އައްޑޫ ސިޓީގައި، ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކު އަމިއްލައަށް މަރުވި މައްސަލާގައި ބަޔަކު އިހުމާލުވެފައިވޭތޯ ފުލުހުން ބަލަން ފަށައިފި އެވެ.
އައްޑޫ ސިޓީ ހިތަދޫގައި ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކު އަމިއްލައަށް މަރުވި މައްސަލައެއް ފެންމަތިވެފައި ވަނީ ރޭގެ ވަގުތެއްގަ އެވެ. އެއީ އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖެކެވެ.
"އަދަދު" އަށް އެނގިފައިވާ ގޮތުގައި، އެ ކުއްޖާ މަރުވި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އެގޮތުން އެ ކުއްޖާ މަރުވުމުގައި އެއްވެސް ފަރާތެއްގެ އިހުމާލެއް އޮތްތޯ ވެސް ފުލުހުން ދަނީ ބަލަމުންނެވެ.
މިކަމާ ގުޅޭގޮތުން ފުލުހުންގެ ރަސްމީ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ. ދަންޖެހިގެން މީހުން މަރުވާ މައްސަލަތަކުގައި ފުލުހުން ކޮމެންޓު ނުކުރާއިރު، ކުޑަކުދިން ހިމެނޭ މިފަދަ ހައްސާސް މައްސަލަތަކުގައި ފުލުހުން މައުލޫމާތު ހިފަހައްޓާކަން ފާހަގަކޮށްލެވެ އެވެ.














