ކުރިއަށް އޮތް ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން، ރާއްޖޭގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކްލަބް އީގަލްސް އަށް ކުޅެމުން އައި ގައުމީ ޓީމުގެ ފޯވާޑް ހަސަން ރާއިފް އަހުމަދު (ހަންނަ)ގެ ސޮއިހޯދައިފި އެވެ.
ހަންނަ، 24، އަކީ އާ ސީޒަނަށް މާޒިޔާ އިން ސޮއިކުރި ފުރަތަމަ ކުޅުންތެރިޔާ އެވެ. މާޒިޔާއާ އެކު ހަންނަ ސޮއިކޮށްފައިވަނީ ތިން އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ.
ކްލަބް އީގަލްސްއާ 2015 އަހަރު ގުޅުމަށް ފަހު 2016 ވަނަ އަހަރުން ފެށިގެން އެ ޓީމަށް ކުޅެމުން އަންނަ ހަންނަ އަކީ އީގަލްސް އިން ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރިއިރު، ވެސް ޓީމުގައި ހިމެނޭ ކުޅުންތެރިއެކެވެ.
އީގަލްސްއާ އެކު ގިނަ ފަހަރުތަކެއްގެ މަތިން، ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައިވާ ހަންނަ އަކީ ފާއިތުވި ދެ ސީޒަނަށް ބަލާއިރު، އީގަލްސްގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދި ކުޅުންތެރިޔާ އެވެ.
ސީނިއާ ގައުމީ ޓީމުގައި ވެސް ހަންނަ އަންނަނީ ފަހަކަށް އައިސް ފުރަތަމަ އެގާރައިގައި ހިމެނިގެން ގިނަ މެޗުތަކެއް ކުޅެމުންނެވެ. ހަންނަ ވަނީ މިދިޔަ އަހަރު މާޗް މަހު، ރާއްޖޭގެ ގައުމީ ޓީމުން ބަންގްލަދޭޝް ބަލިކުރި މެޗާއި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބްރުނާއީ އާއި ލާއޯސް އަތުން ރާއްޖެ މޮޅުވި މެޗުގައި ގޯލު ޖަހައިފަ އެވެ.
މާޒިޔާ އަކީ ފުރަތަމަ ޑިވިޝަނުގައި ހަންނަ ކުޅޭނެ ދެ ވަނަ ކްލަބް އެވެ.

ހަންނަ މާޒިޔާ އަށް ސޮއިކުރުމަށް ފަހު އެ ކްލަބްގެ ޖޯޒީގައި: މާޒިޔާ އަކީ ފުރަތަމަ ޑިވިޝަނުގައި ހަންނަ ކުޅޭނެ ދެ ވަނަ ޓީމު.
އަންނަ މަހުގެ ފަހުކޮޅު ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށަން މަސައްކަތް ކުރަމުން އަންނައިރު، މާޒިޔާ އަކީ އެންމެ ފަހުން ތިން ފަހަރު ވެސް ރާއްޖޭގެ ލީގު ޗެމްޕިއަނެވެ. މިދިޔަ ސީޒަނުގައި މާޒިޔާ އިން ވަނީ ތިން ވަނަ ފަހަރަށް އެފްއޭ ކަޕް ތަށި ވެސް އުފުލާލައިފަ އެވެ.
މިދިޔަ ސީޒަނުގައި މާޒިޔާ އިން ސީޒަން ފެށީ މުހައްމަދު ޝިޔާޒް (މޯހަން)ގެ ކޯޗުކަމުގަ އެވެ. އެކަމަކު، ޕްރެޒިޑެންޓްސް ކަޕަށް ފަހު، މޯހަން ޓީމުން ވަކިވިއިރު، ލީގާއި އޭއެފްސީ ކަޕްގައި މާޒިޔާ އަށް އިރުޝާދުދިނީ ސާބިއާގެ ކޯޗު މިއޮޑްރަގް ޖެސިކް އެވެ. އެކަަމަކު، ލީގު ކަށަވަރުވުމާ އެކު ޖެސިކް، މާޒިޔާ އިން ވަކިވެ، ސައުދީ ކްލަބަކަށް ބަދަލުވި އެވެ. މާޒިޔާ އިން އެފްއޭ ކަޕް ކާމިޔާބުކުރީ އެސިސްޓަންޓް ކޯޗު އަހުމަދު ސުޒޭރުގެ ކޯޗުކަމުގަ އެވެ. މި ސީޒަނަށް މާޒިޔާ އިން އަންނަނީ އާ ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
މާޒިޔާ އިން ވަނީ މިދިޔަ ސީޒަނުގައި އެ ޓީމަށް ކުޅުނު ނުވަ ކުޅުންތެރިއަކުގެ ކޮންޓްރެކްޓް އާ ކޮށްފަ އެވެ.
މާޒިޔާ އިން ކޮންޓްރެކްޓް އާ ކުރި ކުޅުންތެރިންނަށް ބަލާއިރު، ހަމްޒާ މުހައްމަދު، ހަސަން ނާއިޒު (ދާދު)، ހަސަން ޝިފާޒް (ޑުންގާ)، ހުސެއިން ޝަރީފް (ކީޕަރު ހުސެން)، ހުސެއިން ނިހާން (ނިހާޓް)، މުހައްމަދު އިރުފާން (އިރޭ)، އިޔާން އަބްދުލް އަލީމް (ޗިކީ)، ސަމޫހު އަލީ (ސަމުއްޓެ) އަދި އިބްރާހިމް އައިސަމް ހިމެނެ އެވެ.










