އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ކްލަބް ގްރީން ސްޓްރީޓްސް އަތުން 2-0 އިން މޮޅުވެ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ލީގުގެ އެއް ވަނައިގައި ލީޑު ދަމަހައްޓައިފި އެވެ.
މާޒިޔާ މި މެޗަށް ނުކުތްއިރު ލީގުގެ އެއް ވަނައިގައި އެ ޓީމުގެ ލީޑު އޮތީ ދެ ޕޮއިންޓަށް ކުޑަވެފަ އެވެ. އެއީ ރޭ އީގަލްސް މޮޅުވުމުންނެވެ. އެކަމަކު، މިއަދު ހަވީރު ހޯދި މޮޅާ އެކު މާޒިޔާ ވަނީ އަލުން ފަސް ޕޮއިންޓަށް ލީޑުފުޅާކޮށްފަ އެވެ.
ޖެހިޖެހިގެން ލީގުގެ ހަތް މެޗުން މޮޅުވެ، މާޒިޔާ އެއް ވަނައިގައި އޮތީ، 15 މެޗުން 42 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ކްލަބް އީގަލްސް އަށް ވަނީ 15 މެޗުން 37 ޕޮއިންޓް ލިބިފަ އެވެ.
މާޒިޔާ އިން މި މެޗަށް ނުކުތްއިރު، އެ ޓީމުގެ މިޑްފީލްޑަރު އިބްރާހިމް އައިސަމް އާއި ގްރީން ސްޓްރީޓްސްގެ ކީޕަރު، ޕާކިސްތާންގެ ހަނީފް ސާގިބާއި ކޮލަމްބިއާގެ ފޯވާޑް ހޯސޭ އަވީލާ ހުރީ ދެ ކާޑު ހަމަވުމުގެ ސަބަބުން ސަސްޕެންޝަނުގަ އެވެ. މާޒިޔާ ގޯލުގައި މި މެޗު ފެށީ ކީޕަރު ހުސެއިން ޝަރީފް (ހުސެން) އެވެ. އެންމެ ފަހުން ދެ މެޗުގައި މާޒިޔާ ގޯލު ބެލެހެއްޓި، އިޔާން އަބްދުލް އަލީމް (ޗިކީ) އެވެ. ލީގު ބްރޭކަށް ފަހު އަލުން ފެށި ފަހުން ނޭޕާލްގެ ކީޕަރު ކިރަން ކުމާރް ޝެމްޝޮން އަށް އަދި ފުރުސަތެއް ނުލިބެ އެވެ.
ގަލޮޅު ދަނޑުގައި މިއަދު ކުޅުނު މެޗު ފަށައިގެން ނުވަ ވަަނަ މިނިޓްގައި މާޒިޔާގެ ހަމްޒާ މުހައްމަދު (ހަމްޕު) ވޮލީއަކުން ޖެހި ބޯޅަ ގްރީން ސްޓްރީޓްސްގެ ޑިފެންޑަރު، މުހައްމަދު ސައިފް ވަނީ ބްލޮކްކޮށްފަ އެވެ. އޭގެ 10 މިނިޓް ފަހުން މާޒިޔާ، ސްޕެއިން މިޑްފީލްޑަރު، ޓަނާ ޑޮމިންގޭޒް ހުސްކޮށްލާފައި އޭރިއާތެރެއިން އެ ޓީމަށް ކުޅޭ ސެއިން ވިންސެންޓްގެ ފޯވާޑް، ކޮނޭލިއަސް ސްޓެވާޓަށް ދިން ބޯޅަ ފޮނުވާލި ނަމަވެސް އަމާޒުވީ ގްރީން ސްޓްރީޓްސްގެ ކީޕަރު، އަހުމަދު ރަމީޒް އަތަށެވެ.
މެޗުގެ 22 ވަނަ މިނިޓްގައި ގްރީން ސްޓްރީޓްސްގެ ހަސަން ނަޒީމް ގާސިމް (ޗޯޓު) ނަގައިިދިން ކޯނަރަކުން ސައިފް ބޮލުން ޖެހި ބޯޅަ ދިޔައީ ގޯލުގެ އަރިމަތިންބޭރުންނެވެ. އޭގެ އިރުކޮޅެއް ފަހުން ގްރީން ސްޓްރީޓްސްގެ އަންސަރު އިބްރާހިމް (އަންކޮ) މަތިން ހުސްކޮށްލާފައި ނެގި ބޯޅަ، އެ ޓީމަށް ކުޅޭ ޕެނަމާގެ ފޯވާޑް ހުއާން ކާލޯސް އަށް ލިބުމުން ގޯލާ އަމާޒުކޮށް ފޮނުވާލި ނަމަވެސް، ބޯޅައިގައި ބާރެއްނެތި ކީޕަރު، ހުސެއިން ވަނީ މަތަކޮށްފަ އެވެ.
މާޒިޔާ އިން ލީޑުނެގީ މެޗުގެ 42 ވަަނަ މިނިޓްގައި ޓަނާ ކާމިޔާބުކުރި ޕެނަލްޓީންނެވެ. މިއީ އޭރިއާތެރެއިން ގްރީން ސްޓްރީޓްސްގެ ސައިފް ޓެކަލެއް ކޮށްފައި ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި އަތުގައި ބޯޅަ ޖެހުމުން، މެޗުގެ ރެފްރީ މުހައްމަދު ޖާވިޒް ދިން ޕެނަލްޓީ އެކެވެ.
ދެ ވަނަ ހާފް ފެށިގެން ނުވަ ވަނަ މިނިޓްގައި މާޒިޔާ އޭރިއާތެެރެއިން ގްރީން ސްޓްރީޓްސްގެ ފުލްބެކް، މުހައްމަދު ފަރުހާން (ފަރުއްކޮ) މެއިން ކޮންޓްރޯލް ކޮށްލުމަށް ފަހު ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ. މާޒިޔާ އިން ވަނީ މެޗުގެ 61 ވަނަ މިނިޓްގައި ރަނގަޅު އެޓޭކެއް ކޮށްފަ އެވެ. ޓަނާ ނެގި ހުރަހަކުން ހަމްޕު ބޮލުން ޖެހި ބޯޅަ ކީޕަރު ރަމީޒް ވަނީ މަތަކޮށްފަ އެވެ.
މެޗުގެ 90 ވަނަ މިނިޓްގައި ގްރީން ސްޓްރީޓްސްގެ ފަރުއްކޮ ކައިިރިން ނައްޓާފައި މާޒިޔާގެ ހަމްޕު ޖެހި ބާރު ބޯޅަ ކީޕަރު ރަމީޒް އަތުގައި ޖެހިފައި ކުޅުމުގެ ތެރެއަށް އެނބުރި އަ އެވެ. އެ ބޯޅަ އަލުން އޭރިއާތެރެއިން މާޒިޔާގެ ހުސެއިން ނިހާން (ނިހާޓް) އަށް ލިބުމުން ފޮނުވާލި ހަަމަލާ ދިޔައީ ހުރަސްދަނޑި މަތިންނެވެ.
މާޒިޔާ އިން ދެ ވަނަ ގޯލު ޖެހީ މެޗުގެ އިތުރު ވަގުތުގެ ތިން ވަނަ މިނިޓްގަ އެވެ. އޭރިއާބޭރުން ޓަނާ ޖެހި ބޯޅައެއް ގްރީން ސްޓްރީޓްސްގެ ކެޕްޓަން ރިލްވާން ވަހީދު (ރިލޭ) ފައިގައި ޖެހިފައި ލިބުނީ ހަމްޕު އަށެވެ. ހަމްޕު ވަނީ އޭރިއާބޭރުން ހަމަޖެހިލާފައި ކީޕަރު ރަމީޒްގެ އަތްމަތިން ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.
ދެ ވަނަ ބުރުގައި މާޒިޔާ އަތުން ބަލިވި މެޗަށް ފަހު ދެން ކުޅުނު ދެ މެޗުން ގްރީން ސްޓްރީޓްސް މޮޅުވި އެވެ. އެކަމަކު، ތިން ވަނަ ބުރު ފަށަން ކުޅުނު މެޗުން ގްރީން ސްޓްރީޓްސް މި ބަލިވީ ވެސް މާޒިޔާ އަތުންނެވެ. މިއަދުގެ ނަތީޖާއާ އެކު ގްރީން ސްޓްރީޓްސް އޮތީ ލީގުގެ ހަ ވަނައިގައި 15 މެޗުން 17 ޕޮއިންޓާ އެކު އެވެ.
ލީގުގައި މިރޭ ކުޅޭ މެޗުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބައްދަލުކުރާނީ ކްލަބް ވެލެންސިއާއާ އެވެ. މެޗު ފަށާނީ 21:00 ގަ އެވެ.










