ސައުތު އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން (ސާބާ)ގެ އަންހެން ބާސްކެޓްބޯޅަ މުބާރާތް އަންނަ ސެޕްޓެމްބަރު މަހު މާލޭގައި ހޯސްޓްކުރަން ތައްޔާރުވަމުން އަންނަ ކަމަށް މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން ބުނެފި އެވެ.
އެމްބީއޭގެ ރައީސް އަހުމަދު އާދަމް (އެޑަމް)، "އަދަދު" އަށް ވިދާޅުވީ މިހާރު ހަމަޖެހިފައިވާ ގޮތުން އަންނަ ސެޕްޓެމްބަރު މަހު 24 އިން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށް މާލޭގައި ސާބާ އަންހެން މުބާރާތް ހޯސްޓްކުރަން ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.
އެމްބީއޭ އިން މިހާރު ހަމަޖައްސާފައިވަނީ މި މަހުގެ 17 އިން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަަލަށް ސީނިއާ އަންހެން ޓީމާއި 18 އަހަރުން ދަށުގެ އަންހެން ޓީމު އިންޑިއާގައި ޓްރެއިނިން ކޭމްޕް ފުރިހަަމަ ކުރުމަށެވެ. ސެޕްޓެމްބަރު މަހު ފަހުކޮޅު މާލޭގައި ބާއްވާ ސާބާ މުބާރާތުގެ ކުރިން 18 އަހަރުން ދަށުގެ އޭޝިއާ މުބާރާތް އިންޑިއާގައި އޮންނާނެ އެވެ. އެއީ ސެޕްޓެމްބަރު 5-11 އަށެވެ.
އަށާރަ އަހަރުން ދަށުގެ ޓީމާއި ސީނިއާ އަންހެން ބާސްކެޓްބޯޅަ ޓީމުން ޓްރެއިނިން ކޭމްޕް ފުރިހަމަ ކުރާނީ އިންޑިއާގެ މަތީ ފެންވަރުގެ ޓްރެއިނިން ފެސިލިޓީއެއް ކަމަށްވާ، ޕަޑުކޯން ޑްރާވިޑް ސެންޓާ ފޯ ސްޕޯޓްސް އެކްސަލަންސް ހައި ޕާފޯމަންސް ސެންޓަރުގަ އެވެ. ބެންގަލޫރުގައި ގާއިމްކޮށްފައިވާ މި ޓްރެއިނިން ހައި ޕާފޯމަންސް ސެންޓަރަކީ އިންޑިއާގެ ބެޑްމިންޓަން، ވޮލީ އަދި ފުޓްބޯޅަ ކްލަބްތަކުގެ ވެސް ބައެއް އިންޑިވިޖުއަލް ޓްރެއިނިންތައް ގެންދާ ސެންޓަރެކެވެ.

2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރި ގައުމީ އަންހެން ބާސްކެޓްބޯލް ޓީމު.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
މިއީ ބާސްކެޓްގައި ގައުމީ އަންހެން ޓީމަށް މާލޭގައި ކުޅެލަން ލިބޭ ބައިނަލްއަގުވާމީ މި ފަދަ ފުރަތަމަ މުބާރާތެެވެ. މީގެ ކުރިން 2017 ވަނަ އަހަރު ސާބާގެ ފިރިހެން މުބާރާތް ރާއްޖޭން ހޯސްޓްކުރި އެވެ.
އަންހެން ބާސްކެޓްބޯޅަ މިހާރު އޮތީ ދެ ޖީލުގެ މަސްހުނިވެފައި އޮތް ޓީމެކެވެ. ޒުވާން ކުޅުންތެރިންނާއި ތަޖުރިބާކާރު ކުޅުންތެރިން ހިމެނޭ ގޮތަށް، އެކުވެފައި މި އޮތް ޓީމުން ވަނީ 2019 ވަނަ އަހަރު ސައުތު އޭޝިއަން ގޭމްސްގައި ލޯ މެޑަލް ހޯދައިފަ އެވެ.
މިއީ ގޭމްސްއެއްގައި ރާއްޖޭގެ ބާސްކެޓްބޯޅަ ތާރީހުގައި އަންހެން ގައުމީ ޓީމުން ހޯދި އެންމެ ރަނގަޅު ކާމިޔާބީ އެވެ. ކަތުމަންޑޫގައި 2016 ވަނަ އަހަރު ބޭއްވި ސާބާ އަންހެން މުބާރާތުން ވެސް ރާއްޖެ ވަނީ ލޯ މެޑަލް ހޯދައިފަ އެވެ.
އަންހެން ބާސްކެޓް ޓީމުގެ ކޯޗަކަށް ހުރި ސްރީ ލަންކާގެ ސުޕުން ވިމާލް މީގެ 20 އަށް ވުރެ ގިނަ އަހަރު ކުރިން ރާއްޖެ އަައިއިރު އޭނާ ދެކެމުން އައި ހުވަފެނަކީ ލަންކާގެ ގައުމީ ފިރިހެން ޓީމު އަތުން ރާއްޖޭގެ ގައުމީ ފިރިހެން ޓީމު މޮޅުކޮށްދިނުމެވެ. ސުޕުން ވަނީ 2017 ވަނަ އަހަރު މާލޭގައި ބޭއްވި ސާބާ ޗެމްޕިއަންޝިޕްގައި ލަންކާ ބަލިކުރުމަށް ފަހު ފުރަތަމަ ދެކުނު ހުވަފެން ހަގީގަތަކަށް ހަދައިފަ އެވެ.
އަންހެން ގައުމީ ޓީމާ ސުޕުން ހަވާލުވެ، އޭނާގެ ކޯޗުކަމުގައި، 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ލަންކާގެ އަންހެން ޓީމު ބަލިކުރި އެެވެ. އަދި ތިން ވަނަ ހޮވާ މެޗުގައި ބޫޓާން ބަލިކޮށް ރާއްޖޭގެ އަންހެން ބާސްކެޓް ޓީމުން ބައިނަލްއަގުވާމީ ފުރަތަމަ މެޑަލް ހޯދުމާ އެކު ރާއްޖޭގެ ބާސްކެޓް ތާރީހުގައި ސުޕުން އަށް ހާއްސަ ޖާގައެއް ލިބޭނެ އެވެ.













