ސިޑްނީ، އޮސްޓްރޭލިއާ (ޑިސެމްބަރު 31) - މި އަހަރުގެ އޮސްޓްރޭލިއަން އޯޕަން، ގްރޭންޑް ސްލޭމް ޓެނިސް މުބާރާތުގައި ކުޅެން ސާބިއާގެ ނޮވަކް ޖޮކޮވިޗް، އޮސްޓްރޭލިއާ އަށް ދިޔަތަނުން އެ ގައުމުން އޭނާ ޑީޕޯޓްކޮށްލި ގޮތް ހިތަކުން ނުފިލާނެ ކަމަށް ބުނެފި އެވެ.
ކޮވިޑް-19 ވެކްސިކް ނުޖަހާތީ އާއި މައުލޫމާތު އޮޅުވާލި ކަމަށް ބުނެ، އޮސްޓްރޭލިއާ އިން ވަނީ މި އަހަރުގެ ކުރީކޮޅުގައި ޖޮކޮވިޗް އެ ގައުުމުން ޑީޕޯޓްކޮށްލައިފަ އެވެ.
އޮސްޓްރޭލިއާ މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ޖޮކޮވިޗް، 35، ބުނީ ޖެނުއަރީ މަހުގައި ކަންތައްތައް ހިނގާދިޔަ ގޮތް ހަނދާނުގައި އެބަހުރި ކަމަށެވެ.
"އެ ކަހަލަ ކަންކަމެއް ހިތަކުން ނުފޮހެވޭނެ. އެކަންކަން ހިނގި ތަނަށް އެނބުރި އައުމާ އެކު، އެކަމެއްގެ ހަނދާންތައް ބޮޑަށް އަންނާނީ،" ޖޮކޮވިޗް ބުންޏެވެ.
"އުންމީދަކީ އުމުރުގައި ދެން ދުވަހަކު ވެސް އެ ކަހަލަ ތަޖުރިބާއެއް ކުރަން ނުޖެހުން. އެއީ ފަސޭހަ ކަމެއް ނޫން،"
ޖޮކޮވިޗް ބުނީ އެނބުރި އައިސް އޮސްޓްރޭލިއާގައި ހުރެ މި ވާހަކަ ދައްކަން އޭނާ އަށް ފުރުސަތު އޮތުމަކީ ވެސް އެ ގައުމުގައި ފުރުސަތުތައް އަބަދުވެސް އޮންނާނެކަން ދޭހަވާ ކަމެއް ކަމަށެވެ. އަދި އުންމީދަކީ ކުރިން ދިމާވި ކަންތައްތައްތަކުގެ އަލީގައި ކުރިއަށް އޮތްތަނުގައި ވީ އެންމެ ރަނގަޅަށް ކަންކަން ކުރުން ކަމަށް ޖޮކޮވިޗް ވަނީ ބުނެފަ އެވެ.
ޓެނިހުގެ ގްރޭންޑް ސްލޭމް، 21 މުބާރާތް ކާމިޔާބުކުރި ޖޮކޮވިޗް ވަނީ އޮސްޓްރޭލިއަން އޯޕަން ތަށި ނުވަ ފަހަރަށް ހޯދައިފަ އެވެ.
މި އަހަރުގެ ޖެނުއަރީ ހަތަރު ވަނަ ދުވަހު އޮސްޓްރޭލިއަން އޯޕަންގައި ވާދަކުރަން ޖޮކޮވިޗް، އޮސްޓްރޭލިއާ އަށް ދިޔަ ތަނުން އެއާޕޯޓުގައި މަޑުކޮށް އޭނާގެ ވިސާ އެންމެ ފުރަތަމަ ކެންސަލްކޮށްލި މައްސަލަ ކޯޓަށް ހުށަހަޅައިގެން އޭނާ ކާމިޔާބު ހޯދިއެވެ. އެ ފަހަރު ޖޮކޮވިޗްގެ ވިސާ ކެންސަލްކޮށްލީ ޖޮކޮވިޗް ކޮވިޑް ވެކްސިން ޖެހިކަމުގެ މައުލޫމާތު ދީފައިނުވާތީ އެވެ.
ފުރަތަމަ ހުށަހެޅި މައްސަލައިގައި ކޯޓުން ޖޮކޮވިޗަށް ކާމިޔާބުވީ ވެކްސިން މައުލޫމާތު ދީފައިނުވި ނަަމަވެސް ޖޮކޮވިޗް އަށް، 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު 16 ވަނަ ދުވަހު ކޮވިޑް ޖެހިފައިވާތީ، މެޑިކަލް އެގްޒެމްޕްޝަންގެ ތެރެއިން ވިސާ ލިބޭ ގޮތަށް އޮތުމުންނެވެ.
އެކަމަކު، ޖޮކޮވިޗްގެ ވިސާ އެޕްލިކޭޝަނުގައި ދީފައި ހުރި މައުލޫމާތު ދިމާނުވާތީ ފަހުން އޮސްޓްރޭލިއާގެ އިމިގްރޭޝަން މިނިސްޓަރު އަލެކްސް ހޯކް އަށް ގާނޫނުން ލިބިވަޑައިގަންނަވާ ބާރުގެ ބޭނުންކުރައްވައި ވަނީ ޖޮޮކޮވިޗްގެ ވިސާ ދެ ވަނަ ފަހަރަށް ކެންސަލްކޮށްފަ އެވެ.
ޖޮކޮވިޗްގެ ގާނޫނީ ޓީމުން އެ މައްސަލަ ވެސް ކޯޓަށް ވެއްދިއިރު، ކޯޓުން ދެ ވަނަ ފަހަރަށް ނިންމީ ޖޮކޮވިޗާ ދެކޮޅަށެވެ. ޖޮކޮވިޗްގެ ވިސާ ކެންސަލްކޮށްލަން އޮސްޓްރޭލިއާގެ އިމިގްރޭޝަނުގެ ނިންމުން ކޯޓުގެ ތިން ފަޑިޔާރުންގެ އިއްތިފާގުން ދެމެހެއްޓީ އެވެ. އޭގެ ފަހުން އޭނާ މުބާރާތުގައި ނުކުޅެވޭގޮތަށް ޑީޕޯޓްކޮށްލީ އެވެ. އޭރު އޮތީ ޖޮކޮވިޗް ހިމަނައިގެން މުބާރާތުގެ މެޗު ޝެޑިއުލް ވެސް އޮތީ ނެރެފަ އެވެ.












