ގަލޮޅު ރަސްމީ ދަނޑުގައި ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުން ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ, ހަމަނުޖެހުން ހިންގި މައްސަލާގައި ހައްޔަރުކުރި ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލްގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.
މުހައްމަދު އިސްމާއީލް ހައްޔަރުކޮށް އެންމެ ފުރަތަމަ ކޯޓުން ފަސް ދުވަހުގެ މުއްދަތެއް ބަންދަށް ޖަހައިދިނެވެ. ނަމަވެސް ފަހުން ކޯޓަށް ހާޒިރުކުރުމުން މުހައްމަދު އިސްމާއިލްގެ ބަންދަށް ކޯޓުން ދެ ފަހަރަށް ނުވަ ދުވަސް އިތުރު ކުރުމަށްފަހު މި މަހުގެ ހަތް ވަނަ ދުވަހު ވަނީ 30 ދުވަހު ބަންދުގައި ބެއްހެއްޓުމަށް ކުރިމިނަލް ކޯޓުން އަމުރުކޮށްފަ އެވެ.
މުހައްމަދު އިސްމާއިލްގެ ފަރާތުން އޭނާގެ ބަންދު ކުރި އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކުރަން ހުށަހެޅާފައި ވަނީ އިއްޔެ އެވެ. އެ މައްސަލަ ބަލައިގަތުމާ މެދު އަދި ގޮތެއް ނިންމާފައެއް ނުވެ އެެވެ.
މުހައްމަދު އިސްމާއީލްއާއި ޕީޕީއެމްގެ އެކްޓިވިސްޓް މުހައްމަދު ރައްޒާން ހައްޔަރުކުރިއިރު ގަލޮޅު ދަނޑު ކައިރިއަށް އެއްވި މީހުން ހިފައިގެން ތިބި ދިދަތަކަކީ ޕީޕީއެމްގެ އޮފީހުން ނެރުނު ދިދަތަކެވެ. އެ އޮފީހުން އެ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ދިދަތައް ނެރޭ މަންޒަރު ފެންނަ ފޮޓޯތަކެއް އާންމުވެފައިވެ އެވެ.
އެ ދިދަތަކަކީ ޕީޕީއެމްގެ އޮފީހުން ގެންދިޔަ ދިދަތަކެއް ކަން އެ ޕާޓީގެ ބައެއް އިސް އޮފިޝަލުން މި ނޫހަށް ކަށަވަރު ވެސް ކޮށްދިނެވެ. އެކަމަކު ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލްއާ އެ ސުވާލު ކުރުމުން ވިދާޅުވީ ދިދަތައް ގެންދިޔައީ އެ އޮފީހުން ކަން ޔަގީން ނުވާ ކަމަށެވެ. އެހެންވިޔަސް ހަރަކާތްތައް އާންމުން އެދުމުން މީގެ ކުރިން ވެސް އެ ޕާޓީން ވަސީލަތްތައް ދޫކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

މައްސަލައިގެ ފަސްފަހަތް
އަންގާރަ ދުވަހުގެ ހެނދުނު 6:30 ގައި ފެށި ހަރަކާތަށް ހުރަސް އަޅަން ގަދަކަމުން ގަލޮޅު ދަނޑަށް ވަދެ ބަޔަކު ހަމަލާ ދިނެވެ. އެ ހަރަކާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވާހަކަ ދައްކަވަން ހުއްޓައި ބަޔަކު ދަނޑަށް ވަދެގަނެ އަޑު ގަދަކުރަމުން އެ ހަރަކާތް ހުއްޓުވި އެވެ. އެވަގުތު އިންޑިއާގެ ހައިކޮމިޝަނަރާއި އދ.އިން ރާއްޖެއަށް ކަނޑައަޅާފައި ތިބޭ ޑިޕްލޮމެޓުން ވެސް ތިއްބެވެ.
ގިނަ އަދަދެއްގެ ޑިޕްލޮމެޓުން ތިއްބައި, ފުލުހުންގެ ސަފުތައް ފޫއަޅުވައި އެ ބޭފުޅުންނާ ހަމައަށް ހަމަލާ ދޭން ބަޔަކަށް ވަދެވުމުން ފުލުހުންނަށް ވެސް ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. އަދި, އެ ހަރަކާތުގެ މައުލޫމާތު ކުރިން ލިބިފައިވާއިރު, އެކަމަށް ފުލުހުންނަށް ތައްޔާރުވެފައި ނެތް ކަމަށް ބުނެ ވެސް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.
މި މައްސަލައިގައި ފުލުހުން އަމަލުކުރި ގޮތާ މެދު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި މިކަން ހިނގައިދިޔަ ގޮތް ބަލަން ކުރިޔަށް ގެންދާ ރިވިއުއަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވި އެވެ.
ގަލޮޅު ދަނޑުގެ ގޭޓްތަކުން މީހުންތައް ވަދެގަނެ, ދިދަތަކުން ބައެއް މީހުންނަށް ހަމަލާދޭން މަސައްކަތްކޮށްފައިވެ އެވެ. އެ މީހުންގެ ހަމަލާ އަމާޒުވި މީހުންގެ ތެރޭގައި އިންޑިއާ ހައިކޮމިޝަނުގެ މުވައްޒަފަކު ވެސް ހިމެނެ އެވެ. ނަމަވެސް، އެއްވެސް ޑިޕްލޮމެޓަކަށް އަނިޔާ ވެފައެއް ނުވެ އެވެ.
އެ މީހުން ދަނޑަށް ވަދެގަތީ ދަނޑުގެ ބޭރުގައި ޖަހާފައި ހުރި ފެންސް ވެސް ހަލާކުކޮށްލުމަށް ފަހު އެވެ. އެ ތަނުގައި ޖަހާފައި ހުރި ބައެއް ބޯޑުތަކަށް ވެސް ގެއްލުން ދިނެވެ. ފުލުހުންނަށް އެ މީހުން ބޭރުކޮށްލެވުނީ 40 ވަރަކަށް މިނެޓު ފަހުންނެވެ. އަދި، އެއްވި މީހުން ފޮނުވާލަން ކަރުނަ ގޭސް ވެސް ޖެހި އެވެ.
މި މައްސަލާގައި 21 މީހަކު ހައްޔަރުކުރި އެވެ. ނަމަވެސް މިހާރު ވަނީ ހައްޔަރު ކުރި ބައެއް މީހުން ދޫކޮށްލައިފަ އެވެ. އެގޮތުން، އެކަމާ ގުޅިގެން ހައްޔަރު ކުރި ދީނީ އިލްމުވެރިޔާ ފަޒްލޫން މުހައްމަދު ވެސް އިއްޔެ ވަނީ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފަ އެވެ.














