އިގުތިސޯދީ ބޮޑު ތަދުމަޑުކަމެއްގެ ތެރޭގައި އޮތް ލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސް ރާއްޖެ އެތެރެވާން ހުއްދަ ދިން މައްސަލައިގައި ރާއްޖޭގައި ދިރިއުޅޭ ލަންކާ ރައްޔިތުން އަލިމަސް ކާނިވާ ސަރަހައްދުގައި އިއްޔެ ކުރި މުޒާހަރާގެ ތެރެއިން ފުލުހުން ހައްޔަރު ކުރި މީހާ އަދިވެސް ދޫކޮށްނުލާ ކަމަށް މިއަދު ބުނެފި އެވެ.
ކާނިވާ ސަރަަހައްދުގައި މަޝްރަހު ހޫނުވެ އެކަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. ލަންކާ ފިރިހެން މީހާ ހައްޔަރުކުރުމާއެކު މުޒާހަރާގެ ބައިވެރިން ފަހަތަށް ޖެހި, އިހުތިޖާޖު ނިންމާލި އެވެ.
މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ލަންކާ މީހާ އަދިވެސް ހުރީ ފުލުހުންގެ ބެލުމުގައި ދަށުގައި ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވަނީ ވިދާޅުވެފަ އެވެ.

ހައްޔަރު ކުރި ލަންކާ މީހާގެ އޭނާ ހައްޔަރުވުމުގެ ކުޑަ އިރުކޮޅެއް ކުރިން: ފުލުހުން ބުނީ އޭނާ ހުރީ އަދިވެސް ބަންދުގައި ކަމަށް -- މުހައްމަދު ޝާބިން/އަދަދު

ލަންކާގެ މީހުންނާއެކު ބައެއް ދިވެހިން ވެސް ބައިވެރިވި އެ މުޒާހަރާ ފެށިތާ މާގިނައިރެއް ނުވެ ފުލުހުން އެ މުޒާހަރާ ރޫޅާލި އެވެ. އެގޮތުން މުޒާހަރާގެ ބައިވެރިވާ 50 ނުވަތަ އެއަށްވުރެ ގިނަ ލަންކާގެ ރައްޔިތުން ހިފައިން ހުރި ފޮތިގަނޑުތައް ފުލުހުން ވަނީ އަތުލައިފަ އެވެ.
ގޮތަބަޔާ ރާއްޖެ ވަޑައިގެންނެވީ އަންގާރަ ދުވަހުގެ ދަންވަރު 2:50 ގައި ސްރީ ލަންކާގެ އަސްކަރީ އުޅަނދެއްގަ އެވެ. ރާއްޖޭގައި 32 ގަޑިއިރު ހޭދަކުރެއްވުމަށްފަހު، އެމަނިކުފާނު ވަނީ ސައުދީ އަރަބިއްޔާ އެއާލައިންސްގެ ބޯޓެއްގައި ސިންގަޕޫރަށް މިއަދު ހެނދުނު ފުރާވަޑައިގެންފަ އެވެ.
ރައީސް ގޮތަބަޔާ ވަޑައިގެންނެވީ އެމަނިކުފާނުގެ ދެ ބޮޑީގާޑުންނާއި އަނބިކަނބަލުންނާއެކު އެވެ. އެމަނިކުފާނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސެކިއުރިޓީ ފޯރުކޮށްދިނީ ފުލުހުންނާއި ސިފައިންނެވެ.













