ބަދުއަހުލާގީ ވީޑިއޯއެއް ލީކުވި މައްސަލައިގައި އެ ވީޑިއޯއިން ފެންނަ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރް އާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދުގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.
ދައުރުވަމުންދާ އެއް ވީޑިއޯއިން އަލަމްގީރް ކަމަށް ބުނާ ބަންގްލަދޭޝް މީހާއާއެކު ފެންނަނީ ތައިލެންޑްގެ ސަފީރު ކަން ވެސް ކުރިން ކުރައްވާފައިވާ އަދި ޑީއާރުޕީގެ ލީޑަރުގެ މަގާމު ވެސް ފުރުއްވާފައިވާ މުހައްމަދު ނަޝީދު (ކާނަލް ނަޝީދު) އެވެ. އެއީ އޭނާ ކަމަށް ނަޝީދު ވަނީ އެއްބަސްވެވަޑައިގެންފަ އެވެ.
އެ ދެ މީހުންގެ ޕާސްޕޯޓް ވެސް ހިފަހައްޓާފައިވާކަން ފުލުހުންގެ އޮފިޝަލަކު ވަނީ ކަށަވަރުކޮށްދީފަ އެވެ.
އަލަމްގީރް ރާއްޖޭން ފުރާފައިވާ ކަމަށް ބުނެ އޭނާގެ ނަން ލިޔެފައިވާ ޓިކެޓެއްގެ ފޮޓޯއެއް ވެސް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، އެއީ އެއްވެސް ހަގީގަތެއް ހިމެނޭ ވާހަކައެއް ނޫން ކަން ފުލުހުންނާއި އިމިގްރޭޝަނުން ވެސް ވަނީ "އަދަދު"އަށް ކަށަވަރުކޮށްދީފަ އެވެ.
ބަދުއަހުލާގީ އަމަލު ހިންގާ ވީޑިއޯތައް އާންމުވުމަށްފަހު ފުލުހުން ބުނެފައި ވަނީ އެ ވީޑިއޯތަކުގައި ހިމެނޭ މީހުންގެ މައްސަލަތައް ބަލަމުންދާ ކަމަށެވެ. އަދި އެ ވީޑިއޯތައް ބޭނުންކޮށްގެން ބްލެކްމެއިލް ކުރި ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަަތަކެއް ވެސް ބަލަމުންދާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އެ މައްސަލައިގެ ތަހުގީގަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރު ވެސް ވަނީ ފުލުހުން ހާޒިރުކޮށްފަ އެވެ. ދައުރުވަމުންދާ އެއް ވީޑިއޯއެއްގައި ނާޒިމް ކަމަށް ބެލެވޭ މީހަކު ވެސް ފެނެ އެވެ.
އަދި އެ މައްސަލައިގައި ހިމެނޭ ބަންގްލަދޭޝް މީހާގެ ބަޔާނެއް ވެސް ފުލުހުން ނެގި އެވެ.











