ޔާމީނާއި ރިލުވާނުގެ މަރު: އިސޫ، އަހަނދު، މުއާގެ ޝަރީއަތް ސިއްރުކޮށްފި

ޔާމީނާއި ރިލުވާންގެ މަރު މައްސަލާގައި ޓެރަރިޒަމްގެ ދައުވާކޮށްފައިވާ މީހުން؛ ޝަރީއަތް ސިއްރުކޮށްފި

ޔާމީނާއި ރިލުވާންގެ މަރު މައްސަލާގައި ޓެރަރިޒަމްގެ ދައުވާކޮށްފައިވާ މީހުން؛ ޝަރީއަތް ސިއްރުކޮށްފި

ބްލޮގަރު ޔާމީން ރަޝީދު މަރައިލި މައްސަލަ އާއި ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ރަހީނުކޮށް ގެއްލުވާލި މައްސަލާގައި ޓެރަރިޒަމްގެ ދައުވާތަކެއް އުފުލި ތިން މީހުންގެ މައްޗަށް ހިނގާ ޝަރީއަތް ސިއްރުކޮށްގެން ގެންދާ ގޮތަށް މިއަދަށް އަޑުއެހުމެއް ތާވަލުކޮށްފި އެވެ.

އެ ތިން މީހުންގެ ތެރެއިން އިސްމާއީލް އަބްދުއް ރަހީމް (އިސޫ) ދެކޮޅަށް އެ ދެ މަރުގެ މައްސަލައިގައި ވެސް ކުރީ ޓެރަރިޒަމްގެ އަމަލެއް ހިންގަން އެހީތެރިވެދިނުމުގެ ކުށުގެ ދެ ދައުވާ އެވެ.

އަހުމަދު އިސްމާއިލް (ބުރު އަހަނދު) ގެ މައްޗަށް ކުރަނީ، ޓެރަރިޒަމް އަމަލެއް ކުރަން ރޭވުމުގެ ކުށުގެ ދައުވާއަކާއި ޓެރަރިޒަމް އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އެވެ. އެއީ ވެސް ދެ މަރުގެ މައްސަލާގަ އެވެ.

ދެން ހިމެނޭ އަހުމަދު މުއާޒް (ގަޓް މުއާ) އަށް ކުރަނީ ޓެރަރިޒަމްގެ އަމަލެއް ރޭވުމުގެ ކުށުގެ އެއް ދައުވާ އެވެ. އެއީ ވެސް ރިލްވާނާއި ޔާމީން މަރައިލަން ރޭވުމުގައި އުޅުނު ކަމުގެ ތުހުމަތުގަ އެވެ.

ތިން މީހުންގެ މައްޗަށް ހިންގާ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ބޭއްވީ ނޫސްވެރިންނާއި އާންމުންނަށް ވެސް ވަދެވޭ ގޮތަށް ހުޅުވާލައިގެންނެވެ. އެ އަޑުއެހުމުގައި ދައުލަތުގެ ވަކީލުންނާއި ދައުވާކުރާ ބައެއް މީހުންގެ ދިފާއީ ވަކީލުން ވެސް ވަނީ އެ މައްސަލަ ސިއްރުކޮށްގެން ގެންދިއުމަށް އެދިފަ އެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ މުހައްމަދު މިސްބާހުގެ ސެކްޝަނުން ބައްލަވާ އެ މައްސަލައިގެ އަޑުއެހުމެއް މިއަދު ހަވީރު 4:00 ޖަހާއިރަށް ތާވަލުކޮށްފައިވެ އެވެ. ކްރިމިނަލް ކޯޓުގެ ދުވަހުގެ ޝެޑިއުލްގައި ބަޔާންކޮށްފައި އޮތް ގޮތުން އެ އަޑުއެހުން ކުރިއަށް ގެންދަނީ ސިއްރުކޮށްގެނެވެ.

ޝަރީއަތް ސިއްރުކޮށްދޭން ދައުލަތުން އެދުނީ، ޝަރީއަތުން ހާމަވެގެންދާ މައުލޫމާތެއްގެ ސަބަބުން ދައުވާ ލިބޭ ތިން މީހުނަށް ވެސް ނުރައްކާތެރިކަން އަތުވެދާނެ ކަމަށް ބެލުމުގެ ފުރުސަތު އޮތުމުން ކަމަށް ބުނެ އެވެ.

އޭގެ އިތުރަށް އެ ދެ މަރަކީ އަދިވެސް ތަހުގީގުގެ ބައިބައިތައް ކުރިއަށްދާ މައްސަލަތަކަކަށް ވާތީ، ތަހުގީގަށް ވެސް ހުރަސް އެޅުމުގެ ފުރުސަތު އޮވެދާނެ ކަމަށް ބެލެވޭ ކަމަށް ދައުލަތުން ބުނެފައިވެ އެވެ.

ޓެރަރިޒަމްގެ ދައުވާތަކެއް އުފުލާފައިވާ އެ ތިން މީހުން ވެސް ވަނީ ޓެރަރިޒަމް މަނާ ކުރުމުގެ ހާއްސަ ގާނޫނުގެ ދަށުން ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

ދެ މަރުގެ ފަސްފަހަތް

މިނިވަން ނޫހުގައި މަސައްކަތް ކުރި ނޫސްވެރިޔާ ރިލްވާން ގެއްލުވާލާފައި ވަނީ އޯގަސްޓް 7، 2014 ގަ އެވެ. ޓެރަރިސްޓު ޖަމާއަތް އައިސިސް އަދި އަލް-ގައިދާ އަށް ނިސްބަތްވާ ދިވެހި ބަޔަކު ރިލްވާން މަރާލުމަށްފަހު ކަނޑު ފެއްތި ކަމަށް މަރު ކޮމިޝަނުން ބުނެފައި ވަނީ ވެސް ސެޕްޓެމްބަރު، 2019، ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

ރިލްވާން މަރާލީ އޭނާއަކީ މުރުތައްދެއް ކަމަށް ކަނޑައަޅައި އެ ޖަމާއަތް ތެރޭގައި ހުކުމް ކުރުމަށްފަހު ދީނުގެ ނަމުގައި ކަމަށް ވެސް ރިޔާސީ ކޮމިޝަނުން ބުންޏެވެ. އަދި ރިލްވާން މަރާލީ ޝަހާދަތުގެ ދެކަލިމަ އޭނާ ކިޔައި ކިޔައި އޮއްވާ ކަމަށް ވެސް ކޮމިޝަނުން ބުނެފައިވެ އެވެ.

ބްލޮގަރު ޔާމީން ރަޝީދު މަރާލީ ރިލްވާންގެ މައްސަލައިގައި އިންސާފު ހޯދުމަށް އޭނާ ގިނަ މަސައްކަތްތަކެއް ކުރަމުންދަނިކޮށް އޭޕްރީލް 23، 2017 ގަ އެވެ. އޭނާ މަރާލި މައްސަލައިގައި ދެ މީހެއްގެ މައްޗަށް ވަނީ ގަސްދުގައި މީހަކު މެރުމުގެ ކުށް ސާބިތުވެފަ އެވެ.

ހުޅުމާލެ އިން ރިލްވާން ވަގަށް ނަގައި ފޮރުވި މައްސަލައިގައި ފުލުހުންގެ ތަހުގީގަށް ފަހު ބަޔަކު ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާތަކެއް މީގެ ކުރިން އުފުލި އެވެ. އެއީ، ގ. ހިލްޓަން، އާލިފް ރައޫފާއި ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ އިތުރުން ސ. ހުޅުދޫ، އަތިޔާގޭ، މުހައްމަދު ސުއައިދުގެ މައްޗަށެވެ.

މި ތިން މީހުންގެ ތެރެއިން އާލިފް އާއި މުހައްމަދު ނޫރައްދީން ވަނީ މި މައްސަލާގައި ހައްޔަރުކުރުމަށް ފަހު ދޫކޮށްލައިފަ އެވެ. ސުއައިދު ދޫކޮށްލުމާއެކު ރާއްޖޭން ބޭރަށް ގޮސް ސީރިއާގެ ހަނގުރާމައިގެ ތެރޭގައި މަރުވެފައިވާ ކަމަށް ވަނީ އަޑު ފެތުރިފަ އެވެ. ރަސްމީ އެއްވެސް އިދާރާއަކުން މިކަން ކަށަވަރެއް ނުކޮށްދެ އެވެ. އެކަމަކު އޭނާ މަރުވެފައިވާ ކަމަށް އާއިލާ އިން ވަނީ ކްރިމިނަލް ކޯޓަށް އަންގައިފަ އެވެ.

ޔާމީނަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާ ކުރީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒްގެ އިތުރުން މ. ތާއިފް، އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ކުރީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.

އޭގެ ތެރެއިން ކުށް ސާބިތުވީ ހައިޝަމާއި ޒިހާންގެ މައްޗަށެވެ. ދަށު ކޯޓުގައި ކުށް ސާބިތުނުވާ މީހުންގެ ތެރެއިން އިސްމާއީލް ރަޝީދާއި މުހައްމަދު ދިފްރާންގެ މައްސަލަ ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. ދެން ހިމެނޭ ދެ މީހުންގެ މައްސަލަ އިސްތިއުނާފު ނުކުރަން ވަނީ ނިންމައިފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، ތަހުގީގު ފުރިހަމަ ނުވެ އޮތް ގޮތް ނޭނގޭ މަރުތަކުގެ މައްސަލަތަކުގެ ތަހުގީގު ފުރިހަމަކުރަން ރިޔާސީ ކޮމިޝަނެއް އެކުލަވާލި އެވެ. ޓެރަރިޒަމްގެ ދައުވާތަކެއް މި ފަހުން އުފުލި ތިން މީހުން ހައްޔަރު ކުރީ އެ ތަހުގީގަށް ފަހު މި އަހަރުގެ ތެރޭގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox