ހަ އަހަރު ތެރޭ އެކި ބާވަތްތަކުގެ އުޅަނދުތަކުގައި 1.4 ލައްކަ ޕާކިން ވަޔަލޭޝަން ސްޓިކާ ޖަހައިފި އެވެ.
މައުލޫމާތު ހޯޯދުމާއި ލިބުމުގެ ހައްގުގެ ދަށުން "އަދަދު" އިން ހޯދި މައުލޫމާތުތަކަށް ބަލާއިރު، 2017 ވަނަ އަހަރުން ފެށިގެން އެންމެ ގިނައިން ޕާކިން ސްޓިކާ ޖަހާފައި ވަނީ ސައިކަލުތަކުގަ އެވެ. އެގޮތުން ހަ އަހަރު ތެރޭ ޖުމްލަ 102،156 ޕާކިން ސްޓިކާ ސައިކަލުތަކުގައި ޖަހާފައިވެ އެވެ.
ސައިކަލުތަކުގައި ގިނަ އަދަދަކަށް ޕާކިން ސްޓިކާ ޖަހާފައިވާއިރު، 2020 ވަނަ އަހަރުން ފެށިގެން ސްޓިކާ ޖަހާ އަދަދު ބޮޑުތަނުން ދަށްވެފައިވާކަން ފާހަގަކޮށްލެވެ އެވެ. 2017 ވަނަ އަހަރު 22،640 ސްޓިކާ ޖެހިއިރު، 2018 ވަނަ އަހަރު 28،958 ސްޓިކާ އަދި 2019 ވަނަ އަހަރު 32،327 ސްޓިކާ ޖަހާފައިވެ އެވެ.
ޓްރެފިކް ވަޔަލޭޝަން ސްޓިކާ ޖެހި އަދަދު 2020 ވަނަ އަހަރުން ފެށިގެން ދަށްވިއިރު، އެ އަހަރު 6424 ސްޓިކާ ޖެހި އެވެ. އަދި 2021 ގައި 9719 ސްޓިކާ ޖެހިއިރު މިއަހަރު ޖަހާފައި ވަނީ 2088 ސްޓިކާ އެވެ.
ސައިކަލުގެ އިތުރުން ދެން އެންމެ ގިނަިއން ޕާކިން ސްޓިކާ ޖަހާފައި ވަނީ ކާރުގަ އެވެ. އެގޮތުން މިދިޔަ ފަސް އަހަރު ކާރުތަކުގައި 27،274 ޕާކިން ވައިލޭޝަން ސްޓިކާ ޖަހާފައި ވެއެވެ.

ކާރާއި ސައިކަލުގެ އިތުރުން 24 ބާވަތެއްގެ އުޅަނދުގައި ޕާކިން ސްޓިކާ ޖަހާފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. އެގޮތުން ޕިކަޕުތަކުގައި 6122 ސްޓިކާ އާއި ވޭންތަކުގައި 3247 ސްޓިކާގެ އިތުރުން ޖިޕުތަގައި 1263 ސްޓިކާ ޖަހާފައިވެ އެވެ. މި ބާވަތުގެ އުޅަނދުތައް ރާއްޖޭގައި ރަޖިސްޓާކޮށްފައިވާ އަދަދުތަކަށް ބަލާއިރު، ރާއްޖޭގައި ޖުމްލަ 3437 ޕިކަޕާއި 1899 ވޭނާއި 561 ޖިޕު ރަޖިސްޓާކޮށްފައި ވެއެވެ. އެވްރެޖްކޮށް މިއިން ކޮންމެ އުޅަނދެއްގައި އެއްފަހަރު ނޫނީ ދެފަހަރު ޕާކިން ސްޓިކާ ޖަހާފައި ވެއެވެ.
މީގެ އިތުރުން ވެސް ބަހާއި ކްރޭން އަދި ފޯކްލިފްޓާއި ހައިމާކު ފަދަ ހެވީ ވެހިކަލްތަކުގައި ވެސް ޕާކިން ސްޓިކާ ޖަހާފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. އެކި އުޅަނދުތަކުގައި އެންމެ ގިނައިން ސްޓިކާ ޖެހީ 2019 ވަނަ އަހަރެވެ. އެ އަހަރު 41،131 ސްޓިކާ ޖަހާފައި ވެއެވެ.













