ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމައަށް އަހަރެއް ފުރެން ގާތްވެފައި ވަނިކޮށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ޔޫކްރެއިންގެ ވެރިރަށް ކިޔެވްއަށް ކުއްލި ދަތުރުފުޅެއް ކުރައްވައިފި އެވެ.
ހޯމަ ދުވަހު ކުރެއްވި ދަތުރުފުޅުގައި ބައިޑެން ވަނީ ފަސް ގަޑިއިރު ކިޔެވްގައި ހޭދަކުރައްވައި، ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީއާ ބައްދަލުކުރައްވައިފަ އެވެ.
އޭގެ އިތުރުން ހަނގުރާމައިގައި މަރުވެފައިވާ ސިފައިންގެ މީހުންގެ ހަނދާން އާކޮށް، އެމެރިކާ އެމްބަސީގެ މުވައްޒަފުންނާ ވެސް ބައިޑެން ބައްދަލުކުރެއްވި އެވެ.
ޒެލެންސްކީއާ ބައްދަލުކުރެއްވުމަށް ފަހު ދެއްކެވި ވާހަކަފުޅުގައި ބައިޑެން ވިދާޅުވީ ހަނގުރާމައަށް އެއް އަހަރު ފުރޭ އިރު ރަޝިއާއަށް ކިޔެވް ހިފިފައި ނުވާ ކަމަށެވެ.
"އެއް އަަހަރު ފަހުން ކިޔެވް ދެމި އެބަ އޮތް. ޔޫކްރެއިން އެބަ އޮތް. ޑިމޮކްރަސީ އެބަ އޮތް. އެމެރިކާގެ ރައްޔިތުން ތިބީ ޔޫކްރެއިންގެ ރައްޔިތުންނާ އެކު. މުޅި ދުނިޔެ ވެސް އޮތީ ޔޫކްރެއިންއާ އެކު،" ބައިޑެން ވިދާޅުވި އެވެ.
ދަތުރުފުޅުގެ ތެރެއިން ބައިޑެން އިއުލާން ކުރެއްވީ އިތުރު ބައި ބިލިއަން ޑޮލަރުގެ އެހީ ޔޫކްރެއިނަަށް ފޯރުކޮށްދޭނެ ކަމަށާއި އޭގެ ތެރޭގައި އަސްކަރީ ސާމާނު ހިމެނޭނެ ކަމަށެވެ.
މީގެ ކުރިން ވެސް އެމެރިކާއިން ވަނީ 50 ބިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދީފަ އެވެ. އެހެން ނަމަވެސް ޔޫކްރެއިނުން އެދޭ ގޮތަށް ހަނގުރާމަ މަތީ ޖެޓު ފޯރުކޮށްދިނުމަށް އެމެރިކާއިން އަދިވެސް އެއްބަހެއް ނުވެ އެވެ.
ހަނގުރާމަ ފެށި ފަހުން ހުޅަނގުގެ އެހެން ލީޑަރުން ވެސް ވަނީ ޔޫކްރެއިނަށް ވަޑައިގެންފަ އެވެ. އެގޮތުން ފްރާންސްގެ ރައީސް އިމޭނުއެލް މެކްރޯން، ޖަރުމަނު ޗާންސެލަރު އޯލާފް ޝޯލްޒް އަދި އިޓަލީގެ ބޮޑު ވަޒީރު މާރިއޯ ޑްރާގީ އާއި އިނގިރޭސި ބޮޑު ވަޒީރު ރިޝީ ސުނަކް އަދި ކުރީގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަން ކިޔެވްއަށް ވަޑައިގެންނެވި އެވެ.
އެހެން ނަމަވެސް މިއީ ރައީސްގެ މަގާމަށް ވަޑައިގެންނެވި ފަހު ހަނގުރާމައެއް ކުރަމުންދާ ޒޯނަކަށް ބައިޑެން ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.










