ބާމިންހަމް (ޖެނުއަރީ 18) - އިނގިރޭސި އެފްއޭ ކަޕްގެ ތިން ވަނަ ބުރުގައި ރޭ ކުޅުނު ރީޕްލޭ މެޗުގައި ހާވީ އެލިއަޓް ޖެހި މޮޅު ގޯލުން 1-0 އިން ވުލްވްސް ބަލިކޮށް ލިވަޕޫލް މުބާރާތުގެ ހަތަރު ވަނަ ބުރަށް ދަތުރުކޮށްފި އެވެ.
ހަތަރު ވަނަ ބުރުގައި މި މަހު 29 ވަނަ ދުވަހު، ލިވަޕޫލް ކުޅޭނީ ރަށުންބޭރުގައި ބްރައިޓަންއާ ދެކޮޅަށެވެ. ދާދި ފަހުން އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް ވަނީ ބްރައިޓަން ދަނޑުގައި 3-0 އިން ބަލިވެފަ އެވެ.
ލިވަޕޫލާއި ވުލްވްސް އެފްއޭ ކަޕްގައި ރީޕްލޭ މެޗަކަށް ދިޔައީ، މީގެ ދިހަ ވަރަކަށް ދުވަސް ކުރިން ލިވަޕޫލްގެ އެންފީލްޑްގައި ކުޅުނު މެޗު 2-2 އިން އެއްވަރުވުމުންނެވެ. ވުލްވްސްގެ މޮލިނެކްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗަށް ނުކުތްއިރު، ދެ ޓީމުން ވެސް ވަނީ ފުރަތަމަ އެގާރަ އަށް ބަދަލުތަކެއް ގެނެސްފަ އެވެ.
މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު، 13 ވަނަ މިނިޓްގައި ކާމިޔާބު ކޮށްދިނީ ޒުވާން މިޑްފީލްޑަރު، އެލިއަޓް އެވެ. ކަައުންޓަ އެޓޭކެއްގައި ލިވަޕޫލްގެ މިޑްފީލްޑަރު، ތިއާގޯ އަލްކަންޓާރާ ދިން ބޯޅައެއް ހިފައިގެން ވުލްވްސްގެ ހާފުގެ މެދަކާ ހަމައިން އެލިއަޓް ޖެހި ބޯޅަ ގޯލަށް ވަނީ ވުލްވްސްގެ ޕޯޗުގީސް ކީޕަރު، ހޯސޭ ސާ ބޯމަތިން ގޮހެވެ. ހޯސޭ ސާ ކުރިއަށް ޖެހިލި ދަނޑިވަޅުގެ ބޭނުންހިފައި، އެލިއަޓް ވަނީ ރަނގަޅު ވަގުތު ބޯޅަ ގޯލަށް . ފޮނުވާލައިފަ އެވެ.
ލިވަޕޫލާއި ވުލްްވްސް އިން މި މެޗުގައި ގޯލެއް ޖަހަން މާ ގިނަ ފުރުސަތުތަކެއް ތަނަވަސްނުކުރެވުނެވެ. ވުލްވްސް އިން މެޗުގެ ދެ ވަނަ ހާފުގައި ބަދަލުތަކެއް ގެނެސްގެން ކޮންމެ ވެސް ވަރެއްގެ ފުރުސަތުތަކެއް ހޯދި އެވެ. އެ ގޮތުން، ބަދަލަކަށް އެރި ވުލްވްސްގެ ބްރެޒިލް ފޯވާޑް، މަތެއުސް ކޫންޏާ އަށް ލިބުނު ބޯޅަތަކުގައި އޭނާ އަށް ގޯލާ ސީދާކޮށް ފޮނުވައެއް ނުލެވުނެވެ.
މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ރަނގަޅު ކުޅުމަކާ އެކު ނަތީޖާއެއް ނެރެވޭތޯ ކުރި މަސައްކަތް ކާމިޔާބުވުމުން ހިތްހަމަޖެހޭ ކަމަށެވެ.
"މިއީ ހަގީގަތުގައި ވަރަށް ހިތްހަމަޖެހޭ ކަންތައްތަކެއް ފެނިގެންދިޔަ މެޗެއް. ރަނގަޅު ކުޅުމެއް ފެނުނު. ކްލީންޝީޓަކާ އެކު މޮޅެއް ލިބުމުން، ޓީމުގެ އިތުބާރު ބޮޑުވާނެ،" ކްލޮޕް ބުންޏެވެ.
ރޭ ކުޅުނު އެފްއޭ ކަޕްގެ އެހެން ރީޕްލޭ މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ފޮރެސްޓް ގްރީން އަތުން ބާމިންހަމް ވަނީ 2-1 އިން މޮޅުވެފަ އެވެ. ސްވަންސީ ސިޓީ ދަނޑުގައި 2-1 އިން ބްރިސްޓަލް ސިޓީ ކުރިހޯދިއިރު، ވިގަން އަތުން ލޫޓަން މޮޅުވީ 2-1 އިންނެވެ. އަދި ވެސްޓް ބްރޮމް އިން ވަނީ އަމިއްލަ ދަނޑުގައި 4-0 އިން ޗެސްޓާފީލްޑް ބަލިކޮށްފަ އެވެ.












