މިދިޔަ ސީޒަނުގައި ކްލަބް ގްރީން ސްޓްރީޓްސް އަށް މޮޅު ކުޅުމެއް ދެއްކި ފޯވާޑް، ހަސަން ނަޒީމް ގާސިމް (ޗޯޓު)، ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ސޮއިކޮށްފި އެވެ.
އަންނަ މަހުގެ ފަހުކޮޅުގައި ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށާއިރު، ހަމައެކަނި އެކްޓިވްކޮށް ސީޒަނަށް ތައްޔާރުވުމުގެ މަސައްކަތުގައި ފެންނަނީ މާޒިޔާ އެވެ.
މާޒިޔާ އިން ވަނީ ނުވަ ކުޅުންތެރިންގެ ކޮންޓްރެކްޓް އާ ކުރުމަށް ފަހު، ހަ ކުޅުންތެރިއަކު ސޮއިކުރިކަން އިއުލާނުކޮށްފަ އެވެ.
ޗޯޓުގެ އިތުރުން މާޒިޔާ އިން ވަނީ ކްލަބް އީގަލްސްގެ ހަސަން ރާއިފް އަހުމަދު (ހަންނަ) އާއި ހުސެއިން ސިފާއު ޔޫސުފް (ކުރޯ)، ކްލަބް ވެލެންސިއާގެ މުހައްމަދު ފައިސަލް އާއި މިސްރުގެ މިޑްފީލްޑަރު ހަލީލް ޖަމާލް އަދި ނިއު ރޭޑިއަންޓަށް ކުޅުނު ފުލްބެކް، ޝަމްވީލް މުހައްމަދު (ބޮންޑާ)ގެ ސޮއި ހޯދައިފަ އެވެ.

މިދިޔަ ސީޒަނުގައި ކްލަބް ގްރީން ސްޓްރީޓްސްގެ މެޗެއްގެ ތެރެއިން ޗޯޓު ބޯޅަ ހިފައިގެން.--- ފޮޓޯ: އަދަދު
އާލީ ޓަޗް ފުޓްބޯލް އެކެޑަމީ (އީޓީއެފްއޭ) އިން ތަމްރީންވި ޗޯޓު ވަނީ ރާއްޖޭގެ އުމުރުފުރާ ގައުމީ ޓީމުތަކަށް ކުޅެފަ އެވެ. ރާއްޖޭން 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުން ލޯ މެޑަލް ހޯދިއިރު، އެ ޓީމުގެ ކެޕްޓަނަކީ ޗޯޓު އެވެ.
ށ. ފޯކައިދޫ ފުޓްބޯޅަ ޓީމުން، 2018 ވަނަ އަހަރު، ފުރަތަމަ ޑިވިޝަނުގެ ކެރިއަރު ފެށި ޗޯޓު، 21، ވަނީ ލޯން އެއްބަސްވުމެއްގެ ދަށުން 2020 ވަނަ އަހަރު ކްލަބް އީގަލްސް އަށް ވެސް ކުޅެފަ އެވެ. އޭގެ ފަހުން، މިދިޔަ އަހަރުތަކުގައި ފެނުނީ ކްލަބް ގްރީން ސްޓްރީޓްސް ކުޅުންތެރިއެއްގެ ގޮތުގަ އެވެ. އެ ޓީމުގައި އޭނާ ވަނީ މޮޅު ކުޅުމެއް ދައްކައި، ގައުމީ ސީނިއާ ޓީމަށް ވެސް ވަނީ ބަދަލަަކަށް އަރައި، ގިނަ މެޗުތަކެއްގައި ކުޅެފަ އެވެ.
މާޒިޔާ އިން ބިދޭސީ ސްލޮޓެއްގައި ސޮއިކުރި ހަލީލް ވަނީ މީގެ ކުރިން ފުރަތަމަ ޑިވިޝަނުގައި ޓީސީ ސްޕޯޓްސް ކްލަބާއި އއ. މާޅޮހާއި، ށ. ފޯކައިދޫ އާއި ކްލަބް ގްރީން ސްޓްރީޓްސް އަދި ކްލަބް ވެލެންސިއާ އަށް ކުޅެފަ އެވެ. މިދިޔަ ސީޒަނުގައި ހަލީލް ވަނީ ކަކުލަށް ލިބުނު އަނިޔާ އަކަށް ފަރުވާހޯދުމުގެ ގޮތުން އޮޕަރޭޝަނެއް ކޮށްފަ އެވެ.










