އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ޓީސީ ސްޕޯޓްސް ކްލަބް އަތުން 5-0 އިން، ހޯދި ބޮޑު މޮޅާ އެކު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ލީގު ހޯދުމާ ފިޔަވަޅަކާ ގާތަށް ޖެހިލައިފި އެވެ.
ލީގުގައި މާޒިޔާ އަށް ބާކީ އޮތް ތިން މެޗުން ޗެމްޕިއަންކަން ކަށަވަރުކުރަން ބޭނުންވަނީ ދެ ޕޮއިންޓެވެ. އެކަމަކު، މާދަމާ ހަވީރު ކްލަބް އީގަލްސް އަށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަތުން މޮޅެއް ނުލިބިއްޖެނަމަ މާޒިޔާ އަށް ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ޔަގީންވާނެ އެވެ.
ޓީސީ އަތުން ހޯދި މޮޅާ އެކު މާޒިޔާ އަށް ވަނީ އެއް ވަނައިގައި 11 ޕޮއިންޓުގެ ލީޑެއް ލިބިފަ އެވެ. މާޒިޔާ އަށް 18 މެޗުން 51 ޕޮއިންޓް ލިބިފައިވާއިރު، އީގަލްސް ދެ ވަނައިގައި އޮތީ 17 މެޗުން 40 ޕޮއިންޓާ އެކު އެވެ.
ތިން ވަނައިގައި އޮތް ޓީސީ އަށް 26 ޕޮއިންޓް ލިބިފައިވަނީ 17 މެޗުންނެވެ. މިއީ އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ޓީސީ ބަލިވި ފުރަތަމަ ފަހަރެވެ.

ޓީސީގެ ބެން (ވ) ކައިރިން މާޒިޔާގެ ހަމްޕު ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ
މިރޭގެ މެޗު ފަށައިގެން މާޒިޔާ އިިން ވަނީ ފުރަތަމަ 26 މިނިޓް ތެރޭ ފަސް ގޯލު ޖަަހައިފަ އެވެ. މި ފަސް ގޯލު ވެސް ޖެހީ 16 މިނިޓް ތެރޭގަ އެވެ.
މާޒިޔާ އަށް ގޯލު ހުުޅުވައިދިނީ މެޗުގެ 10 ވަނަ މިނިޓްގައި، ކުރިން ޓީސީ އަށް ކުޅުނު އިބްރާހިމް އައިސަމް އެވެ. އޭރިއާ ރޮނގުމަތިން މާޒިޔާގެ ސްޕެއިން މިޑްފީލްޑަރު، ޓަނާ ޑޮމިންގޭޒް ދިން ބޯޅަ އައިސަމް ވަނީ ހަމަޖެހިލާފައި ގޯލަށް ފޮނުވާލައިފަ އެވެ. އެ ގޯލާ އެކު ޓީސީން ކޮށްޓި ގޮތަށް ފަަހަތަށް ދިން ބޯޅަ ހޯދީ ޓަނާ އެވެ. ޓަނާ އެ ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ، ޖެހި ޝޮޓް ގޯލަށް ވަނީ ޓީސީގެ ކީޕަރު ސްރީ ލަންކާގެ ސުޖަން ޕެރޭރާ އަތުގައި ޖެހިފަ އެވެ.
މާޒިޔާގެ ތިން ވަނަ ގޯލު ޖެހީ 19 ވަނަ މިނިޓްގައި ޓަނާ އެވެ. ޓަނާ އޭރިއާ ރޮނގުކައިރިން ޖެހި ބޯޅަ ޓީސީ ކުޅުންތެރިއަކު ފައިގައި ޖެހިފައި ވަނީ ގޯލުގެ ކަނަށެވެ. ފުލުފުލުގައި މާޒިޔާ އިން އެޓޭކް ކުރަމުންދިޔައިރު، ސަމޫހު އަލީ (ސަމުއްޓެ) ވަނީ 24 ވަނަ މިނިޓްގައި މާޒިޔާގެ ހަތަރު ވަނަ ގޯލު ޖަހައިފަ އެވެ. މިއީ ޓަނާ ނެގި ކޯނަރަކުން ސަމުއްޓެ ބޮލުން ޖެހި ގޯލެކެވެ. އޭގެ ދެ މިނިޓް ފަހުން، ޓަނާ ވަނީ އޭރިއާތެރެއިން ލިބުނު ފުރުސަތަކުން ކީޕަރު ސުޖަން ކައިރިން ނައްޓާފައި، ގޯލެއް ޖަހައި، އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ.
ފުރަތަމަ 26 މިނިޓް ތެރޭ މާޒިޔާ އިން ފަސް ގޯލު ޖެހުމުން، ޓީސީން ވަނީ އެ ޓީމުގެ ފަހަތަށް ކުޅެމުންދިޔަ މުހައްމަދު އަޖުފާންގެ ބަދަލުގައި، ހަސަން އީނާޒް ކުޅެން އަރުވައިފަ އެވެ. ފުރަތަމަ ހާފުގައި ޓީސީން ވެސް އެޓޭކްތަކެއް ކުރި އެވެ. އެ ގޮތުން ޓީސީގެ އަހުނަފް މުހައްމަދު ތަސްނީމް (ނަފްކޮ) އާއި ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) ފޮނުވާލި ބޯޅަތައް އަމާޒުވީ މާޒިޔާ ގޯލުގައި ހުރި ނޭޕާލް ގައުމީ ޓީމުގެ ކީޕަރު ކިރަން ކުމާރް އަތަށެވެ.

ޓީސީގެ އަހުސާމް ކައިރިން ބޯޅަ ހިފައިގެންދާން މާޒިޔާގެ ކޮނޭލިއަސް ސްޓެވާޓް މަސައްކަތްކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ
މާޒިޔާ އިން ފުރަތަމަ ހާފު ނިމުމުގެ ކުރިން އިތުރު ދެ އެޓޭކެއް ކުރި އެވެ. އޭރިއާ ރޮނގުކައިރިން ހުސެއިން ނިހާން (ނިހާޓް) ޖެހި ބޯޅަ ކީޕަރު ސުޖަން މަތަކުރިއިރު، އޭރިއާތެރެއިން ސަމުއްޓެ ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑި މަތިންނެވެ.
ދެ ވަނަ ހާފަށް މާޒިޔާ ނުކުތީ ސާބިއާގެ ޑިފެންޑަރު ނަމާންޏާ ކާޓާލްގެ ބަދަލުގައި ގައުމީ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) ކުޅެން ނެރެގެންނެވެ. މި ހާފް ފެށިގެން ޓީސީ ކުޅުންތެރިން ގިނަ ފައުލުތަކެއް ކުރިއިރު، މާޒިޔާގެ ފަރާތުން ވެސް ފެނުނީ ފައުލު ގިނަ ކުޅުމެކެވެ. މެޗުގެ 80 ވަަނަ މިނިޓްގައި މާޒިޔާގެ އައިސަމް އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައިފަ އެވެ.
ބަދަލަކަށް ކުޅެން އެރި މާޒިޔާގެ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އާއި އަސަދުﷲ އަބްދުﷲ (އަސަކޮ) ގުޅިގެން ގޯލެއް ޖެހޭތޯ ގިނަ މަސައްކަތް ކުރަމުން ދިޔަ އެެވެ. އެ ގޮތުން އޭރިއާތެރެއިން ފޭދޫ އިއްބެ އަށް ލިބުނު ބޯޅައެއްގައި ގޯލަށް ފޮނުވާލުން ލަސްކޮށްލުމުން ފުރުސަތު ގެއްލުނީ އެެވެ. އަސަދުﷲ އަަށް ލިބުނު ފުރުސަތުގައި ޖެހި ޝޮޓް، ޓީސީގެ ޑިފެންޑަރު، މިސްރުގެ އަލާ ނާސިރު .ވަނީ ބްލޮކްކޮށްފަ އެވެ.










