ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރަން ޖޫން 21 ގައި ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގި މައްސަލައިގައި އިތުރު ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ގަލޮޅުދަނޑުގައި ބޭއްވި ހަރަކާތަށް ފަހު، އެދުވަހުގެ ހަރަކާތް ހިނގަމުން ދަނިކޮށް، އެކަން ހުއްޓުވަން ބަޔަކު ހުރަސް އަަޅައި ހަމަނުޖެހުން ހިންގުމުން ފުލުހުން ވަނީ އެ މައްސަލައިގައި 23 މީހަކު ހައްޔަރުކޮށްފަ އެވެ.
ފުލުހުން ބުނީ މި މަހުގެ ދެވަނަ ވަނަ ދުވަހުގައި އެކަކު އަދި ތިންވަނަ ދުވަހު އެކަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އަދި އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭގެ ތެރެއިން އެކެއްގެ ބަންދަށް ހަތް ދުވަސް ޖަހާފައިވާ ކަމަށެވެ. އަދި އަނެއް މީހާގެ ބަންދަށް 30 ދުވަސް ޖަހާފައިވާ ކަމަށެވެ.
ޔޯގާ ހަމަނުޖެހުމާ ގުޅިގެން މީގެ ކުރިން ހައްޔަރުކުރި މީހުންގެ ތެރެއިން ބައެއް މީހުން ވަނީ ޝަރުތުތަކަކާއެކު ދޫކޮށްލާފަ އެެވެ.

ޔޯގާއަކީ އިސްލާމްދީނުގައި ހަރާމްކަމެއް ކަމަށް ބުނެ ރާއްޖޭގެ 100 އަށް ވުރެ ގިނަ އިލްމުވެރިން ސޮއިކޮށް ފަތުވާއެއް ވަނީ ނެރެފަ އެވެ.
އިލްމުވެރިންގެ ގުޅުން ޖަމިއްޔާއިން މިދިޔަ މެއި މަހު ޔޯގާގެ ހުކުމާ ގުޅޭ ގޮތުން ކުރި ދިރާސާއަކަަށް ފަހު ނެރުނު ފަތުވާގައި ވަނީ ޔޯގާއަކީ ހަމައެކަނި ކަސްރަތެއްގެ ގޮތުގައި ދުނިޔޭގެ ކަންކޮޅުތަކުގައި ފެތުރުމުގެ ބޭނުމަކީ އެހެން އަގީދާތަކުގެ މީހުންނަށް އޮޅުވާލައިގެން ހިންދޫ ދީނުގެ އަޅުކަންތައް ކުރުން ކަމަށް ބުނެފަ އެވެ.
ޔޯގާ މައްސަލައާ ގުޅިގެން ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ވެސް ވަނީ މުސްލިމުންނަށް ހުއްދަ ކަމެއް ނޫން ކަމަށާއި ޖުުމްހޫރު އިލްމުވެރިންގެ ރައުޔަކީ އެއީ ކަމަށް ބުނެފަ އެވެ.













