ޓޫރިޒަމަށް ބައި ގަރުނު؛ ދޭސީ ބިދޭސީގެ ނިސްބަތް މިނިސްޓްރީއަށް ނޭނގޭ

ވެލޭނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޓޫރިސްޓުން ބަލާ އައިސް ތިބި އެއާޕޯޓު ރެޕުންތަކެއް: ޓޫރިޒަމަށް ބައި ގަރުނުވީއިރު މި ދާއިރާގައި ދިވެހިންނަށް ފުރުސަތު ނުލިބޭ ކަމުގެ ޝަކުވާ އަބަދުވެސް ބޮޑު. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ވެލޭނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޓޫރިސްޓުން ބަލާ އައިސް ތިބި އެއާޕޯޓު ރެޕުންތަކެއް: ޓޫރިޒަމަށް ބައި ގަރުނުވީއިރު މި ދާއިރާގައި ދިވެހިންނަށް ފުރުސަތު ނުލިބޭ ކަމުގެ ޝަކުވާ އަބަދުވެސް ބޮޑު. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ދިވެހިންނާއި ބިދޭސީންގެ ނިސްބަތް ހޯދަން އެދުމުން އެ މައުލޫމާތު އެއްކުރުމުގެ ނިޒާމެއް އަދި ނެތް ކަމަށާއި އެ މަސައްކަތްކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީން 2012 ގައި ނެރުނު ސާކިއުލާއެއްގައިވާ ގޮތުން ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން 45 ޕަސެންޓު ވާން ޖެހޭނީ ދިވެހިންނަށެވެ. އެކަމަކު މި މިންގަނޑު ގިނަ ރިސޯޓުތަކުން ނުހިފަހައްޓާ ކަމުގެ ޝަކުވާ އަބަދުވެސް އަޑު އިވެ އެވެ.

ނިޒާމު އެކުލަވާލަމުންދާ ކަމަށް ޓޫރިޒަމުން ބުނިއިރު، ޓޫރިޒަމް ގާނޫނުގެ 42 ވަނަ މާއްދާގެ ދަށުން މި މައުލޫމާތު ހޯދުމުގެ ބާރާއި އިހުތިޔާރު މިނިސްޓްރީއަށް ލިބެ އެވެ.

އެ މާއްދާއިން ބާރު ލިބިގެން ހަދާފައިވާ "ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ތަފާސްހިސާބު ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުމާބެހޭ ގަވައިދު"ގެ 4 ވަނަ މާއްދާގައި ޓޫރިޒަމް ހިދުމަތްދޭ ތަންތަނުން ޓޫރިޒަމް މިނިސްޓްރީއަށް ގަވައިދުން ހުށަހަޅަން ޖެހޭ މައުލޫމާތުތަކުގެ ތެރޭގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދުތައް ހިމެނެ އެވެ.

މައުލޫމާތޫ ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން "އަދަދު"އިން ހުށަހެޅި އާރްޓީއައިއެއްގެ ޖަވާބުގައި މިނިސްޓްރީން މިހެން ބުނިއިރު، 2018 ގައި މި ސަރުކާރު ވުޖޫދަށް އައި ފަހުން ޓޫރިޒަމުން ބުނަނީ އެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ވަޒީރު ކަމުގައި، ރާއްޖޭގެ ހުރިހާ ރިސޯޓުތަކެއް އިންސްޕެކްޓްކޮށް 2019 ގައި ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މައުލޫމާތުތައް ހިއްސާކުރި އެވެ. އޭރު އޭނާ ވިދާޅުވީ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރަމުން ދިޔަ 36،301 މުވައްޒަފުންގެ ތެރެއިން ދިވެހިންގެ ނިސްބަތަކީ 47 ޕަސެންޓު (17،138 މީހުން) ކަމަށެވެ.

ހަމަ އެ އަހަރު މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ހެދި ދިރާސާއެއްގައި މި ނިސްބަތަށް ރިސޯޓުތަކުގައި ދިވެހިން އުޅޭ ކަމަށް ބުނި ނަމަވެސް އަލީ ވަހީޑު ވިދާޅުވި ވަރަށް ވުރެ މުވައްޒަފުންގެ އަދަދު އިތުރެވެ. އެންބީއެސް އިން އަންދާޒާކުރީ ޖުމްލަ މުވައްޒަފުންގެ އަދަދަކީ 44،954 ކަމަށާއި، ދިވެހިންގެ އަދަދަކީ 21،332 ކަމަށެވެ.

ޖެހިގެން އައި 2020 ވަނަ އަހަރު ލައިގަތް ކޮވިޑު ބަލިމަޑުކަމުގެ ތެރޭގައި ގިނަ ބަޔެއްގެ ވަޒީފާ ގެއްލި، އެ އަހަރު ނިމުނުއިރު ދިވެހިންގެ ނިސްބަތް ހުރީ 42 ޕަސެންޓަށް ތިރިވެފަ އެވެ. އެންބީއެސް އިން މިދިޔަ އަހަރު ކުރިޔަށް ގެންދިޔަ ސާވޭއަކަށް ފަހު އަންދާޒާކުރީ ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު 35،887 އަށް މަދުވެ، ދިވެހިން އަދަދު ވެސް ވަނީ 15،093 ތިރިވެފަ އެވެ.

ރިސޯޓުތަކުގެ މަސައްކަތް ކުރާ މުވައްޒަފުންގެ އަންދާޒާތަކެއް ހުރި ނަމަވެސް ޓޫރިޒަމް ދާއިރާގައި ހިމެނޭ ހޮޓާތަކާއި ގެސްޓްހައުސްތަކާއި ސަފާރީތަކުގައި އުޅޭ މުވައްޒަފުންގެ އަދާހަމަ އަދަދު އެނގޭނެ އެއްވެސް މައުލޫމާތެއް އެއްވެސް މަސްދަރަކުން ނުލިބުނެވެ.

އޭގެ އިތުރުން މިނިސްޓްރީން އެކުލަވާލަމުގެ މަސައްކަތް ކުރަމުންދާ ޓޫރިޒަމް މަސައްކަތްތެރިންގެ ދަފްތަރާއި، މިދިޔަ އަހަރުން ފެށިގެން ބޭނުންކުރަން ފެށުމުގެ މަސައްކަތްކުރަމުން އަންނަ "ފަހިވޭ" އެޕަކީ ވެސް މުވައްޒަފުންނާ ގުޅޭ މައުލޫމާތު ހޯދަން މިނިސްޓްރީއަށް ލިބިފައިވާ ވަސީލަތްތަކެވެ.

ޓޫރިޒަމް މިނިސްޓްރީން މީގެ ހަތް މަސް ކުރިން ދިން މައުލޫމާތަކީ "ފަހިވޭ" އެޕް ރަސްމީކޮށް ބޭނުންކުރަން ފަށަށް ޓޫރިޒަމް ހިދުމަތްދޭ ހުރިހާ ފަރާތްތަކަށް މަޖުބޫރުވާނީ މި އަހަރުގެ ޖޫން މަހުން ފެށިގެން ކަމަށެވެ. އެޕް ބޭނުންކުރަން ފެށުމުގެ ކަންކަން މިހާރު ގޮސްފައިވާ ހިސާބު އޮޅުންފިލުވަން ގުޅުމުން ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލް ފޯނަށް ޖަވާބު ނުދެއްވާތީ އެ މައުލޫމާތެއް ނުލިބުނެވެ.

ތަފާސްހިސާބު މުހިންމުވަނީ ކީއްވެ؟

ގަވައިދުން ތަފާސްހިސާބު އަދާހަމަ ކުރުމަކީ ކަންކަމުގެ ހާލަތު ދެނެގަނެ އެއާ ވިދިގެން ރަނގަޅު ސިޔާސަތުތައް ބައްޓަންކުރަން ފަހިކޮށްދޭ ކަމެކެވެ. ހާއްސަކޮށް އިޖުތިމާއީ އަދި އިގުތިސޯދީ ސިޔާސަތުތައް އެކަށައެޅުމުގައި ތަފާސްހިސާބު މުހިންމު ދައުރެއް އަދާކުރެ އެވެ.

ރާއްޖޭގެ މައި އިގުތިސޯދީ ހަރަކާތް ކަމުގައިވާ ޓޫރިޒަމުގައި ވެސް މިގޮތަށް ތަފާސްހިސާބުތައް ބެލެހެއްޓިފައި ނުވުމަކީ ބޮޑު ގޮންޖެހުމެކެވެ. ތަފާސްހިސާބު އެއްކުރާ ގައުމީ އިދާރާ، އެމްބީއެސްއިން ވެސް ރިސޯޓު މުވައްޒަފުންގެ ސާވޭއަށް ފަހު ފާހަގަކުރި ގޮތުގައި ކޮންމެ ކުއާޓާއެއްގައި މި މައުލޫމާތުތައް އަދާހަމަ ކުރުމަކީ މުހިންމު، އަދި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

މިހާރު ވެސް ޓޫރިޒަމް ސިނާއަތުގައި ހުރި އެންމެ ބޮޑު މައްސަލަތަކުގެ ތެރޭގައި މި ދާއިރާއިން ދިވެހިންނަށް ފުރުސަތު ނުލިބޭ މައްސަލަ ބޮޑެވެ. މި މައްސަލަ ހައްލުކުރަން ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ރަނގަޅު ތަފާސްހިސާބާއި މައުލޫމާތު ލިބެން ނެތުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox