ގައުމާއި ދައުލަތް

ގައުމާއި ދައުލަތް

ގައުމޭ ބުނެވެނީ އުފެދިފައި އޮންނަ ދައުލަތަކަށް ނޫނެވެ. އެއީ އިންސާނީ ޖަމާއަތަކަށް މުހާތަބުކޮށް ބުނާ ބަހެކެވެ. އާއްމު ގޮތެއްގައި މިފަދައިން މުހާތަބު ކުރަނީ ނަސްލީ ގޮތުން ނޫނީ ސަގާފަތުގެ ގޮތުން ވަކިވަކިވެ ބެހިފައިވާ އިންސާނީ ޖަމާއަތްތަކަށެވެ. މިފަދައިން ދުނިޔޭގެ މައްޗަށް ނަޒަރު ހިންގައިފިނަމަ، ތަފާތު އެތައް ގައުމެއްގެ ބަޔަކު ބިންމަތީގައި ވަޒަންވެރިވެ އުޅޭތީ ފެންނާނެ އެވެ. އަރަބީންނާއި ކުރުދީންނެވެ. ޗަރުކޭސީންނާއި ފާރިސީންނެވެ. ތަމަޅައިންނާއި ސިންގަޅައިންނެވެ. އަދި ދިވެހީންނާއި މިނޫން ވެސް މިފަދަ އެތައް ގައުމެކެވެ.

ދެން އޮތީ ދައުލަތެވެ. މިއީ ގައުމު ގައުމުގެ މީހުން އެބައެއްގެ ގައުމުގައި ހުރި ކަށަކުޅަދާނަކަމަކުން ވަކި ހާއްސަ އަސާސްތަކަކާއި ގާއިދާތަކެއްގެ މައްޗަށް އުފަންކުރާ އެއްޗެކެވެ. ގައުމެއްގެ ބަޔަކަށް ދައުލަތަކައިގެން ތެދުވާ މައިގަނޑު ތެދުވާ މައިގަނޑު ބިންގަލަކީ އެބައެއްގެ ގައުމިއްޔަތެވެ. ދައުލަތެއް ނަގަހައްޓާ ދަމަހައްޓައިދޭ އެއްޗަކީވެސް އެއީއެވެ. އާއެކެވެ! ދައުލަތަކީ ގައުމެއް ނުވަތަ ގައުމުތަކެއްގެ މައްޗަށް ބިނާވެ އޮންނަ އެއްޗެއް ކަމުގައި ވިޔަސް ކޮންމެ ޤައުމެއްގެ ބަޔަކީ ދައުލަތެއްގެ ވެރިބައެއް ކަމުގައި ނުވެ ހިނގައިދާނެ އެވެ.

އާއެކެވެ! ބުނެވުނު ބަހުގެ މިސާލަކަށް ދާދި އިހަށް ދުވަހާއި ހަމަޔަށް ސްރީ ލަންކާގައި ހިނގި ދާހިލީ ހަނގުރާމައަށް ބަލާށެވެ. ހަނގުރާމަ ހިނގީ ދެ ދައުލަތެއްގެ މެދުގައި ހެއްޔެވެ؟ ނޫނެކެވެ. އެކަމަކު ދެ ގައުމެއްގެ ދެމެދުގައެވެ. އެއީ ސިންގަޅައިންނާއި ތަމަޅައިން ކުޅަ ހަނގުރާމައެކެވެ. އިސްތިއުމާރުގެ ޒަމާނަށް ފަހު ސިލޯނޭ ކިޔުނު ރަށުގައި އުފަންކުރީ ސިންގަޅައިންގެ ދައުލަތެކެވެ. އެ ދައުލަތުގެ ނަން "ސްރީ ލަންކާ" އަށް ބަދަލުކޮށް ހިންގާން ފެށުނު އިރު މުޅި ދައުލަތުގެ ބިންގަލަކަށްވެފައި ވަނީ ސިންގަޅައިންގެ ގައުމިއްޔަތެވެ. ތަމަޅަ ގައުމުގެ ހިއްސާ ކުޑަވީއެވެ. ނޫނީ ނެތުނީއެވެ. މިހެންކަމުން ތަމަޅައިން އެބައިމީހުންގެ ގައުމިއްޔަތު ރަމްޒު ކުރުވާ ދައުލަތެއް ގާއިމު ކުރުމުގެ ދައުވާ ފެއްޓީ އެވެ.

Advertisement

ގައުމިއްޔަތޭ މި ބުނެވެނީ ކޮން އެއްޗަކަށްތޯވެސް ބަލާލަން ޖެހެ އެވެ. އެކަތި ގަނޑެއްގެ ގޮތުގައި ގައުމެއް ހިފަހައްޓައިދޭ އެއްޗަކީވެސް އެއީ އެވެ. އެއީ ބައެއްގެ މުޅި މުޖުތަމައު އެ މައްޗަކަށް ބިނާވެ ހިނގަމުން އަންނަ އެންމެހައި ގިޔަމުތަކާއި އުސޫލުތަކެވެ. އެއީ އަނެކުންގެ ކުރިމައްޗަށް އެބާގައެއްގެ ބަޔަކު ހުށައަޅާ އެބައެއްގެ މުޅި އައިޑެންޓިޓީއެވެ. މިހެންކަމުން ބައެއްގެ މުޅި ސަގާފަތަކީ އެބައެއްގެ ގައުމިއްޔަތުކަމުގައި ބުނެވިދާނެއެވެ. އޭގެ ތެރޭގައި އެބައެއްގެ އަހުލާގިއްޔާތާއި ގާއިދާތަކާއި، ލިބިހުރި އިލްމާއި ހުނަރާއި އަދި އެންމެހައި ފަންނުތައް ފަދަ އެތައް ކަމެއް ހިމެނޭނެ އެވެ.

ގައުމެއްގެ ފިކުރާ ވިސްނުން ފުޅާވެ އެބަޔަކު ތަހުޒީބުވެ ދައުލަތަކައިގެން ތެދުވުމަށްފަހު އެބައެއްގެ ދައުލަތުގެ އެންމެ ބޮޑު އެއް ރަމްޒަކަށް ވަނީ އެބައެއްގެ ވެރިކަމާއި އެ ވެރިކަމެއްގެ ފާޑުވެރިކަމެވެ. ދުނިޔޭގެ ދައުލަތްތަކުން އެބައެއްގެ ވެރިކަމުގެ ހައިބަތު ބޮޑުކޮށް އަނެކުންނަށް ދައްކަމުން މިހިރަގެން އަންނަނީ އެހެންވީމަ އެވެ. އެއީ ތިމާމެންގެ ދައުލަތުގެ ހައިބަތާއި އިއްޒަތް ދެއްކުމަށެވެ. މިއަދުގެ އެންމެ ތަހުޒީބުކަމުގައި ބުނާ އަދި އެންމެ ދިމިގުރާތީ ދައުލަތްތަކުން ވެސް މިގޮތަށް ކަންކުރަމުން އަންނާތީ ފެންނާނެ އެވެ. އެއީ އަނެކުންގެ ހިތްތަކަށް އެބައިމީހުންގެ ދައުލަތުގެ ކީރިތިކަމާއި މޫރިތިކަން ވެއްދުމަށެވެ.

މިކަމަކީ އިންސާނުންގެ މެދުގައި ދައުލަތުގެ ނިޒާމު ފެށުނީއްސުރެން ކަން ހިނގަމުން އަންނަ ބީދަ އެވެ. އިހު އެވޭލާ ބޮޑެތި އަންބަރާޠޫރީ ވެރިކަންތަކުން އެބައިމީހުންގެ ވެރިކަމުގެ ކިއްލާ މޮޅަށް ހަދާ ޒީނަތްކޮށްފައި އެހުންނަނީވެސް މިހެންވީމަ އެވެ. މިސާލަކަށް ފަރަންސޭސިންގެ "ޕެލަސް އޮފް ވަސައި" އަށް ބަލާށެވެ. ނޫނީ ރޫސީންގެ ގަނޑުވަރުތަކަށް ބަލާށެވެ. މިހެން ގޮސް މިފަދަ ކިތަންމެ މިސާލެކެވެ. އަދުގެ ދުނިޔެއިން އެމެރިކާގެ ރިޔާސީ ގަނޑުވަރު މިސާލަކަށް ފުދެއެވެ. އެތަނުގެ ހައިބަތު ބޮޑުކޮށްފައި އެކި ޒަރީއާއިން ފަތުރާ ދައްކާ ހަދަމުން އަންނަނީވެސް މިހެންވީމަ އެވެ. އެއީ ދައުލަތުގެ ހައިބަތަށްޓަކަ އެވެ.

ދުނިޔޭގެ ދައުލަތްތަކުގެ މައްޗަށް ވިސްނުން ހިންގާއިރު ފެންނަނީ އިހުވެސް އަދުވެސް ދެބާވަތަކަށް ދައުލަތްތައް އެކުލެވިފައި ހުންނަތަނެވެ. އެއީ ގިނަ ގައުމުތަކެއް އެކުލެވޭނޭހެން އުފަންވެފައި ހުންނަ ދައުލަތްތަކާއި އެންމެ ގައުމެއްގެ މައްޗަށް އެކުލެވޭ ދައުލަތްތަކެވެ. ސްރީ ލަންކާ އޭ ކިޔުނު ދައުލަތަށް ވީގޮތުގެ ވާހަކަ އިސްވެ ދެއްކިއްޖެ އެވެ. ގިނަ ގައުމުތަކުގެ މައްޗަށް އެކުލެވޭ ދައުލަތެއްގެ މިސާލަކަށް މިހާރުގެ އުތުރުކަރަ (އިންޑިއާ) އަށް ބަލާށެވެ. އެއީ ދާދި އިހަށް ދުވަހަކު އުފަންކުރި ދައުލަތެކެވެ. އެ ދައުލަތް ބިނާވެފައި އެވަނީ އެތަކެއް ގައުމުތަކެއްގެ މައްޗަށެވެ. އެ ދައުލަތުގެ ތެރޭގައި ތަމަޅައިންނާއި ގުޖުރާތީންނާއި މަރާތީންނާއި އަދި މިނޫނަސް އެތައް ސަތޭކަ ގައުމެއްގެ ބަޔަކު އެކުލެވެއެވެ. އެ ދައުލަތުގެ އަސާސް ބިނާވެފައި ވަނީ އެ އެންމެހައި ގައުމެއްގެ ގައުމިއްޔަތުގެ މައްޗަށެވެ.

ދައުލަތެއް އުފަންވަނީ ގައުމެއްގެ ބަޔަކަށް އެފަދަ ކުޅަދާނަކަމެއް ލިބިގެންނެވެ. އެއީ ހަމަ ހުރެފައި ގުދުރަތީ ގޮތުން ބަޔަކަށް ލިބޭ ކަމެއް ނޫނެވެ. އެހެންނަމަ ދައުލަތެއްގެ މޮޅުކަން ހޯދައިގަތުމަށްޓަކައި މިހާރުވެސް ވަކާލާތު ކުރަމުން އަންނަ ގައުމު ގައުމުތަކުގެ މީސްތަކުންނަށް އެ ވަކާލާތެއް ކުރާކަށް ނުޖެހޭނެތާ އެވެ. އެއީ ދައުލަތެއް އުފަން ކުޅައުމުގެ ވިސްނުމާއި ހިޔާލާއި އަދި އެ ދައުލަތެއް ނަގަހައްޓާ ދެމެހެއްޓުމުގެ ބާރު ގައުމެއްގެ ބަޔަކަށް ލިބިގެން މެނުވީ ވާނެކަމެއް ނޫނެވެ. ވީމާ ދެން އަހަރުމެންގެ ވިސްނުން މި ދިވެހިރާއްޖޭގެ މައްޗަށް އަނބުރާލަމާ ބަހީއެވެ.

ޝައްކެއްނެތެވެ! "ދިވެހިންނޭ" މި ކިޔަނީ އަންޒަމާނުއްސުރެ މިރަށްތަކުގައި ވަޒަންވެރިވެ އަމިއްލަ ގައުމިއްޔަތެއް ބިނާކުޅަ މިރަށްތަކުގެ އަހުލުވެރީންނަށެވެ. އަހަރުމެންނީ ދިވެހި ގައުމުގެ މީހުންނެވެ. މި ގައުމުގެ ކާބަފައިން އެމީހުންގެ ކިބައިގައި ހުރި ކުޅަދާނަކަމާއި އެކު އުފަންކުޅަ ދައުލަތަކީ "ދިވެހި ރާއްޖެ" އެވެ. މާނައަކީ ދިވެހީންގެ ރަސްކަމެވެ. މިހާރުގެ ގޮތުންނަމަ "ދިވެހި ޖުމްހޫރިއްޔާ" އެވެ. ވީމާ ދިވެހީންނަކީ މާ އިހުއްސުރެ ދައުލަތަކައިގެން ތެދުވުމުގެ ބާރާއި އިހުތިޔާރު ލިބިފައިވާ ބައެއްކަން އެނގި ހާމަވެއްޖެ އެވެ. މިކަމުން އެނގި ހާމަވަނީ ދިވެހި ކާބަފައިންނަކީ އެބައުޅޭ މިބައުޅޭ ގޮތުން ކާއްޓާއި މަހާ ކައިގެން އާވާރާވެފައި ތިބި ބައެއް ނޫންކަމެވެ. ކިއެއްތަ އެއީ ހަރުދަނާ އުސޫލުތަކަކާއި ބިންގައުތަކެއްގެ މަތީގައި ދުނިޔޭގެ ތަބިއަތާއި ފާޑު ދަނެތިބެގެން ދިރިއުޅެމުން އައި ބައެއްކަމެވެ. ދުނިޔޭގެ ކުރިމަތީގައި ދައުލަތަށް މޮޅުކަމާއި ކުރިއެރުން ހޯދާން ދަނެގެން ތިބި ބައެކެވެ. އެކި ބާގަބާގައިގެ މީހުންނާ ވިޔަފާރީގެ ގުޅުން ގާއިމުކޮށް ދައުލަތްތަކާއި ވާދަކުރި ބައެއްވެސްމެ އެވެ.

ދިވެހި ދައުލަތުގެ މުސްކުޅިކަމާއި އެކު ދުނިޔެއަށް ވިސްނާލާށެވެ. ކޮން ކަހަލަ ދުނިޔެއެއް ހެއްޔެވެ؟ އެތައް ނާމާންކަމަކާއި ބިރުވެރި ޒަމާންތަކެއް ދެކެފައިވާ ދުނިޔެއެކެވެ. ބާރުގަދަ ބޮޑެތި ދައުލަތްތަކުން ޟަޢީފު ނިކަމެތި ދައުލަތްތަކުގެ މައްޗަށް ވެރިވެ އިސްތިއުމާރު ކުރި ޒަމާން ވެސް ދެކެފައިވެ އެވެ. ދެން އެ ޒަމާނުގެ ދުނިޔެއަށް ވިސްނަމުން މި ރާއްޖެ އެކުލެވިފައި އޮތް ތަނަށް ނަޒަރު ހިންގާށެވެ. ދަތުރުފަތުރުގެ ކާރޫބާރޫ ބޮޑު މައި މަގެކެވެ. ވިޔަފާރި އުޅަނދު ފަހަރުތަކަށް ހެޔޮ ބަނދަރެކެވެ. އެފަދަ ދުނިޔެއެއްގައި މިފަދަ މުހިންމު ސަރަހައްދެއްގައި ދިވެހީންގެ ދައުލަތް މިހާ ދިގު އުމުރެއްގެ މައްޗަށް ދެމިއޮތް ގޮތާއި މެދު ވިސްނާލުން ބުއްދިވެރިއެވެ. އެއިރަށް ދިވެހީންގެ ގައުމިއްޔަތުގެ އަސާސްތަކަކީ ކޮބައިކަން ވެސް އެނގިދާނެ އެވެ.

ދިވެހި ދައުލަތް އޮތީ ކާރޫބާރޫ ބޮޑު މަގެއްގެ މެދުގައި ކަމަށް ބުނެފީމެވެ. ތަފާތު ގައުމުތަކުގެ މީހުން ވިޔަފާރިކަމުގައި ދުއްވި ކަނޑެއްގެ މެދުގަ އެވެ. އެ މީހުންގެ ދިގު ދަތުރުތަކުގައި މަޑުކުރަމުން ދިޔައީ މި ދައުލަތުގެ ބަނދަރުތަކުގަ އެވެ. މި ދައުލަތަށް ޒިޔާރަތްކުރާ އަނެކުންނަށް ދިވެހީން ދެއްކި އައިޑެންޓިޓީ އަކީ ކޮބައި ހެއްޔެވެ؟ ސުލްހަވެރިކަމާއި އަމާންކަމެވެ. ހިތްހެޔޮކަމާއި ރަހުމަތްތެރިކަމެވެ. މެހެމާންދާރީގައި ނަމޫނާ ބައެއްކަމެވެ. ނަސްލީ ގޮތުން އެއްވެސް ބަޔަކާ ތަފާތެއް ނުގެންގުޅޭކަމެވެ. ބަބުރެއް އަރަތްބެއް ފާރިސީއެއް އަދި ޗަރުކޭސީއެއް ވިޔަސްހެވެ. ކޮންމެ ތާކުން އައި ކޮންމެ ގައުމެއްގެ ބަޔަކުކަމުގައި ވިޔަސް ދިވެހި ބަނދަރުތަކުން ދެއްކީ ރަހުމަތްތެރިކަމެވެ. އަދާކުޅައީ ފުރިހަމަ މެހެމާނުދާރީއެކެވެ. ދިވެހީންގެ ގައުމިއްޔަތުގެ މައި އަސާސުތަކަކީ މިއީއެވެ. ދައުލަތް ނެގެހެއްޓި އަދި ދެމެހެއްޓުނީވެސް މިހެންވެއެވެ.

ދިވެހީން މިތިބީ ވިޔަފާރީގެ މައި މަގެއްގައިކަން މި ދައުލަތް އުފަންކުޅަ ކާބަފައިން ދަނެއެވެ. އަދި ދިވެހިރާއްޖޭގެ ބައެއް އަތޮޅުތަކަކީ އެ ވިޔަފާރި ހިނގަހިނގާ އޮތުމަށް މުހިންމު ދައުރެއް އަދާކުރާ ބަނދަރުތަކެއްކަންވެސް އެމީހުން ދަނެއެވެ. ކާބަފައިން ތިބީ މިކަމަކީ ބޮޑު ފައިދާ އާއި ނުރައްކާ އޮތްކަމެއްކަން ވެސް އެނގިގެނެވެ. އެންމެނާއި ރަހުމަތްތެރި ސުލްހަވެރި އަދި މެހެމާންދާރީގައި ނަމޫނާ ގައުމިއްޔަތެއް އެބައިމީހުން ބިނާކުރީ ވެސް މި ދެ ސަބަބަށްޓަކަ އެވެ.

ދައުލަތުގެ އަމާންކަމާއި ގައުމުގެ ރަހުމަތްތެރިކަމުން އެއްވެސް ބަޔެއްގެ ވިޔަފާރިއަށް ގެއްލުންވެދާނެކަމުގެ ބިރެއް ގަންނާކަށް ނުޖެހެ އެވެ. މިހެންކަމުން ދިވެހި ބަނދަރުތަކަށް އަންނަމުން ދިޔަ ވިޔަފާރިވެރިންގެ ފުށުން ދިވެހި ދައުލަތަށް ގިނަ ނަފާ އާއި މަންފާ ލިބެމުން ދިޔަ އެވެ. ދިވެހީންނަކީ އެކި ގައުމުތަކުގެ މައްޗަށް އަދާވާތްތެރިކަން ފައުޅުކޮށް ޖެއްސުން ކުރަމުން ދިޔަ ބައެއްކަމުގައި ވީނަމަ ވިޔަފާރިއަށް ބުރޫ އަރާ އިގުތިސޯދު ނެތިދިޔައީހެވެ. މީގެ އިތުރަށް މި ސަރަހައްދަކީ ކާރޫބާރޫ ބޮޑު މަގަކަށްވެފައި ތަނުގައި ތިބި މީހުންގެ އަދާވާތްތެރިކަމަކީ ވިޔަފާރި ނައުފަހަރަށް އޮތް ބިރެއް ކަމުގައިވީނަމަ ދައުލަތުގެ މައްޗަށް ކޮންމެވެސް ބަޔަކު އަތްގަދަކުރާން އުޅުމީވުން ގާތްކަމެކެވެ. މިހުރީ ހައްތަހާވެސް މި ގައުމު އުފަންކުޅަ ކާބަފައިން ވިސްނާފައި ހުންނާނޭކަންކަމެވެ. ދިވެހީން ބުނެވިދިޔަ ފަދަ ގައުމިއްޔަތެއްގައި އިހު ތިބީ މިހެންވީމައެވެ.

ދިވެހީން ދުނިޔެއަށް ދެއްކި ގައުމިއްޔަތާއިއެކު ހަމައެކަނި ތިބީއެއް ނޫނެވެ. ދައުލަތެއްގެ ގޮތުން އާރާއި ބާރު ދައްކާން ޖެހިއްޖެ ހިނދެއްގައި އެކަންވެސް ދައްކަ އެވެ. ކާރޫބާރޫ ބޮޑު މި މަގުން ދަތުރުކުރާ ނައުފަހަރަށް ދިވެހިރާއްޖެ ހުރަސްކުރާނަމަ، ހުރަސް ކުރެވެނީ ދައުލަތުން ކަނޑައަޅާފައިވާ "ދޮރޯށި" ތަކަކުން ވަދެގެންނެވެ. އެނޫން ގޮތަކުން ވަދެ ދިވެހި ފަރަކަށް ނަވެއް އުރިއްޖެނަމަ އެ އެއްޗަކާއި އޭގައިވާ މުދާ ދައުލަތުން ހިއްޕަވަ އެވެ. މި މަގުން ކިތަންމެ ނައުފަހަރެއް ހިއްޕަވާފައިވެސްވެ އެވެ. ހަމަމިފަދައިން މި ދައުލަތުގެ ބަނދަރުތަކުގެ މައްޗަށް ދަހިވެތިވެ އެތަންތަން ކޮންޓުރޯލު ކުޅައުމަށް ފޫގަޅައިގަތް ކޮންމެ ބަޔަކާ ހަނގުރާމަ ކުރެ އެވެ. މިގޮތުން ޗޯޅާއިންނާއި ދެފަހަރެއްގެ މަތީން ހަނގުރާމަ ކުރެވުނެވެ. ކަންނަންނޫރު އަލީރާޖާއިންނާ އަބަދުމެ ތިބީ ހަނގުރާމަކޮށްކޮށެވެ. ޕޯޗުގީޒުންނާ ހަނގުރާމަކޮށް ބަލިވެފައި އަލުން އެމީހުން ފައްސާލާ މޮޅު ހޯދި އެވެ.

އާއެކެވެ! ދިވެހި ގައުމަކީ ހަރުދަނާ ގައުމިއްޔަތެއްގެ މައްޗަށް މާއިހުއްސުރެ ދައުލަތެއް އުފަންކޮށްގެން ތިބި ބައެކެވެ. އަދި ދައުލަތުގެ ހައިބަތާއި ޢިއްޒަތްވެސް އަނެކުންގެ ކުރިމަތީގައި ކުޑަނުކޮށް ދައްކައިގެން ތިބި ގައުމެއްގެ ބައެކެވެ. މިހާ ދިގު އުމުރެއްގެ މައްޗަށް މި ދައުލަތް ދެމިއޮތީ ތަރުބަވީ ނިޒާމުގެ ތެރެއިން ދިވެހީންގެ ގައުމިއްޔަތު ޖީލުތަކަށް ވާރުތަކޮށްދެމުން އައިސްފައިވާތީއެވެ. މާދަމާއަށްޓަކައި މިއަދުގެ ޖީލު ކުރާންވީކަމަކީވެސް އެއީ އެވެ. އިއްޔެ އާއި މިއަދު ފަދައިން ދިވެހީންގެ ދައުލަތަށް މާދަމާއެއް ހޯދުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox