ރާއްޖޭގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކުޅެމުން އަންނަ ގައުމީ ފުޓްބޯޅަ ޓީމުގެ ތިން ކުޅުންތެރިން ކަމަށްވާ ހުސެއިން ނިހާން (ނިހާޓް)، ހަަސަން ޝިފާޒް (ޑުންގާ) އަދި ހުސެއިން ޝަރީފް (ކީޕަރު ހުސެއިން)، ޓީމުގެ ކޮންޓްރެކްޓް އާ ކޮށްފި އެވެ.
ލ. މައިބައިދޫ އަށް އުފަން، ނިހާޓް އަންނަނީ 2019 ވަނަ އަހަރުން ފެށިގެން މާޒިޔާ އަށް ކުޅެމުންނެވެ. ގައުމީ ފުޓްބޯޅަ ޓީމާ އެކު، 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި މިޑްފީލްޑަރު، ނިހާޓް، މާޒިޔާގެ ކޮންޓްރެކްޓް އާ ކުރިއިރު، އޭނާ ވަނީ މީގެ ކުރިން ފުރަތަމަ ޑިވިޝަނުގައި ކްލަބް ވެލެންސިއާ އާއި ވިކްޓަރީ ސްޕޯޓްސް ކްލަބަށް ކުޅެފަ އެވެ.
މާޒިޔާ ޓީމާ ޒުވާން އުމުރުގައި ގުޅުނު ކީޕަރު ހުސެއިން، އެންމެ ފުރަތަމަ އެ ޓީމާ ގުޅުނީ 2016 ވަަނަ އަހަރު އެވެ. މާޒިޔާގައި ހަޔަކަށް ވުރެ ގިނަ އަހަރު ހޭދަކުރި ހުސެއިން އަށް ކުޅުމުގެ ފުރުސަތު ވެސް ވަނީ އެކަށީގެންވާ ވަރަށް ލިބިފަ އެވެ. މާޒިޔާ އިން އެ ޓީމުގެ ގޯލު ބަލަހައްޓަން ބިދޭސީ ކީޕަރަކު ފާއިތުވި ސީޒަންތަކުގައި ގެނައި ނަމަވެސް ހުސެއިން އަށް ކުޅުމުގެ ފުރުސަތު ދެ އެވެ. އެ ގޮތުން، 2018 ވަނަ އަހަރު މާޒިޔާ އިން ގެނައި، އިޓަލީގެ ކީޕަރު މައުރޯ ބޮއެޗިއޯ، ސީޒަނުގެ ކުރީކޮޅުގައި ދޫކޮށްލަން ޖެހުނުއިރު، އެ ސީޒަނުގެ ބާކީ ބައިގައި އެއްކޮށް ގޯލު ބެލެހެއްޓީ ހުސެއިން އެވެ.
ގައުމީ ސްކޮޑުގައި ވެސް ގަވާއިދުން ޖާގަ ދަމަހައްޓަމުން އަންނަ، ތ. ކިނބިދޫ އަށް އުފަން، ހުސެއިން ވަނީ ގައުމީ ޓީމުން އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި ވެސް ގޯލު ބަލަހައްޓައިފަ އެވެ. އެއީ، ލާއޯސް، ބްރޫނާއީ އަތުން ރާއްޖެ މޮޅުވި މެޗާއި މެލޭޝިއާ އާއި ސިންގަޕޫރު އަތުން ބަލިވި މެޗުގަ އެވެ.
ފުރަތަމަ ޑިވިޝަނުގައި މާޒިޔާ، 2006 ވަނަ އަހަރުން ފެށިގެން ވާދަކުރަމުން އަންނައިރު، އެ ޓީމަށް އެންމެ ގިނަ އަހަރު ކުޅެދިނީ، ޒުވާން ގައުމީ ޓީމުތަކުގައި ވެސް ކުޅެފައިވާ ޑުންގާ އެވެ.
ޔޫތު ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން މާޒިޔާ އިން ހޯދިއިރު، އެ ޓީމަށް ކުޅެދިނުމަށް ފަހު، ސީނިއާ ޓީމުން ފުރަތަމަ ޑިވިޝަނުގައި ހޯދި ހުރިހާ ކާމިޔާބެއްގައި ވެސް ޑުންގާގެ ހިއްސާ އޮންނާނެ އެވެ. ސީނިއާ ގައުމީ ޓީމަށް ވެސް ކުޅެމުން އަންނަ ޑުންގާ، މި ފަހަރު މާޒިޔާގެ ކޮންޓްރެކްޓް އާ ކުރިއިރު، މިއީ އޭނާ މާޒިޔާ އަށް ކުޅެދޭނެ 12 ވަނަ ސީޒަނެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ރާއްޖޭގެ ފުޓްބޯޅަ ސީޒަން މި އަަހަރު ފަށަން ނިންމާފައިވަނީ މާޗް މަހުގަ އެވެ. ގިނަ ކްލަބްތަކުން މި މަސް ތެރޭ ޕްރީ ސީޒަން ޕްރެކްޓިސް ފަށަން ނިންމާފައިވާއިރު، އެފްއޭއެމް އިން މި ވަގުތު ދީފައި އޮތް ޓެންޓޭޓިވް ކަލަންޑަރުގައި މާޗް މަހު ފަހުކޮޅު ސީޒަން ފަށާ ގޮތަށް ހިމަނާފައިވާތީ އެވެ.










