މާލެ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވަން ނިންމި ނައިޓް މާކެޓް ބާއްވާނީ ކޮވިޑުގެ އިތުރުން ޑެންގީގެ ކޭސްތައް މާލެ ސަރަހައްދުން މަދުވެ، ކުރީގެ ހާލަތަށް ދިއުމުން ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މާލެ ސިޓީ ކައުންސިލުން އަލުން ނައިޓް މާކެޓެއް ބާއްވަން އިއުލާން ކޮށް، ބައިވެރިވާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލީ މިދިޔަ ހުކުރު ދުވަހު އެވެ.
މުއިއްޒު ވިދާޅުވީ، ނައިޓް މާކެޓް ބޭއްވުމަށް އިއުލާނު ކޮށްފައި އޮތް ނަމަވެސް، ނައިޓް މާކެޓް ބައްވާނީ މާލެސިޓީގައި ކޮވިޑް ކޭސްތައް އެންމެ ބޮޑަށް މަދުވިއިރު ހުރި ވަރަށް މަދުވި ދުވަހަކުން ކަމަށެވެ.
އަދި ކޮވިޑް އާއި ޑެންގޫ ފަދަ އާންމު ރޯގާތައް ގިނަ އިރެއްގައި ސިޓީ ކައުންސިލުން މާލެސިޓީގައި ނައިޓް މާކެޓް ނުބާއްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މި އަހަރު ރޯދަ މަހަށްވެސް މާލެ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ނައިޓް މާކެޓެއް ބޭއްވުމަށް ހުޅުވާލި އެވެ. އުސްފަސްގަނޑުގައި އެ މާކެޓް ބާއްވަން ޕްލޭނިން މިނިސްޓްރީން ހުއްދަ ހޯދައި، ވިޔަފާރިވެރިންނަށް ސްލޮޓްތައް ވެސް ދޫކުރި އެވެ.

އަދި މާކެޓް އިންތިޒާމުކުރުމަށް ސިޓީ ކައުންސިލުން ކުންފުންޏަކާ ވެސް ހަވާލުކުރި އެވެ. ނަމަވެސް ރޯދަމަސް ފެށެން ވަގުތު ކުޑަތަން ވެފައިވާތީ، އިންތިޒާމުތައް ހަމަޖައްސަން ދަތި ކަމަށް ބުނެ ނައިޓް މާކެޓް ކެންސަލްކުރީ އެވެ.













