އޭއައި ބޭނުންކުރުމާއި ޑިޕްރެޝަނާ ގުޅުން އެބައޮތް

Jan 28, 2026, 1:25 AM
އޭއައި ބޭނުންކުރުމާއި ޑިޕްރެޝަނާ ގުޅުން އެބައޮތް

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަކީ ޒަމާނީ ޓެކްނޮލޮޖީގެ މައި އިންޖީނެވެ. ބޭސްވެރިކަމާއި ދަނޑުވެރިކަމާއި ކިޔަވައިދިނުމުގެ ދާއިރާގައި ވެސް އޭއައިގެ ދައުރު މިހާރު ވަނީ ވަރަށް ބޮޑަށް ފުޅާވެފައެވެ. ހަމައެފަދައިން މުނިފޫހިފިލުވުމާއި ކުޅިވަރާއި އިޖްތިމާއީ ދާއިރާގެ އިތުރުން، އަސްކަރީ ބޭނުންތަކާއި ފަލަކީ ދިރާސާތަކުގައި ވެސް އޭއައިގެ ބޭނުން ހިފުން ވަނީ ވަރަށް ބޮޑަށް ފުޅާވެފައެވެ.

ވަކިން ހާއްސަ ގޮތެއްގައި ޒުވާނުންގެ ނަޒަރުގައި އޭއައި އަކީ އާދަޔާ ހިލާފަށް ތަނަވަސް މައިދާނެކެވެ. އިމެއް ސަރަހައްދެއް ނެތް ސަރާސަރު މައިދާނެކެވެ. ލަގަން ސީދާކުރި ކޮންމެ މިސްރާބަކަށް ފަސޭހަކަމާ އެކު އެމީހަކު ގެންގޮސްދޭނެ ސަވާރީއެއްގެ ގޮތުގައި އޭއައި އަންނަނީ ފައްކާވަމުން، އިންސާނުންގެ ދިރިއުޅުމާ ލާމެހެމުންނެވެ.

އެހެން ނަމަވެސް، އޭއައިގެ ސަބަބުން އިންސާނުންނަށް ލިބޭ ގެއްލުންތައް މަދެއް ނޫނެވެ. މަކަރާއި އޮޅުވައިލުމުގެ ދާއިރާގައި އޭއައިގެ ބޭނުން ނަހަމަ ގޮތުގައި ހިފާ މީހުން މަދެއް ނޫނެވެ. އޭގެ އިތުރުން، ނަފްސާނީ ގޮތުން ވެސް އިންސާނުންނަށް ގެއްލުންދޭ ވަސީލަތަކަށް މިހާރު އޭއައި ވެއްޖެ ކަމަށް ދިރާސާތަކުން ދައްކައެވެ.

ޖާމާ ނެޓްވޯކް ކިޔާ ޖާނަލްގައި ދާދި ފަހުން ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، ދާއިމީ ގޮތެއްގައި ނުވަތަ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އޭއައިގެ ބޭނުންކުރުމަކީ، ނަފްސާނީ މައްސަލަތައް ކުރިމަތިކުރުވާ ކަމެކެވެ. އޭގެ ތެރެއިން ވެސް އެންމެ ބޮޑަށް ފާހަގަ ކުރެވެނީ، އިންތިހާއަށް ދެރަވުމުގެ މައްސަލަ (depression) ކުރިމަތި ކުރުވާ ކަމެވެ.

ޖުމްލަ 21000 މީހަކު ބައިވެރިކޮށްގެން ކުރި މި ދިރާސާއިން އެނގުނު ގޮތުގައި އޭއައި ބޭނުންކުރުމުން ނަފްސާނީ ގޮތުން ގެއްލުން ލިބުމުގައި އުމުރުފުރާތަކުގައި ވެސް ތަފާތުތަކެއް އެބަހުއްޓެވެ. މި ދިރާސާއިން ދައްކާ ގޮތުގައި އޭއައި ބޭނުންކުރުމުން ކުރިމަތިވާ ނަފްސާނީ މައްސަލަތަކުގެ ތެރޭގައި، ޑިޕްރެޝަންގެ އިތުރުން، ހާސްވެ ކަންބޮޑުވުން (anxiety) އަދި ނަފްސާނީ އުދާސްތައް ހިލިގަތުން (irritability) ފަދަ ކަންތައް ހިމެނެއެވެ.

މި ދިރާސާއިން އެނގުނު ގޮތުގައި ކޮންމެ ދުވަހަކު ވެސް އޭއައި ބޭނުންކުރާ މީހުންގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުން އޭއައިގެ ބޭނުންކުރަނީ ވަޒީފާގެ މަސައްކަތުގައެވެ. ގާތްގަނޑަކަށް 11 އިންސައްތަ މީހުން ބޭނުންކުރަނީ ކިޔެވުމާއި ސްކޫލްގެ މަސައްކަތުގައެވެ. އަދި ތަފާތު ކަންކަމުގައި އޭއައި ބޭނުންކުރާ މީހުންގެ ތެރެއިން 87.1 އިންސައްތަ މީހުން އޭއައި ބޭނުންކުރަނީ އަމިއްލަ ޒާތީ ކަންކަމުގައެވެ.

އޭއައި ބޭނުންކުރާ ގިނަ މީހުންނަކީ ޒުވާން ފިރިހެނުންނާއި ފިރިހެން ކުދިންނެވެ. އަދި އެއީ މަތީ ފެންވަރަށް ތައުލީމު ހާސިލުކޮށް، ބޮޑު އާމްދަނީއެއް ލިބިގެން، ތަރައްގީވެފައިވާ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނެވެ. އޭއައި ބޭނުންކުރުމާއި ނަފްސާނީ މައްސަލަތަކާ ދެމެދު ހުރި ގުޅުމަށް ބަލާއިރު، އޭއައި ބޭނުންކުރާ މީހުންގެ ތެރެއިން ނަފްސާނީ މައްސަލަތައް ބޮޑަށް ފާހަގަކުރެވެނީ، ޒާތީ ކަންކަމުގައި އޭއައިގެ ބޭނުން ހިފާ މީހުންގެ ފަރާތުންނެވެ.

ދިރާސާ ޓީމުން ފާހަގަކުރި ގޮތުގައި އޭއައި ބޭނުންކުރާ މީހުންނަށް ކުރިމަތިވާ ނަފްސާނީ މައްސަލަތަކާއި އުމުރުފުރާތަކުގައި ތަފާތުތަކެއް އެބަހުއްޓެވެ. އެ ގޮތުން އިންތިހާއަށް ދެރަވުމުގެ މައްސަލަ ނުވަތަ ޑިޕްރެޝަންގެ މައްސަލަ ކުރިމަތިވެފައިވާ ކަމުގެ އަލާމާތްތައް ބޮޑަށް ފެންނަނީ، 25 އަހަރާއި 44 އަހަރާ ދެމެދުގެ މީހުންގެ ފަރާތުންނެވެ. އެ އުމުރުފުރާ އަށް ފަހުގައި، ދެން އެންމެ ގިނައިން ޑިޕްރެޝަންގެ މައްސަލަ ފެންނަނީ އުމުރުން 45 އަހަރާއި 64 އަހަރާ ދެމެދުގެ އުމުރު ފުރާ މީހުންގެ ފަރާތުންނެވެ.

މި ދިރާސާގެ ސައެންސްވެރިން ބުނި ގޮތުގައި އޭއައި ބޭނުންކުރާ މީހުންގެ ތެރެއިން 25 އަހަރުން ދަށުގެ މީހުންނާއި 64 އަހަރުން މަތީގެ މީހުންގެ ކިބައިން ނަފްސާނީ މައްސަލަތައް ނުވަތަ ޑިޕްރެޝަންގެ މައްސަލަތަކެއް ނުފެނެއެވެ. ސަބަބަކީ އެ އުމުރުފުރާގެ މީހުން އޭއައި ބޭނުންކުރަނީ، އެމީހެއްގެ ވަޒީފާގެ ގޮތުން ކުރަންޖެހޭ ކަންތައް ކުރުމަށް ކަމަށްވާތީ ވުން ވަރަށް ބޮޑަށް އެކަށީގެންވެއެވެ.

މި ކަމުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ، އޭއައިގެ ބޭނުން ހިފާ ގޮތެވެ. އިޖްތީމާ ކަންކަމުގައި މަޝްޣޫލުވެ އުޅުމުގެ ބަދަލުގައި ނުވަތަ ހަމައެކަނި ހުސް ވަގުތު ހޭދަކޮށްލުމުގެ ގޮތުން އޭއައި ބޭނުންކުރާ މީހުންގެ ފަރާތުން ނަފްސާނީ މައްސަލަތައް ފެންނަ މިންވަރު އިތުރެވެ. ހުސް ވަގުތުގައި ތިމާގެ ބައިވެރިއަކީ އޭއައި ކަމަށް ހެދުމުން، އެމީހަކު މުޖްތަމައުން ބޭރުވާ މިންވަރު އިތުރުވެއެވެ.

ހުސް ވަގުތުގައި އޭއައިއާ އެކު ކުރާ މުއާމަލާތްތަކުގައި ތިމާ ބޭނުންވާ ކޮންމެ ކަމަކަށް ޖަވާބު ދެމުން، ތިމާއަށް ވުރެ ވެސް މޮޅަށް ކަންކަމުގެ ހައްލު ބުނެދޭން ފެށުމާއެކު، ތިމާގެ އަމިއްލަ ސިކުނޑީގެ ބޭނުމެއް ނެތްކަމުގެ އިހްސާސް އުފެދެން ފަށައެވެ. އަދި މުޖްތަމައުގެ އެހެން މީހުންނާ އެކަހެރި މާހައުލަކަށް އާދަވާން ފެށުމުން، އިތުރު ހާސްކަމާއި ކަންބޮޑުވުން ކުރިމަތިވާން ފަށައެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox