ޔޯގާ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތުގައި ސަފީރުން ބައިވެރިވާކަން ފުލުހުންނަށް ނޭނގޭ ކަމަށާއި އެކަން އެނގުނު ނަމަ އެ ހަރަކާތް ބޭއްވި ގަލޮޅު ދަނޑުގެ ސެކިއުރިޓީ ކަންކަން ވަރުގަދަކީސް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އޭސީޕީ އަލީ ޝުޖާއު ވިދާޅުވީ، ޔޯގާ ދުވަހުގެ ހަރަކާތާ ދެކޮޅަށް ނިކުމެ ހަމަނުޖެހުން ހިންގަން އުޅޭ ކަމުގެ މައުލޫމާތު ކުރިން ލިބިފައި ނުވާ ކަމަށާއި، އެތަނަށް މުޒާހަރާ ކުރަން ދިޔަ މީހުން ހަމަނުޖެހުން ހިންގަން ނިންމީ ދުރާލާ ރާވައިގެން ނޫން ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.
ޝުޖާއު ވިދާޅުވީ މިފަދަ އިވެންޓުތައް ބާއްވާއިރު، އިވެންޓުގައި ބައިވެރިވާ މީހުންގެ މައުލޫމާތު އެއްވެސް ތަނަކުން ފުލުހުންނަށް އަންގާފައި ނުވާ ކަމަށެވެ. އަދި އެފަދަ މައުލޫމާތު ހިއްސާނުކުރި ނަމަވެސް ކުރިއަށް އޮތްތަނުގައި ފުލުހުން އަމިއްލައަސް ވެސް ބަލާނެ ކަމެއް ކަމަށެވެ.
އޭނާ ވިދާޅުވީ، ބޭރު ގައުމުތަކުގެ ސަފީރުންނާއި، ޑިޕްލޮމެޓުންނާއި އެހެނިހެން ހައި ޕްރޮފައިލް މީހުން އެ ހަރަކާތުގައި ބައިވެރިވާކަން ފުލުހުންނަށް އެނގުނީ އެތަނަށް ދިޔަ ފަހުން ކަމަށެވެ. އަދި ކުރިއާލާ އެ މައުލޫމާތު ލިބިފައިވާނަމަ، ސަލާމަތީ ކަންކަން އިންތިޒާމްކުރާނީ ތަފާތު ގޮތަކަށް ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.
ޔޯގާ ދުވަހުގެ ހަމަނުޖެހުމުގައި ފުލުހުންގެ ސެކިއުރިޓީ ފެއިލިއާއެއް އޮތްކަމަށް ފުލުހުން މިއަދު ވަނީ އެއްބަސްވެފައެވެ. ޝުޖާއު ވިދާޅުވި ގޮތުގައި ހަމަނުޖެހުންތައް ހިންގަން ފުރުސަތު ލިބުނީ އެތަނަށް ފޮނުވި ފުލުހުންގެ ފޯސް ކުޑަވެގެން ނޫން ކަމާއި ނަމަވެސް, އެތަނުގައި ހަރަކާތްތެރިވި ފުލުހުންނަށް ހެދުނު ގޯސްތަކުގެ ސަބަބުން ކަމަށެވެ. އެގޮތުން, ކްރައުޑްގެ ބިހޭވިއާ ދެނެގަތުން ލަސްވިކަން ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ ފުލުހުން ރަނގަޅު ކުރަން ޖެހޭ ކަމަށެވެ.















