ޓެކްނޮލޮޖީ އިންޑަސްޓްރީގެ ގިނަ ކުންފުނިތަކަކުން މުވައްޒަފުން ވަކިކުރަމުންދާ މި ދަނޑިވަޅުގައި ގޫގްލްގެ ބޮޑު ބައެއް ކޮންޓްރޯލް ކުރާ އެލެފެބެޓުން ވެސް 12،000 ވަޒީފާ މަދުކުރަން ނިންމައިފި އެވެ.
ގޫގްލް އަދި އެލެފެބެޓްގެ ސީއީއޯ ސުންދަރް ޕިޗާއީ މުވައްޒަފުންނަށް ފޮނުވި އީމެއިލެއްގައި ބުނީ އެ ނިންމުމުގެ ފުރިހަމަ ޒިންމާ ނަގާނީ އޭނާ ކަމަށެވެ.
ނިންމުމުގެ އަސަރު ކުރާނީ ކުންފުނީގެ ހަ ޕަސެންޓް މުވައްޒަފުންނަށެވެ. އެންމެ ގިނަ ވަޒީފާ ގެއްލޭނީ ރެކްރޫޓްމަންޓް އަދި އިންޖިނިއަރިން ދާއިރާއިންނެވެ.

މިދިޔަ ހަފުތާގައި މައިކްރޮސޮފްޓުން ވެސް ނިންމީ 10،000 ވަޒީފާ މަދުކުރުމަށެވެ. އޭގެ ކުރިން އެމޭޒަންއިން ނިންމީ 18،000 ވަޒީފާ މަދުކުރުމަށެވެ.
ވަޒީފާ ގެއްލޭ މީހުންނަށް ހާއްސަ ޕެކޭޖުތަކެއް އެލެފެބެޓުން ވަނީ އިއުލާންކޮށްފަ އެވެ. އެގޮތުން އެމެރިކާގައި ވަޒީފާ ގެއްލީ މީހުންނަށް 2022 ގެ ބޯނަހާއި، 16 ހަފުތާގެ މުސާރަ އަދި ހަ މަހުގެ ހެލްތު ކަވަރޭޖް ދޭނެ އެވެ.
އެނެލިސްޓުން ބުނާ ގޮތުގައި އިގުތިސާދު މަޑުޖެހެމުންދާކަން ޓެކް އިންޑަސްޓްރީގެ ބޮޑެތި ކުންފުނިތަކަށް ކުރިން ނޭނގޭ ކަމަށާއި އެހެންވެ ވިސްނާނުލައި މާ ބޮޑެތި ހޭދަތައް ކުރަމުން ދިޔަ ކަމަށެވެ.










