާންސްފާ މާކެޓްގައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ސީނިއާ ކެރިއަރުގައި މިހައިލޮވިޗް ވަނީ ޖުމްލަ އެކު ކުޅުނު، ނުވަ ކްލަބަށް 194 މެޗުން 41 ގޯލު ޖަހައި، 10 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
ރާއްޖޭގެ ފުޓްްބޯޅަ ސީޒަނަށް އެންމެ ފުރަތަމަ ޕްރެކްޓިސް ފެށި ކްލަބަކީ މާޒިޔާ އެވެ. މީގެ ދެ ހަފްތާ ކުރިން މާޒިޔާ އިން ޕްރެކްޓިސް ފެށީ އެ ޓީމަށް މި ސީޒަނުގައި ހަމަޖެއްސި ބަލްގޭރިއާގެ ކޯޗު، އިވާން ވެންކޯވް ކޮލޭވްއާ އެކު އެވެ.
މިހައިލޮވިޗަކީ މާޒިޔާ އިން ގެނައި ބިދޭސީ ދެ ވަނަ ކުޅުންތެރިޔާ އެވެ. މާޒިޔާ އިން ވަނީ ރާއްޖޭގެ ގިނަ ކްލަބްތަކަށް ކުޅެފައިވާ މިސްރުގެ މިޑްފީލްޑަރު ހަލީލް ޖަމާލްގެ ސޮއި ވެސް ހޯދައިފަ އެވެ.
މި ފަހަރު މާޒިޔާއާ ގުޅުނު ދިވެހި ކުޅުންތެރިންނަށް ބަލާއިރު، ކުރިން އީގަލްސް އިން ފެނުނު ހުސެއިން ސިފާއު ޔޫސުފް (ކުރޯ)، ހަސަން ރާއިފް އަހުމަދު (ހަންނަ)، އަހުމަދު ނޫމާން (ހެލްމެޓް)، ވެލެންސިއާ އަށް ކުޅުނު އަލީ ފާސިރު (ސެންޓޭ) އާއި މުހައްމަދު ފައިސަލް، ކްލަބް ގްރީން ސްޓްރީޓްސްގެ ހަސަން ނަޒީމް ގާސިމް (ޗޯޓު) އަދި ނިއު ރޭޑިއަންޓަށް ކުޅުނު އުންމީދީ ފުލްބެކް، ޝަމްވީލް މުހައްމަދު (ބޮންޑާ) ހިމެނެ އެވެ.










