ދޯހާ، ގަތަރު (ނޮވެމްބަރު 23) - ކްރޮއޭޝިއާ އިން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލަށް ކުރި ދަތުރުގެ ހަނދާންތައް އާ ކުރަން ބޭނުންނުވާ ކަމަށާއި އެއީ އޭގެއިން މި ފަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕްގައި ކްރޮއޭޝިއާގެ ޓީމަށް ކުރާނެ ފައިދާއެއް ނެތުމުން ކަމަށް އެ ޓީމުގެ ކެޕްޓަން، ލޫކަ މޮޑްރިޗް ބުނެފި އެވެ.
މި ފަހަރުގެ ވޯލްޑް ކަޕްގައި ކްރޮއޭޝިއާ ކުޅޭ ފުރަތަމަ މެޗުގައި މިއަދު ނުކުންނާނީ މޮރޮކޯއާ ދެކޮޅަށެވެ.
މޮރޮކޯ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޮޑްރިޗް ބުނީ މީގެ ހަތަރު އަހަރު ކުރިން ރަޝިއާގައި ބޭއްވި ވޯލްޑް ކަޕްގެ ވާހަކަތައް މި ވަގުތު ދައްކައިގެން އެ ޓީމަށް އޭގެއިން ހާސިލް ކުރެވޭނެ ކަމެއް އޮތް ކަމަށް ނުދެކޭ ކަމަށެވެ.
"ޔަގީނުން ވެސް 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ކަންކަން އަހަރެމެންގެ ސިކުނޑީގައި ތާ އަބަދަށް ހަރުލާފައި ހުންނާނެ. އެއީ ހަނދާނުން ފޮހެލެވޭނެ ތަޖުރިބާތަކެއް ނޫން. އެކަމަކު، މިއީ އެ ވާހަކަތައް ދައްކަން ޖެހޭ ވަގުތެއް ނޫން. އޭގެ ހަނދާން އާ ކޮށްގެން މި ވަގުތު ކުރެވޭނެ ކަމެއް ވެސް ނެތް،" ހަތަރު ވަނަ ވޯލްޑް ކަޕެއްގައި ކުޅެން ކެތްމަދުވެފައި ހުރި މޮޑްރިޗް، 37، ބުންޏެވެ.
"ރަޝިއާގައި ކުޅުނު (އެންމެ ފަހުން ވޯލްޑް ކަޕް ސްކޮޑުގައި ހިމެނުނު) ގިނަ ކުޅުންތެރިން މި ފަހަރު ޓީމުގައި ނެތް، ފްރެޝް ބްލަޑް އާއި ނިއު އެނާޖީއާ އެކު ޓީމު މި އޮތީ،"
ބެލޮންޑިއޯ އެވޯޑް، 2018 ވަނަ އަހަރު ހޯދި މޮޑްރިޗް ބުނީ ކްރޮއޭޝިއާ ޓީމުގައި އާ ކުޅުންތެރިން ގިނަ ވިޔަސް ތަޖުރިބާހުރި ކުުޅުންތެރިންތަކެއް އެބަތިބި ކަމަށެވެ. އަދި ވޯލްޑް ކަޕާ މި ފަހަރު ކުރިމަތިލިއިރު، އެންމެ ފަހުން ކުޅުނު މެޗުތަކުގެ ނަތީޖާތަށް ވެސް ރަނގަޅުކަން މޮޑްރިޗް ފާހަގަކުރި އެވެ.
މި ފަހަރުގެ ވޯލްޑް ކަޕްގައި މިހާތަނަށް ފެނިގެންދިޔަ އެންމެ ހައިރާންކުރަނިވި ނަތީޖާ އަކީ އިއްޔެ، ސައުދީ އަރަބިއްޔާ އިން ފަހަތުން އަރައި 2-1 އިން އާޖެންޓީނާ ބަލިކޮށް، އެ ޓީމުން ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑަށް 36 ވަނަ މެޗުގައި ނިމުން ގެނައުމެވެ.
ކްރޮއޭޝިއާގެ ކޯޗު ޒްލަޓްކޯ ޑާލިޗް ބުނީ ސައުދީ އަރަބިއްޔާގެ އެ ނަތީޖާ އަކީ މި ފަހަރުގެ ވޯލްޑް ކަޕްގެ އެއްވެސް މެޗެއް ފަސޭހަނުވާނެ ކަމުގެ "އެލާމެއް" ކަމަށެވެ.
"ސައުދީން އާޖެންޓީނާ ބަލިކޮށްފި، ޓިއުނީޝިއާ އިން ޑެންމާކް ހިފަހައްޓައިފި. މި ނަތީޖާތަކުން ބުނެދެނީ އަހަރެމެން ވެސް ކުރިއަށް ވުރެން ބޮޑަށް ވަރަށް ބޮޑަށް ސަމާލުވެގެން ކުޅެން ޖެހޭކަން،" ޑާލިޗް ބުންޏެވެ.
ކްރޮއޭޝިއާއާ ދެކޮޅަށް މިއަދުގެ މެޗުގައި ކުޅޭ މޮރޮކޯ އިން މިހާތަނަށް ވޯލްޑް ކަޕްގައި ކުޅުނު ފަސް ފަހަރުގެ ތެރެއިން ގްރޫޕް ސްޓޭޖު ފަހަނައަޅައި ދެވުނީ އެންމެ ފަހަރަކު އެވެ، އެއީ 1986 ވަނަ އަހަރުގެ މުބާރާތުގަ އެވެ. އެންމެ ފަހުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުން މޮރޮކޯ ކެޓީ ގްރޫޕް ސްޓޭޖުންނެވެ. އެކަމަކު، މި ފަހަރު އެ ޓީމު އޮތީ ވަލީދު ރެގްރާގީގެ ކޯޗުކަމުގައި ރަނގަޅު ފޯމެއްގަ އެވެ.
ވޯލްޑް ކަޕްގައި ކްރޮއޭޝިއާ މިހާތަނަށް ކުޅުނު ފަސް ފަހަރުގެ ތެރެއިން ތިން ފަހަރު ވަނީ ފުރަތަމަ މެޗުން ބަލިވެފަ އެވެ. އޭގެއިން އެއްވެސް ފަހަރަކު އެ ޓީމަށް ގްރޫޕް ސްޓޭޖު ފަހަނަަޅައި ދެވޭގޮތެއްނުވުމަކީ މިއަދު މޮރޮކޯއާ ދެކޮޅަށް ކުޅޭ މެޗުގައި ވިސްނަން ޖެހޭނެ ކަމެކެވެ.
ކްރޮއޭޝިއާ އާއި މޮރޮކޯ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 15:00 ގަ އެވެ.












