ސަސް ކޮޅަށް 10 ގޯލު ޖަހައި މާޒިޔާ ލީގު ހޯދުމާ ގާތަށް

Jul 12, 2022, 5:53 PM
މިރޭގެ މެޗުގައި ހެޓްރިކެއް ހެދި ހަމްޕު ބޯޅަ ފޮނުވާލަނީ: މިއީ ހަމްޕު މި ސީޒަނުގައި ހެޓްރިކް ހެދި ދެ ވަނަ މެޗު.-- ފޮޓޯ: އިމޭޖަސް.އެމްވީ

މިރޭގެ މެޗުގައި ހެޓްރިކެއް ހެދި ހަމްޕު ބޯޅަ ފޮނުވާލަނީ: މިއީ ހަމްޕު މި ސީޒަނުގައި ހެޓްރިކް ހެދި ދެ ވަނަ މެޗު.-- ފޮޓޯ: އިމޭޖަސް.އެމްވީ

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަތުން 10-0 އިން ބޮޑު މޮޅެއް ހޯދައި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ލީގު ޗެމްޕިއަންކަން ހޯދުމާ ގާތަށް ޖެހިލައިފި އެވެ.

މިއީ ފަހަރުގެ ލީގުގައި މާޒިޔާ އިން ދެ ވަނަ އަށް ހޯދި އެންމެ ބޮޑު މޮޅެވެ. ލީގުގެ ދެ ވަނަ ބުރުގައި ވެލެންސިއާ އަތުން 13-0 އިން މާޒިޔާ މޮޅުވި އެވެ. އެއީ މި ސީޒަނުގައި މާޒިޔާގެ އެންމެ ތަފާތު ބޮޑު މޮޅެވެ.

މި މޮޅާ އެކު މާޒިޔާ ޖެހިޖެހިގެން ތިން ފަހަރު ލީގު ޗެމްޕިއަންކަން ހޯދުމާ ގާތަށް ޖެހިލައިފަ އެވެ. ދެ ވަނައިގައި އޮތް ކްލަބް އީގަލްސް ހުރިހާ މެޗަކުން މޮޅުވި ނަމަވެސް ބާކީ ފަސް މެޗުން މާޒިޔާ ފަސް ޕޮއިންޓް ހޯދައިފިނަމަ ލީގު ޗެމްޕިއަންކަން ޔަގީންވީ އެވެ.

ލީގުގެ ކޮންމެ ޓީމެއް 17 މެޗު ކުޅެފައިވާއިރު، މާޒިޔާ އެއް ވަނައިގައި އޮތީ 48 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އީގަލްސް އަށް 40 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް ވަނީ 26 ޕޮއިންޓް ލިބިފަ އެވެ. ހަތަރެއްގައި އޮތް ކްލަބް ގްރީން ސްޓްރީޓްސް އާއި ފަސް ވަަނައިގައި އޮތް ޔުނައިޓެޑް ވިކްޓަރީ އަށް ވަނީ 23 ޕޮއިންޓް ލިބިފަ އެެވެ. ހަ ވަނައިގައި އޮތް ކްލަބް ވެލެންސިއާ އަށް ވަނީ 22 ޕޮއިންޓް ލިބިފަ އެވެ.

ހަތް ވަނައިގައި ސަސް އޮތީ 14 ޕޮއިންޓް ހޯދައިގެންނެވެ. ފުލުގައި އޮތް ދަ ގްރާންޑޭ އަށް ލިބިފައި އޮތީ އެންމެ ޕޮއިންޓެކެވެ.

ސަސްގެ އައިހަމް (ކ) ކައިރިން މާޒިޔާގެ ޓަނާ ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ސަސް އާއި މާޒިޔާ އަށް ވެސް ވަނީ މިރޭގެ މެޗަށް ނުކުތްއިރު އެކި މައްސަލަތައް ކުރިމަތިވެފަ އެވެ. އަނިޔާގެ ސަބަބުން ސަސްގެ ކެޕްޓަން ޔަސްފާދު ހަބީބު (މުލަކޭ) އާއި ކީޕަރު މުހައްމަދު ޝަފީއު (ޗެކް) މި މެޗުގައި ނުކުޅެ އެވެ. ސަސްގެ ގޯލު ބެލެހެއްޓީ ޒުވާން ގައުމީ ޓީމުގެ ކީޕަރު، ޔޫސުފް މީސަމް އަބްދުﷲ އެވެ.

އަނެއްކޮޅުން، މާޒިޔާގެ ދެ ޑިފެންޑަރުން ކަމަށްވާ ސަމޫހު އަލީ (ސަމުއްޓެ) އާއި ސާބިއާގެ ޑިފެންޑަރު، ނަމާންޏާ ކާޓާލް ދެ ކާޑު ހަމަވުމުގެ ސަބަބުން ސަސްޕެންޝަންގައި ހުރިއިރު، މުހައްމަދު އިރުފާން (އިރޭ) ހުރީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގަ އެވެ.

މެޗުގެ ފުރަތަމަ މިނިޓުން ފަށައިގެން މާޒިޔާ އިން އަވަސްކުޅުމަކާ އެކު އެޓޭކް ކުރަމުންދިޔައިރު، ތިން ވަނަ މިނިޓްގައި އިބްރާހިމް އައިސަމް ޖެހި ޝޮޓް އަމާޒުވީ ހުރަސްދަނޑިއަށެވެ. އޭގެ ފަހުން މާޒިޔާގެ ސްޕެއިން މިޑްފީލްޑަރު، ޓަނާ ޑޮމިންގޭޒް އޭރިއާތެރެއިން ބޮލުން ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.

މާޒިޔާ އިން ލީޑުނެގީ މެޗުގެ 14 ވަނަ މިނިޓްގައި އައިސަމް ދިން ބޯޅައެއް ހިފައިގެން ގޮސް އޭރިއާތެރެއަށް ވަދެ، މާޒިޔާ އަށް ކުޅޭ ސެއިން ވިންސެންޓްގެ ފޯވާޑް، ކޯނޭލިއަސް ސްޓެވާޓް (ކޯނޭ) ޖެހި ގޯލުންނެވެ. މާޒިޔާ އިން ލީޑުނެގިތާ ދެ މިނިޓް ފަހުން ސަސް އަށް ނަތީޖާ ހަމަހަމަކުރަން ރަނުގެ ފުރުސަތެއް ލިބުނެވެ. ސަސްގެ ކެޕްޓަން އައިހަމް އަހުމަދު ހުސްކޮށްލާފައި ދިން ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ، އަލީ ނަސޫހު ރަޝީދު (ޕިލާ) ޖެހި ބޯޅަ މާޒިޔާގެ ކީޕަރު ނޭޕާލްގެ ކިރަން ކުމާރް ޝެމްޝޮން ވަނީ މަތަކޮށްފަ އެވެ.

މާޒިޔާގެ ކޯނޭ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ފުރަތަމަ ހާފު ނިމުމުގެ ކުރިން މާޒިޔާ އިން އިތުރު ތިން ގޯލު ޖެހި އެވެ. މާޒިޔާ އިން ލީޑުފުޅާކުރީ 27 ވަަނަ މިނިޓްގައި ޓަނާ ޖެހި ގޯލުންނެވެ. ސަސްގެ މެދުތެރެއިން ދޫވި ބޯޅައެއް ހޯދައި، މާޒިޔާގެ ހަމްޒާ މުހައްމަދު (ހަމްޕު) ދިން ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ، ޓަނާ ވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. އޭގެ ތިން މިނިޓް ފަހުން، މެޗުގެ 30 ވަަނަ މިނިޓްގައި ނާއިޒު ހަސަން (ދާދު) ދިން ބޯޅައެއް ކޮންޓްރޯލް ކުރުމަށް ފަހު، ހަމްޕު ވަނީ ގޯލަށް ބޯޅަ ވައްދާލައިފަ އެވެ.

މެޗުގެ 37 ވަނަ މިނިޓްގައި މާޒިޔާގެ ހަތަރު ވަނަ ގޯލު ވެސް ޖެހީ ހަމްޕު އެެވެ. މާޒިޔާގެ އަކުރަމް އަބްދުލް ގަނީ (އަކޫ) މަތިން ހުސްކޮށްލާފައި އޭރިއާތެރެއަށް ދިން ބޯޅަ ހޯދައި ހަމްޕު ވަނީ ފަސޭހައިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. ފުރަަތަމަ ހާފު ނިމުމުގެ ކުރިން މާޒިޔާގެ ކޯނޭ ޖެހި ބޯޅައެއް ކީޕަރު މީސަމް ވަނީ މަތަކޮށްފަ އެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ފަސް މިނިޓް ތެރޭ، މާޒިޔާ އިން ފަސް ވަނަ ގޯލެއް ޖެހި އެވެ. މެޗުގެ 50 ވަނަ މިނިޓްގައި ޓަނާ ނެގި ހުރަހަކުން އައިސަމް ފުއްމައިގެން އަރައި ބޮލުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ.

މެޗުގެ 60 ވަނަ މިނިޓްގައި ހަމްޕު އޭރިއާތެރެއަށް ވަދެ، ޖައްސާލި ބޯޅަ ހޯދައި، ޓަނާ ވަނީ މާޒިޔާ އަށް ހަ ވަނަ ގޯލެއް ޖަހައިދީފަ އެވެ. އޭގެ ތިން މިނިޓް ފަހުން، ހަމްޕު ވަނީ އޭރިއާ ރޮނގުކައިރިން ލިބުނު ފުރުސަތަކުން ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައި، އޭނާގެ ހެޓްރިކް ފުރިހަަމަކޮށްފަ އެވެ.

ސަސްގެ ޑިފެންޑަރު ނިޒާމް (ވ) ކައިރިން މާޒިޔާގެ އައިސަމް ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ

މާޒިޔާގެ އަށް ވަނަ ގޯލަކީ ބަދަލަކަށް އެެރި ދެ ކުޅުންތެރިން ގުޅިގެން ކުރި މަސައްކަތުން ޖެހި ގޯލެކެވެ. މެޗުގެ 78 ވަނަ މިނިޓްގައި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ޖެހި ބޯޅައެއް ކީޕަރު މީސަމް އަތުގައި ޖެހިފައި ގޯލު ކުރިމައްޗަށް އައި ވަގުތު އަސަދުﷲ އަބްދުﷲ ވަނީ ގޯލު ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. މެޗުގެ 81 ވަނަ މިނިޓްގައި ޓަނާ ދިން ބޯޅައަކުން އައިސަމް ވަނީ މާޒިޔާގެ ނުވަ ވަނަ ގޯލު ޖަހައިފަ އެވެ.

މެޗުގެ 84 ވަނަ މިނިޓްގައި މާޒިޔާގެ 10 ވަނަ ގޯލު ޖެހީ އަސަދުﷲ އެވެ. މިއީ ހަސަން ޝިފާޒް (ޑުންގާ) ނެގި ހުރަހަކުން އަސަދުﷲ ބޮލުން ޖެހި ގޯލެކެވެ. އޭގެ ކުރިން އައިސަމް ޖެހި ގޯލެއް ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ. ހެޓްރިކް ފުރިހަމަކުރަން އަސަދުﷲ ބޮލުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.

މިއީ ފުރަތަމަ ޑިވިޝަނުގައި ދެ ވަނަ ސީޒަނުގައި ކުޅެމުން އަންނަ، ސަސް މި ޑިވިޝަނުގައި ވާދަކުރަން ފެށިފަހުން ވީ އެންމެ ބޮޑު ބައްޔެވެ. ސަސް އިން ވަނީ މި ސީޒަނުގައި މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗުތަކުގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. އެ ގޮތުން، ޕްރެޒިޑެންޓްސް ކަޕްގައި ސަސް އަތުން މާޒިޔާ މޮޅުވީ 2-0 އިންނެވެ. ލީގުގެ ފުރަތަމަ ބުރުގައި 1-0 އިން މޮޅުވިއިރު، ލީގުގެ ދެ ވަނަ ބުރުގައި، މިދިޔަ މަހު 26 ގައި ސަސް އަތުން މާޒިޔާ މޮޅުވީ ފަހު ވަގުުތު ޖެހި ގޯލާ އެކު 3-2 އިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގައްދޫ ބަލިކޮށް ވިކްޓަރީ އަށް ލީގުގެ އެއް ވަނައިގައި ލީޑެއް

ދިވެހި ޕްރިމިއާ ލީގުގައި ގައްދޫ ޓީމު 2-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބުން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް އައްމަޑޭ އާއި މާއި ކާމިޔާބުކޮށްދިންއިރު، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ތަޖުރިބާކާރު ކުޅުންތެރިޔާ އަކޫ ވަނީ ދެ އަހަރަށް ފަހު އަލުން ކުޅުމަށް އެނބުރި އައިސްފައި

އާސެނަލަށް މުހިންމު މޮޅެއް، ޔުނައިޓެޑްގެ ދަށް ރެކޯޑް ކުރިއަށް

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ނޮޓިންހަމް ފޮރެސްޓް ބަލިކޮށް ތާވަލުގެ ދެވަނައަށް ޖެހިލިއިރު، ލީޑްސްއާ އެއްވަރުވެ މެންޗެސްޓާ ޔުނައިޓެޑުން ވަނީ ފާއިތުވި 40 އަހަރުގެ އެންމެ ދަށް ފެށުން ރެކޯޑްކޮށްފައި. މިރޭގެ އެހެން މެޗުތަކަށް ބަލާއިރު ބްރައިޓަން އާއި ބޯންމައުތުން ވަނީ ބޮޑު މޮޅެއް ހޯދާފައި

އިންފަންޓީނޯ ނުރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝް އަށް

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މޮރޮކޯއިން ބޫޓާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބަންގްލަދޭޝްގައި މަޑުކުރައްވައި، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައިފި.

ޗެލްސީގެ ކީޕަރު މާޓިނޭޒް ދަތްދޮޅީގެ އޮޕަރޭޝަނެއް ކޮށްފި

އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ކީޕަރު މާޓިނޭޒްގެ ދަތްދޮޅިއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފައި. މި އަނިޔާގެ ސަބަބުން ކުރިއަށް ހުރި މުހިންމު މެޗުތަކެއް އޭނާއަށް ގެއްލޭނެތީ، ބަދަލުގައި ދެން ފެންނާނީ ޒުވާން ކީޕަރު މައިކް ޕެންޑާސް.

ކޯޗަކަށް ޝާކިއްޓެ، ވޯލްޑް ކަޕަށް ރާއްޖެ ސްކޮޑު ފައިނަލްކޮށްފި

މި މަހު އަޒަރުބައިޖާންގައި ބާއްވާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ކޯޗަކަށް އަހުމަދު ޝާކިރު (ޝާކިއްޓެ) ހަމަޖައްސައި، މުބާރާތަށްދާ ސްކޮޑު ފައިނަލްކޮށްފި. ފީފާގެ ހުރިހާ މެމްބަރު ގައުމުތަކަށް ފުރުސަތު ދީގެން ކުރިއަށްގެންދާ މި މުބާރާތުގައި ރާއްޖެ ހިމެނެނީ ފްރާންސާއި ސައުތު އެފްރިކާ ފަދަ ގައުމުތަކާ އެކު އެއް ގްރޫޕެއްގައި

ސްޓްރާސްބޯ ބަލިކޮށް ޕީއެސްޖީ އަށް ޖެހިޖެހިގެން ހަ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުން ސްޓްރާސްބޯ އަތުން 3-1 އިން މޮޅުވެ، ޕީއެސްޖީން ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން ހަވަނަ މޮޅު ހޯދައިފި. ސްޓްރާސްބޯއިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ޕީއެސްޖީން މެޗުގެ ނަތީޖާ އަނބުރާލީ ފަހު 15 މިނެޓުގެ ތެރޭގައި ޖެހި ތިން ގޯލުން.

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

Newsletter

Get the latest news delivered straight to your inbox