ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމައަށް އަހަރެއް ފުރެން ގާތްވެފައި ވަނިކޮށް، ރަޝިއާއަށް ނަސްރު ނުލިބޭނެ ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޖޯ ބައިޑެން ޕޮލޭންޑުގައި ތަގުރީރު ކުރައްވައިފި އެވެ.
"ރަސްކަމެއް އަލުން ބިނާ ކުރުމަށް ނިންމައިގެން ހުރި ހުދުމުހުތާރު ވެރިއަކަށް، މިނިވަންކަމަށް ރައްޔިތުންގެ ހިތުގައި އޮތް ލޯބި ފޮހެ ނުލެވޭނެ،" ޕޮލޭންޑަށް ވަޑައިގެން ބައިޑެން ވިދާޅުވި އެވެ.
"ޔޫކްރެއިންއަކީ، ދުވަހަކު ވެސް، ރަޝިއާއަށް ނަސްރަކަށް ނުވާނެ،" ޕޮލޭންޑުގެ ރޯޔަލް ކާސްލް ބޭރުގައި އެތައް ހާސް ބަޔެއްގެ ކުރިމަތީގައި ވާހަކަދައްކަވަމުން ބައިޑެން ވިދާޅުވި އެވެ.
ބައިޑެން ޕޮލޭންޑަށް ވަޑައިގެންނެވުމުގެ ކުރިން ޔޫކްރެއިންގެ ވެރިރަށް ކިޔެވްއަށް ކުއްލި ދަތުރުފުޅެއް ކުރެއްވި އެވެ. ބައިޑެން ވިދާޅުވީ ކިޔެވް އަދިވެސް އޮތީ ވަރުގަދަކޮށް ކަމަށެވެ.
އޭގެ އިތުރުން އަންގާރަ ދުވަހު ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން ދެއްވި ހިތާބަށް ރައްދު ދެއްވަމުން ބައިޑެން ވިދާޅުވީ "ރަޝިއާއަށް ހަމަލާ ދޭން ހުޅަނގުން ރާވަމުން ނުދާ" ކަމަށެވެ.
"އަވައްޓެރިންނާ އެކު ސުލްހަވެރިކަމާ އެކު ދިރިއުޅެން ބޭނުންވާ ރަޝިއާގެ އެތައް މިލިއަން އާއްމުންނަކީ އަޅުގަނޑުމެންގެ ދުޝްމަނުންނެއް ނޫން."
އެހެން ނަމަވެސް، ހުޅަނގުން މެދުކެނޑުމެއް ނެތި ޔޫކްރެއިނަށް އެހީވަމުން ދާނެ ކަމަށާއި ނޭޓޯ ބައިބައި ނުވާނެ ކަމަށް ބައިޑެން ވިދާޅުވި އެވެ.
މިއީ ފާއިތުވި 12 މަހުގެ ތެރޭގައި ބައިޑެން ޕޮލޭންޑަށް ކުރައްވާ ދެ ވަނަ ރަސްމީ ދަތުރުފުޅެވެ. ބުދަ ދުވަހު ޕޮލޭންޑުގައި ބައިޑެން ބައްދަލުކުރައްވާނީ ނޭޓޯގެ އިރުމަތީ ފަޅީގައި ހިމެނޭ ނުވަ ގައުމުގެ ވެރިންނާ އެވެ.










