އައިޖީއެމްއެޗުގެ އޮންކޮލޮޖީ (ކެންސަރު) ޑިޕާޓްމަންޓުން ރޭ ވައްކަން ކުރި މައްސަލައެއް ފުލުހުން މިއަދު ބަލަން ފަށައިފި އެވެ.
ވައްކަން ކޮށްފައިވާކަން ފުލުހަށް ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު އެވެ.
އައިޖީއެމްއެޗުން ވައްކަން ކޮށްފައިވާކަން ޔަގީން ކޮށްދީފައިވާ ނަމަވެސް އެއީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކަށްވާތީ މައުލޫމާތު ދެވެން ނެތް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
ނަމަވެސް ފުލުހުން ބުނީ ވަގަށް ނެގި ތަކެތީގެ ތެރޭގައި ހިމެނެނީ ދެ ފުޅި ސެންޓާއި ކޮފީ މެޝިނަކާއި ކޮފީ ކެޕްސޫލު އަދި ވަޔަލެސް ސްޕީކަރެއް ކަމަށެވެ.
ކެންސަރުގެ ބަލިތަކަށް ފަރުދާ ދޭން ހާއްސަ ޑިޕާޓްމަންޓެއް އައިޖީއެމްއެޗުގައި ހުޅުވީ 2018ގަ އެވެ.















