ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި 10 ބިދޭސީއަކު މަރުވިއިރު، އެމީހުން ދިރިއުޅެމުންދިޔަ ތަނުގެ ހާލަތު ހުރީ އިންސާނަކު އުޅެން އެކަށީގެންވާ ގޮތަކަށް ނޫނެވެ. އިމާރާތުގެ ދެ ބުރިއެއްގެ 10 ކޮޓަރީގައި 25 އަށްވުރެ ގިނަ މީހުން ދިރިއުޅެ އެވެ.
ކޮންމެ ކޮޓަރިއެއްގައި ދެމަފިރިއަކު އުޅެމުންދިޔައިރު ކައްކައި، ކައިބޮއެ ހަދަނީ ވެސް ކޮޓަރި ތެރޭގަ އެވެ. ކައްކަނީ ގޭސް އުނދުނުންނެވެ. ދެ ބުރީގެ ޑެކު އަޅާފައި ހުރީ ފިލައިންނެވެ. ކުރިން އެތަނުގައި ދިރިއުޅުނު މީހުން ބުނީ އެއީ "ކިރިޔާ ނިދާލެވޭވަރުގެ" ތަންކޮޅެއް ކަމަށެވެ.
"އަހަރެން ކުރިން، މީގެ ހައެއްކަ މަސް ކުރިން އެތަނުގައި ދިރިއުޅުނިން. އެތަން ހުންނަނީ ފްލައިވުޑުން ހަދާފައި. ފުރަތަމަ ފްލޯގައި ހަތަރު ކޮޓަރި، ދެ ވަނަ ފްލޯއާއެކު ދެ ފްލޯގައި ޖުމުލަ 2 ކޮޓަރި ހުރޭ. ކިރިޔާ ނިދާލެވޭ ވަރުގެ ތަންތަންކޮޅު އެއީ. އެ ތަންތަން ކުއްޔަށް ހިފައިގެން [ބިދޭސީ] ދެމަފިރިން ވެސް އުޅޭ. ވިއްސަކަށް މީހުން ޖުމުލަ އުޅޭނެ ކަމަށް ބެލެވޭ،" އެތަނުގައި ކުރިން ދިރިއުޅުނު ރީމާ ކިޔާ އިންޑިއާ އަންހެނަކު ބުންޏެވެ.
މާލޭގައި ފަހުގެ ތާރީހެއްގައި ހިނގި އަލިފާނުގެ އެންމެ ހިތާމަވެރި ހާދިސާއަށްފަހު މިހާތަނަށް އެނގޭ މައުލޫމާތަށް ބަލާއިރު މަރުވި މީހުންގެ އަދަދު އިތުރުވީ، އިމާރާތުގެ ހާލަތު ހުރި ގޮތުންނެވެ. ހުޅުގަނޑުން ސަލާމަތްވާނެ ގޮތެއް ނެތި އެތެރޭގައި ގިނަ ބަޔަކު ތާށިވިއިރު ބައެއް މީހުން ސަލާމަތްވާން ވަނީ ފާހާނަތަކެވެ. އަލިފާނުގެ ހާދިސާއިން ހާމަވި ކަމަކީ ބިދޭސީން ދިރިއުޅޭ ދަތި ހާލާއި އެމީހުންނާ މެދު އަމަލު ކުރަމުންދާ ލާއިންސާނީި ގޮތްތަކެވެ.
ސަލާމަތީ ފިޔަވަޅުތަކެއް ނެތް
"ވަޒީފާދޭ ފަރާތުގެ މުވައްޒަފުން ދިރިއުޅުމަށް ހަމަޖައްސާ ތަންތަނުގެ އާންމު މިންގަނޑުތަކުގެ ގަވާއިދު" ގައި ބުނެފައިވާ ގޮތުން އެމީހެއްގެ ބެލުމުގެ ދަށުގައި މަސައްކަތް ކުރާ މީހަކު ބަހައްޓާ ތަނުގެ ސަލާމަތީ ކަންކަން ކަށަވަރު ކުރުމަކީ ވަޒީފާ ދޭ ފަރާތުގެ ޒިންމާއެކެވެ.
އެ ގަވާއިދުގެ ދަށުން، މުވައްޒަފުން ދިރިއުޅޭ ތަނެއްގައި އަލިފާނުގެ ހާދިސާއެއް ދިމާވެއްޖެ ނަމަ އަމަލު ކުރާނެ އުސޫލެއް ލިޔެ، އާންމުކޮށް ފެންނަ ގޮތަށް ބަހައްޓަންޖެހެ އެވެ. އަލިފާނުގެ ހާދިސާތަކުން ސަލާމަތްވުމަށް މަދުވެގެން އަހަރަކު ދެ ފަހަރު ފަޔާ އެކްސަސައިޒެއް ބާއްވަންޖެހެ އެވެ.

އަލިފާނުގެ ހާދިސާ ހިނގިތަނުން މީހެއްގެ ހަށިގަނޑު ނެރެގެން ގެންދަނީ. މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ހުސް ބިދޭސީން --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
"ވަޒީފާ ދޭ ފަރާތުން، މުވައްޒަފުން ދިރިއުޅުމަށް ތަން ހަމަޖައްސައިދިނުމުގައި، އެތަނުގައި ސަލާމަތީ އެންމެހައި ފިޔަވަޅުތައް އަޅާފައިވޭތޯ ކަށަވަރުކުރަންވާނެ،" އެ ގަވާއިދުގައި ބުނެފައިވެ އެވެ.
އެކަމަކު، މިހާތަނަށް މި ނޫހަށް ލިބިފައި ހުރި މައުލޫމާތުތަކަށް ބަލާއިރު އެތަނުގެ ސަލާމަތީ އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ. ތަން ހަދާފައި ހުރީ ގަވާއިދާ އެއްގޮތަކަށް ނޫނެވެ. އެތަން ހަދާފައި ހުރި ގޮތުގެ ސަބަބުން، އަލިފާން ނިއްވުމުގައި ވެސް ދަތިތައް ދިމާވި ކަމަށް ސިފައިން ބުންޏެވެ.
ހާމަވީ ބިދޭސީން ދިރިއުޅެންޖެހޭ ނިކަމަތި ހާލަތު
މަސައްކަތްތެރިން ދިރިއުޅޭ ތަންތަން ވަކި މިންގަނޑަކަށް ހުންނަންޖެހޭ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް އެކަން ތަންފީޒު ނުވަނީ އެއީ ބިދޭސީންނަށްވީތީ ކަމަށް، އެމީހުންގެ ހައްގުގައި މަސައްކަތް ކުރާ މީހުން ދެކެ އެވެ. މި ހާދިސާއަށްފަހު ވެސް، ބިދޭސީންނާމެދު ދެކޭ ގޮތް ބަދަލުނުވެއްޖެ ނަމަ ކަންކަން ރަނގަޅުނުވާނެ ކަމަށް ތަޖުރިބާކާރުން ދެކެ އެވެ.
"ގާނޫނާއި ގަވާއިދާ އުސޫލުތަކަށް ހެދިޔަސް އެކަންކަން ތަންފީޒު ކުރުން މުހިންމެއް ނުވޭ އެމީހުންނަކީ ބިދޭސީންނަށް ވީމަ. އެމީހުންނާމެދު ދެކޭ ގޮތް ބަދަލުނުވާ ނަމަ މިފަދަ ހާދިސާތައް ކުރިއަށް އޮތް ތަނުގައި ވެސް ވާނީ ގިނަ. ދިވެހިރާއްޖޭގައި ބިދޭސީ މަސައްކަތްތެރިން ބަލަނީ އިންސާނުންގެ ގޮތުގައެއް ނޫން،" އިންސާނީ ހައްގުގެ ދާއިރާއިން ކިޔަވައިގެން ހުންނެވި އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަންގައި މަސައްކަތް ކުރައްވާ އަހުމަދު "ފޯމީ" މުހައްމަދު ވިދާޅުވި އެވެ.
ދިވެހިރާއްޖޭގެ އިގްތިސާދުގައި މުހިންމު ރޯލެއް ބިދޭސީން އަދާކުރާއިރު އެމީހުންނާމެދު ރާއްޖޭގައި އަމަލު ކުރަނީ ވަރަށް ނިކަމެތި ގޮތަކަށް ކަމަށް ތަޖުރިބާކާރުން ދެކެ އެވެ. އަލިފާނުގެ ހާދިސާގައި މަރުވި މީހުންނަށް ހަމަޖައްސައިދޭންޖެހޭ ކަންކަމާއި އަނިޔާވި މީހުންނަށް ބޭސް ކުރެވޭނެ އިންތިޒާމު ރަނގަޅަށް އޮތްތޯ ކަށަވަރު ކުރަންޖެހޭ ކަމަށް ވެސް ހައްގުތަކަށް މަސައްކުރާ ޖަމިއްޔާތަކުން ދެކެ އެވެ.
"ބޮޑަށް ބެލެވެނީ ރޭގެ ހާދިސާގެ ގެއްލުންވި މީހުންގެ އިންޝުއަރެންސް ނޯންނާނެ ކަމަށް. އެހެންވީމަ އެމީހުންގެ ބޭސްފަރުވާގެ ކަންކަން ހަމަޖެހޭތޯ ވެސް ކަށަވަރު ކުރަންޖެހޭ. ވަރަށް ހިތާމަވެރި ހާދިސާއެއް މިއީ. މިކަމުގެ ފަހަތުގައި ހުރި މައްސަލަތައް ބަލަންޖެހޭނެ،" މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސްގެ ސެކްރެޓަރީ ޖެނެރަލް ފާތިމަތު ޒިމްނާ ވިދާޅުވި އެވެ.

އެ އިމާރާތަކީ ފްލައިވުޑުން ޑެކު އަޅައިގެން ދެ ބުރިއަށް ހަދާފައިވާ އިމާރާތެއް. އެތަން އެއްކޮށް ރޯވެ ވަނީ އަނދާފައި --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
އަލިފާނުގެ ހާދިސާއާ ގުޅިގެން، އެތަނުގައި ސަލާމަތީ ކަންކަން ހުރި މިންގަނޑު ވަޒަންކުރެވޭތޯ މިހާރު ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުން ދަނީ މަސައްކަތް ކުރަމުންނެވެ. އެކަމަކު، ބިދޭސީން ދިރިއުޅޭ ތަންތަނުގެ ހާލަތު އާންމު ގޮތެއްގައި ވަރަށް ދަށް ކަމަށް އެ ސެންޓަރުން ބުންޏެވެ.
"އަލިފާނުގެ ހާދިސާއާ ގުޅިގެން އަޅުގަނޑުމެން މިހާރު ބަލަމުންމިދަނީ އެކަމުގައި އިހުމާލު އޮތް މިންވަރު. ފާހަގަ ކުރެވެނީ އަޅުގަނޑުމެން ބަލާއިރު ރަނގަޅެއް ނޫން ބިދޭސީން ދިރިއުޅޭ ހާލަތު. އަދި ގަވާއިދާ ގުޅިގެން ވެސް ދިރިއުޅޭ ހާލަތު ރަނގަޅުކޮށްފައެއް ނުވޭ. އަދި އެފަދަ ތަންތަނުގެ ހާލަތު އެއްވެސް ތަނަކުން މޮނީޓާއެއް ވެސް ނުކުރޭ،" ޕީއައިއެލްސީގެ ނައިބު ރައީސް އަބްދުﷲ ނާހިދު ވިދާޅުވި އެވެ.
މިއީ މާލޭގައި ހިނގި އަލިފާނުގެ އެންމެ ހިތާމަވެރި ހާދިސާ އެވެ. ގެއްލިގެން އެ ދިޔައީ ވަރަށް ގިނަ ބައެއްގެ ފުރާނަ އެވެ. މިކަމުގައި އިހުމާލެއް އޮތްތޯ ބަލަންޖެހެ އެވެ. ފިޔަވަޅުތަކެއް އަޅައި، ބިދޭސީންނަށް ވެސް ރައްކާތެރި މާހައުލެއް ގާއިމްކޮށްދޭންޖެހެ އެވެ.












