ގައިދީން އިސްލާހުވުން ކުޑަ، ގިނައީ ކުށްތައް ތަކުރާރުކުރާ މީހުން: ދިރާސާ

މާފުށި ޖަލު: މިނިވަންވުމަށް ފަހު ގައިދީން އަނެއްކާ ކުށްކުރަނީ ރީއިންޓަގްރޭޝަން ޕްރޮގްރާމުތައް ބަލިކަށިކަމުން ކަމަށް ޓްރާންސްޕޭރެންސީގެ ރިޕޯޓުގައި ފާހަގަކުރި. -- ފޮޓޯ: މެކްސިމަސް ފިލްމްސް

މާފުށި ޖަލު: މިނިވަންވުމަށް ފަހު ގައިދީން އަނެއްކާ ކުށްކުރަނީ ރީއިންޓަގްރޭޝަން ޕްރޮގްރާމުތައް ބަލިކަށިކަމުން ކަމަށް ޓްރާންސްޕޭރެންސީގެ ރިޕޯޓުގައި ފާހަގަކުރި. -- ފޮޓޯ: މެކްސިމަސް ފިލްމްސް

ކުށްކޮށްގެން ހުކުމް ތަންފީޒު ކުރަމުންދާ ގައިދީން ޖަލުތަކުގައި އިސްލާހުވުން ކުޑަ ކަމަށާއި ގިނަ ގައިދީންނަކީ ކުށުގެ ވެށިން ނުނެއްޓޭ، ތަކުރާރުކޮށް ކުށްކުރާ މީހުން ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ދިރާސާއަކުން ދައްކައިފި އެވެ.

ހޯމް މިނިސްޓްރީއާ ގުޅިގެން ޓްރާންސްޕޭރެންސީން ކުރި މި ދިރާސާއަކީ ކުށްވެރިންނާއި މަސްތުވާ ތަކެއްޗަށް ދެވި ހިފާފައިވާ މީހުން އިސްލާހުކޮށް އަނބުރާ މުޖުތަމައުއަށް ނެރުމުގައި ދިމާވާ ގޮންޖެހުންތައް ދެނެގަންނަން ކުރި ދިރާސާއެކެވެ. މި ދިރާސާގެ އަލީގައި މިއަދު ނެރުނު ރިޕޯޓުގައި މިހެން ހުރި ޕްރޮގްރާމުތަކުގައި ހުރި ބައިވަރު މައްސަލަތައް ފާހަގަކޮށްފައިވެ އެވެ.

އެންމެ ބޮޑު އެއް މައްސަލައަކީ ހުކުމް ތަންފީޒުކުރުމަށް ފަހު މިނިވަންވާ މީހުން އަނެއްކާ ވެސް ކުށްކޮށްގެން ޖަލަށް އަނބުރާ ދާ މައްސަލަ އެވެ. ނަމަވެސް މިކަމަށް ބާރު ދޭނެ އެއްވެސް ރަސްމީ ތަފާސްހިސާބުތަކެއް ނުބަލަހައްޓާތީ މި މައްސަލައިގެ އަސްލު ހާލަތު ނޭނގޭ ކަމަށް ރިޕޯޓުގައިވެ އެވެ.

ގައިދީންގެ ކަންކަން ބަލަހައްޓާ ކަރެކްޝަނުން ސާވިސްއިން ބުނި ގޮތުގައި ޖަލުގައި ހުކުމް ތަންފީޒުކުރަމުން ގައިދީންގެ ތެރޭގައި ގިނައި "ރިޕީޓް އޮފެންޑާސް" ނުވަތަ ކުށް ތަކުރާރުކުރާ މީހުންނެވެ. މި ދިރާސާގައި ބައިވެރިވި ފުލުހުންނާއި ހޯމް މިނިސްޓްރީ އާއި ޖުވެނައިލް ޖަސްޓިސް ޑިޕާޓްމަންޓުން ވެސް މި ކަންބޮޑުވުން ހިއްސާކުރަމުން، ކުދި ކުށްތައް ކުރާ މީހުން ފަހުން އެޔަށް ވުރެ ބޮޑެތި ކުށްތަކުގައި ހައްޔަރުކުރުމުގެ މައްސަލަ ވެސް ބޮޑުކަމަށް ބުނެފަ އެވެ.

ފުލުހުން ބުނި ގޮތުގައި ކުދި ކުށްތަކުގައި ހައްޔަރުކުރާ މީހުންގެ ތެރޭގައި ގިނައީ މަސްތުވާތަކެއްޗަށް ދެވި ހިފުމުގެ ސަބަބުން ކުށުގެ ވެށީގައި އުޅޭ މީހުންނެވެ. މި މީހުން ކުށުގެ ވެށީގައި "ބަނދެވިފައި" ތިބީ، ކުށުގެ ރެކޯޑެއް އޮތުމާ ގުޅިގެން ވަޒީފާ ނުލިބޭތީ އާއި މުޖުތަމައުއަށް ނެރެން ހިންގާ ޕްރޮގްރާމުތައް ދޯހަޅިކަމުން ކަމަށް ދިރާސާގެ ހޯދުންތަކުން ދައްކަ އެވެ.

މި މައްސަލަ ގޯސްވެފައިވާ މިންވަރާ މެދު ކަންބޮޑުވުން ފާޅުކުރަމުން ފުލުހުން ބުނީ މިފަދަ ކުށްވެރިންނަށް އެކަށީގެންވާ ފަރުވާ ނުލިބި ތަކުރާރުކޮށް ކުށްތަކަށް އަރައިގަތުމަކީ އާންމު ސަލާމަތަށް ހުރި ބޮޑު ނުރައްކަލެއް ކަމަށެވެ. އަދި މިއީ ކުށްވެރިން އިސްލާހުވާން ނޫނީ ފަރުވާހޯދަން އެކަށީގެންވާ ޕްރޮގްރާމުތަކެއް ނުހިންގޭތީ ދިމާވާ ކަމެއް ކަމަށް ފުލުހުން ވެސް ފާހަގަކުރި އެވެ.

ޕެރޯލާއި ކްލިމެންސީ ދެނީ ބަލަންވާ ވަރަށް ނުބަލާ

ކުށްވެރިން އިސްލާހުކުރަން ހިންގާ ޕެރޯލާއި ކްލިމެންސީ ޕްރޮގްރާމުތަކުގައި ހުރި މައްސަލަތަކަށް އަލި އަޅުވާލަމުން، ރިޕޯޓުގައިވާ ގޮތުގައި މުޖުތަމައުއާ ގުޅެން ހުރި ޕްރޮގްރާމުތައް ބަލިކަށިކަމުން ހުރި ގޮންޖެހުންތައް ބޮޑެވެ.

އެގޮތުން ޕެރޯލާއި ކްލިމެންސީގެ ދަށުން މިނިވަންވާ މީހުން އެ ޕްރޮގްރާމުތަކުގެ ޝަރުތުތަކާ ހިލާފުވެގެން ޕްރޮގްރާމުން ވަކިކޮށް، އަނބުރާ ޖަލަށް ދާން ޖެހުމަކީ އާންމު ކަމެއްގެ ގޮތުގައި ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ކަރެކްޝަނުން ބުނި ގޮތުގައި 2017 ގެ ފަހުކޮޅާއި 2018 ގެ ކުރީކޮޅު ހިނގި ކުރު މުއްދަތުގެ ތެރޭގައި ކްލިމެންސީ ލިބުނު 800 ގައިދީންގެ 50 ޕަސެންޓު މިހާރު ތިބީ އަނބުރާ ޖަލުގަ އެވެ. ހަމަ މިގޮތަށް 2014 ގައި އަމަލުކުރަން ފެށި ޕެރޯލް ގާނޫނުގެ ދަށުން ޖެހިގެން އައި އަހަރު މިނިވަންވީ 77 މީހުންގެ ތެރެއިން 22 ޕަސެންޓު އަނބުރާ ޖަލަށް ދިޔަ އެވެ.

ޕެރޯލާއި ކްލިމެންސީ ޕްރޮގްރާމުތަކުން އެދެވޭ ނަތީޖާ ނުނެރެވޭ ސަބަބާ ގުޅިގެން ރިޕޯޓުގައި ވަނީ ގައިދީން ދޫކޮށްލަނީ ހާލަތު ވަޒަންކުރުމެއް ނެތި ކަމަށާއި، ގިނަ ގައިދީން ދޫކުރަނީ އިންތިހާބުތަކުގެ ކުރިން ސިޔާސީ ސަބަބުތަކަށްޓަކައި ކަމަށެވެ.

މި ޕްރޮގްރާމުތަކުން ދިމާވާ އަނެއް ދައްޗަކީ މި ފުރުސަތުތަކަށް އެދޭ ގައިދީންގެ ކަންކަން ދިގުލައިގެން ދިޔުމާއި މިނިވަންވުމަށް ފަހު އެކަށީގެންވާ ވަރަށް ނުބެލެވޭ މައްސަލަ އެވެ. ވަކިން ހާއްސަކޮށް މިނިވަންވާ މީހުންގެ ކަންކަން ބެލެހެއްޓޭނެ އެކަށޭނެ ނިޒާމެއް ނެތުމަކީ، މި ޕްރޮގްރާމުތައް ނާކަމިޔާބުވާ އެންމެ މައިގަނޑު ސަބަބުކަމަށް ރިޕޯޓުގައިވެ އެވެ.

ޕެރޯލާއި ކްލިމެންސީ ޕްރޮގްރާމުތަކުގައި ހުރި މައްސަލަތަކުގެ އިތުރުން އިންތިޒާމުވެގެން ޖަލުތަކުގައި ހަރުކަށި ފިކުރު ފަތުރާ މައްސަލައާއި ތޮއްޖެހުމުގެ މައްސަލައިގެ އިތުރުން ގައިދީންނަށް އެންމެ ބޭނުންވާ ވަސީލަތްތައް ނެތް މައްސަލައަށް ވެސް މި ދިރާސާގައި ތަފުސީލުކޮށް އަލިއަޅުވާލާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox