ޔޯގާ ދުވަސް ފާހަގަކުރަން މިދިޔަ މަހުގެ 21 ވަނަ ދުވަހު ގަލޮޅުދަނޑުގައި ބޭއްވި ހަރަކާތް ހުއްޓުވަން ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ މީހުން ތިބި ކަސްޓޯޑިއަލްއަަށް އިންޑިއާ ހައިކޮމިޝަނުގެ އޮފިޝަލުން ޒިޔާރަތްކުރި ކަމަށް އެމީހުންގެ ވަކީލުން ކުރި ތުހުމަތު ފުލުހުން މިއަދު ދޮގުކޮށްފި އެވެ.
މީޑިއާތަކަށް ފުލުހުން މިއަދު ފޮނުވި މެސެޖެއްގައި ބުނީ ގަލޮޅުދަނޑުގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި މީހުން ތިބި ކަސްޓޯޑިއަލްއަށް އިންޑިއާ ހައިކޮމިޝަނުގެ އޮފިޝަލުން ވަތް ކަމަށް، ބުނެ ބައެއް ނޫސްތަކުން ގެނައި ހަބަރަކީ ހަގީގަތެއް ނެތް ދޮގު ހަބަރެއް ކަމަށެވެ.
"...މިއީ ފުލުހުންގެ މުއައްސަސާގެ ތަސައްވުރު ކިލަނބުވެ، ރައްޔިތުންގެ ހިތްތަކުގައި ފުލުހުންނާ މެދު ނަފުރަތު އުފެދި އިތުބާރު ގެއްލިދާނެ ފަދަ ކަމެއްކަމުގައި ވީ ހިނދު، މިފަދަ ހަބަރުތައް ގެނެސްދިނުމުގައި އިތުބާރު ކުރެެވޭ މަސްދަރަކުން ކަން ޔަގީންކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސްކުރަން،" މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖްގައި ބުންޏެވެ.

ޔޯގާ ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި މީހުންގެ ވަކީލުން އިއްޔެ މީޑިއާއާ ވާހަކަދައްކަވަނީ. ފޮޓޯ:މުހައްމަދު ޝާބިން/އަދަދު
ޔޯގާ ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި މީހުން ތިބި ކަސްޓޯޑިއަލްއަށް އިންޑިއާ އޮފިޝަލުން ދިޔަ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކުރީ، އެމީހުންގެ ވަކީލުން އިއްޔެ ކުރެއްވި ތުހުމަތަކާ ގުޅިގެންނެވެ. ޔޯގާ ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ވަކީލު އަހުމަދު ރާޣިބު އިއްޔެ ތުހުމަތުކުރެއްވި ގޮތުގައި ކަސްޓޯޑިއަލްއަށް ދިޔަ އިންޑިއާ އޮފިޝަލުން، ގައިދީންނާ ވާހަކަ ވެސް ދެއްކި އެވެ. އިންޑިއާ އޮފިޝަލުން ގައިދީންނާ ވާހަކަ ދެއްކީ ވަރަށް ހުތުރުބަހުން ކަމަށް ރާޣިބު ތުހުމަތުކުރެއްވި އެވެ.















