މިދިޔަ އޭޕްރީލް މަހު ސަރުކާރުން 500 މިލިއަން ޑޮލަރުގެ ސުކޫކަށް ފައިސާ ދެއްކީ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުން ނެގި 350 މިލިއަން ޑޮލަރާއި ރިޒާވުން ނެގި 175 މިލިއަން ޑޮލަރު ބޭނުންކޮށްގެން ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.
ސުކޫކުގެ 500 މިލިއަން ޑޮލަރާއި އޭގެ އިންޓްރެސްޓުގެ ގޮތުގައި ދައްކަންޖެހޭ 24.68 މިލިއަން ޑޮލަރާއެކު ޖުމްލަ 524.68 ޑޮލަރު އަނބުރާ ދެއްކި ގޮތުގެ ތަފްސީލް މިނިސްޓަރު ހާމަ ކުރެއްވީ ޕީއެސްއެމް އިން ގެނެސްދޭ "އަހާ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.
"އަޅުގަނޑުމެން ސުކޫކަށް ފައިސާ ދެއްކުމަށް މި ބޭނުން ކުރީ 350 މިލިއަން ޑޮލަރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ ތެރެއިން. އަދި ހަމަ އެއާއެކު ދައުލަތުގެ ރިޒާވުން 175 މިލިއަން ޑޮލަރު އެކަމުގައި ބޭނުން ކުރެވިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.
ސުކޫކަށް ފައިސާ ދެއްކީ އެސްޑީއެފްސީ އާއި ރިޒާވުން ކަމަށް މީގެ ކުރިން ވެސް ފިނޭންސް މިނިސްޓްރީ އިން ބުނެފައިވެ އެވެ. ނަމަވެސް އޭގެ ތަފުސީލުތަކެއް މީގެ ކުރިން ނުދެ އެވެ. އެހެންވެ، އެ ފައިސާ ދެއްކި ގޮތުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ.
މިރޭގެ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޒަރީރު ވިދާޅުވީ ސަރުކާރުން މިހާތަނަށް އެއް ބިލިއަނަށް ވުރެ ގިނަ ޑޮލަރުގެ ބޭރު ދަރަނި ދައްކާފައިވާ ކަމަށެވެ. ގޮންޖެހުންތަކަކާއެކު ވެސް ދަރަނި ދެއްކުމުން އޭގެ ރަނގަޅު ނަތީޖާ ވެސް ފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި އަހަރުގެ މިހާތަނަށް އައިއިރު، އަށެއް އޮކްޓޯބަރާ ހަމައަށް އައިއިރު، 1.412 ބިލިއަން ޑޮލަރު މި ސަރުކާރުގެ މި ދެ އަހަރުގެ ބައިގެ ތެރޭގައި ދެއްކިފައިވޭ. އޭގެ ތެރޭގައި އެންމެ ބުރަ އަހަރު މި އަހަރަކީ،" މިނިސްޓަރު ވިދާޅުވި އެވެ.
ރިޒާވާއި އެސްޑީއެފްގައި ހުރި ފައިސާ ބޭނުންކޮށްގެން ސުކޫކަށް އަނބުރާ ފައިސާ ދެއްކުމަކީ ސަރުކާރުގެ ޕްލޭން ކަމަށް ރައީސް މުހައްމަދު މުއިއްޒު ހާމަކުރެއްވީ ފެބްރުއަރީ 2، 2026، ގައި ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އެވެ.











