ބަންގްލަދޭޝްގެ ރައްޔިތަކާއެކު އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުވާ ބައެއް މީހުންގެ މައުލޫމާތު ކަށަވަރުކުރުމަށްފަހު, އެމީހުން މަސައްކަތް ކުރާ އިދާރާތަކަށް އެކަން އަންގަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ބަންގުލަދޭޝްގެ ރައްޔިތެއް ކަމުގައިވާ އެމްޑީ އަލަމްގިރް އާއެކު ގިނަ އަދަދެއްގެ ބަޔަކު އެއް ޖިންސުން ޖިންސީ ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭއިރު, އޭގެ ތެރެއިން ބައެއް މީހުންގެ ވީޑިއޯތައް ވަނީ އާންމުވެފަ އެވެ. އާންމު ނުވާ ގިނަ ވީޑިއޯތަކެއް ވެސް ހުރިއިރު, އެ ވީޑިއޯތަކުގައި ބަދުއަހްލާގީ އަމަލު ހިންގުމުގައި ދައުލަތުގެ އެކި އިދާރާތަކާއި މުއައްސަސާތަކުގެ މީހުން ވެސް ހިމެނޭ ކަމަށް އެނގިފައިވެ އެވެ.
މިހާތަނަށް ފުލުހުން ވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ އަބްދުއްރަހްމާން ރަފީއު ހައްޔަރުކޮށްފަ އެވެ. އަދި, ކުރީގެ މަޖިލިސް މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ވެސް ހައްޔަރުކޮށްފައިވެ އެވެ.
ވީޑިއޯތަކުގެ މައްސަލާގައި މީހުން ހައްޔަރުކުރަން ފަށާފައިވާއިރު, ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިހާތަނަށް ފޮރެންސިލް ތަހްލީލުތަކުން ކަށަވަރުކުރެވިފައިވާ ވީޑިއޯ އެވީޑެންސްތަކުގައި ހިމެނޭ މީހުންގެ މައްޗަށް ތަހުގީގީ އިޖުރާއަތުތައް ހިންގަމުންދާ ކަމަށެވެ.
މީގެ ތެރޭގައި ތަހުގީގަށް މީހުން ހައްޔަރުކުރުމާއި މިފަދަ މައްސަލަތަކުގައި އެކަށީގެންވާ މީންވަރަށް ހެއްކާއި ގަރީނާ ހޯދިފައިވާ ދައުލަތުގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ ފަރާތްތައް ނިސްބަތްވާ އޮފީސްތަަކަށް އެމީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާކަން އަންގަމުންދާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި މައްސަލާގައި ހިމެނޭ ބައެއް މީހުންގެ ވީޑިއޯ އާއި ފޮޓޯތައް އާންމުވި ވަގުތު ބައެއް ފަރާތްތަކުން އެކި މަގްސަދުތަކުގައި ސައްހަ ނޫން ފޮޓޯ ހަދައި އާންމުކުރުމާއި މިފަދަ ވިޑީއޯތަކުގައި ބައެއް ފަރާތްތައް ހިމެނޭކަމަށް ގަސްތުގައި ދޮގު ހަބަރު ފަތުރާފައިވެ އެވެ.
"އެމީހުންގެ އަބުރަށް އަރައިގަތުމަށާއި ބަދުނާމުކޮށް ޖިނާއީ އަދުލުގެ ނިޒާމްގެ ބޭނުން ނަހަމަ ގޮތުގައި އެފަދަ މީހުން ނުރުހޭ މީހުންގެ މައްޗަށް ހިންގުމަށް މަގުފަހިކުރުވުމަށް މަސައްކަތްކުރަމުންދިޔަަ ކަމަށް ފާހަގަކުރެވޭތީ މިފަދަ ފޮޓޯ އާއި ވީޑިއޯ ހިމެނޭ މައްސަލަތަކުގައި ތަހުގީގީ ވަކި ފިޔަވަޅުތަކެއް ފަރުދީގޮތުން މީހުންނާއި މެދު އެޅުމުގެ ކުރިން ވީޑިއޯ އާއި ފޮޓޯތަކުގެ ފޮރެންސިކް ތަހުލީލުތައް މި ހިދުމަތުގެ ފޮރެންސިކް ސަރވިސްއިންކޮށް، ވީޑީއޯ އާއި ފޮޓޯތަކުގެ ސައްހަކަށް ކަށަވަރުކޮށް އެފަދަ އެވިޑެންސްތަކުގައި ހިމެނޭ މީހުންގެ އައިޑެންޓީޓީ ފޮރެސިކް ތަޙްލީލުން ކަށަވަރުކުރުމަށް މި ހިދުމަތުންމިދަނީ މަސައްކަތްކުރަމުން." އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި މައްސަލައާ ގުޅިގެން ފުލުހުންގެ މަސައްކަތަށް ނުފޫޒު ފޮރުވައި ވަކި ބައެއްގެ މައްސަލަތައް ނުބަލައި ނުވަތަ މަޑު ޖައްސާލުމަށް ފުލުހުންނަށް އަންގަމުންދާ ކަމަށް ފަތުރާފައިވާ ހަބަރަކީ އެއްވެސް އަސާސެއްނެތް ދޮގު ތުހުމަތެެކެވެ.
"އެއްވެސް ފަރާތަކުން މިމައްސަލައިގައި ފުލުހުން ކުރަމުން ގެންދާ ތަހުގީގު ވަކި ގޮތަކަށް ގެންދިއުމަށް ނުވަތަ ވަކި ފަރާތެއްގެ މައްސަލައަށް ވަކި ގޮތެއް ހެދުމަށް ނުފޫޒެއް ފޯރުވާފައިނުވޭ. މި މައްސަލައިގެ އިތުރު ތަހުގީގު ދިވެހި ފުލުހުންގެ ހިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުންދަނީ ކުރަމުން." އޭނާ ވިދާޅުވި އެވެ.
ފުލުހުން މިހެން ބުނެފައިވާއިރު, ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ, ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރު ހައްޔަރުކުރުމަށް ކުރިމިނަލް ކޯޓުން ފުލުހުންނަށް އަމުރު ދީފައިވީ ނަމަވެސް, އޭނާ މިހާތަނަށް ހައްޔަރުކުރެވިފައެއް ނުވެ އެވެ.
އޭނާ މިވަގުތު ހުރީ އއ. އަތޮޅުގެ ރަށެއްގައި ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. ނާޒިމްގެ ބައެއް ގާތް މީހުން މި ނޫހާ ވާހަކަ ދައްކަމުން ބުނި ގޮތުގައި އަމުރު ލިބުމުން އޭނާ ހައްޔަރުކުރަން ފުލުހުން, އޭނާ އުޅޭ ތަނެއް ބެލުމަށް ގުޅި ކަމަށެވެ. އެ ތަނުގެ މައުލޫމާތު ނާޒިމް ދީފައިވާ ކަމާއި ފުލުހުން އެތަނަކަށް ގޮސް އޭނާ ހައްޔަރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް މައުލޫމާތު ލިބެ އެވެ.












