މިއަދު މާލޭ މަގުމައްޗަށް ފުލުހުންގެ ކުއްތާ ސްކޮޑުގައި ހިމެނޭ ކުއްތާތައް ނެރެގެން ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މިއަދު ފުލުހުންގެ ކުއްތާ ސްކޮޑް، ކޭ9 ޑިޕާޓްމަންޓުގެ ހާއްސަ ތަމްރީނެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް މިކަމާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރި އެވެ.
މިއީ ކޮންކަމަކާ ގުޅޭ ތަމްރީނެއްތޯ، އަދި ކިތައް ކުއްތާ ނެރެގެން، މާލޭގެ ކޮން ސަރަހައްދުތަކެއްގައި ހިންގަން ހަމަޖެހިފައިވާ ތަމްރީނެއްތޯ ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިވަގުތަށް ހާމަކުރެވެން ހުރި މައުލޫމާތުތައް ސޯޝަލް މީޑިއާގައި ހާމަކޮށްފައި ވާނެ ކަމަށެވެ.
ކުއްތާތައް ނެރެގެން މާލޭގައި ހާއްސަ ތަމްރީނެއް ހިންގަން ހަމަޖެހިފައި ވާއިރު، ގޮތް ނޭނގޭ އެއްޗެއްގެ ރިޕޯޓު ލިބިގެން ސިފައިންނާއި ފުލުހުން ވަނީ އިއްޔެ މާލޭގެ ތިން ސަރަހައްދެއް ބަންދުކޮށް، ހަތިޔާރާއެކު ހަރަކާތްތެރިވެފަ އެވެ. އެ ސަރަހައްދުތަކަކީ ސުޕްރީމް ކޯޓު ސަރަހައްދުގެ ގޯޅި ގަނޑަކާއި މުރައިދޫގެ ހިމެނޭ ސަރަހައްދާއި ބޮޑުތަކުރުފާނު މަގުން ޗައިނާ އެމްބަސީ ހިމެނޭ ސަރަހައްދެވެ.
"އަދަދު"އަށް އެނގިފައިވާ ގޮތުގައި ސިފައިންގެ މި އޮޕަރޭޝަން ފެށީ، މާލޭ ސިޓީ ކައުންސިލްގެ ވެބްސައިޓުގައި ގާއިމުކޮށްފައިވާ ޕޯޓަލްގައި މީހަކު ކުރި ޕޯސްޓަކާ ގުޅިގެނެވެ. އެ ޕޯސްޓުގައި މިހާރު ސިފައިން ބަލަމުންދާ ދެ ސަރަހައްދުގައި ގޮތް ނޭނގޭ އެއްޗެއް އޮތް ކަމަށް ބުނެފައިވާ ކަން އެނގިފައިވެ އެވެ. އެއީ, ރަޝީޔާގެ ކޮންސިއުލޭޓާއި ޗައިނާ އެމްބަސީ އެވެ.

އެ މައުލޫމާތު ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައީ މާލޭ ސިޓީ ކައުންސިލުން ކަމަށްވެ އެވެ. ނަމަވެސް, އެ ދެ ސަރަހައްދު ބަންދުކޮށް އެ ތަން ބެލިބެލުމުން އެފަދަ އެއްޗެއް ފެނިފައިނުވާ ކަމަށް މައުލޫމާތު ލިބެ އެވެ. މިހާރު ސިފައިން ވަނީ އެ އޮޕަރޭޝަން ވެސް ނިންމާލާފަ އެވެ.













