ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު (ނޭޝަނަލް އައިޑެންޓިޓީ ކާޑު)ގެ ޑިޒައިން ބަދަލު ކުރުމަށް، ފަރުމާ ކޮށްދޭނެ މީހަކު ހޯދަން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން ހުޅުވާލައިފި އެވެ.
މިހާރު ބޭނުން ކުރަމުންދާ އައިޑީކާޑު ހެއްދީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގަ އެވެ. އެއީ 1984ގަ އެވެ.
ޑީއެންއާރުން މިއަދު ކުރި އިއުލާނެއްގައި ބުނީ މިހާރު ބޭނުންކުރާ ކާޑުގެ ޑިޒައިން ބަދަލުކޮށް ސަލާމަތީ ގޮތުން ފުރިހަމަ އިތުބާރާ ޔަގީންކަން އޮންނަ ޒަމާނީ ސެކިއުރިޓީ ފީޗާސްތަކާ އެކު ސްމާޓް އައިޑީ ކާޑެއް ތައާރަފުކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެހެންކަމުން ކާޑު ފަރުމާކުރުމަށް އެދޭ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ވަނީ ހުޅުވާލާފަ އެވެ.
އައިޑީ ކާޑު ފަރުމާކުރާނެ މީހެއް ހޮވާނީ އެ މީހެއްގެ ފަންނީ ގާބިލުކަމާއި ހުށަހަޅާ ކޮންސެޕްޓްގެ ފުރިހަމަ ކަމަށް ބެލުމަށްފަހުގަ އެވެ.

މީގެ އިތުރުން އައިޑީކާޑު އެންމެ ފުރިހަމައަށް ފަރުމާކުރި މީހަކަށް 200,000.00ރ. ގެ އިނާމެއް ވެސް ލިބެ އެވެ. އަދި އައިޑީ ކާޑު ފަރުމާކުރުމަށް ޝޯޓްލިސްޓްވާ ތިން ފަރާތަށް އަގުވަޒަންކުރުމުގެ ރަސްމީ ލިޔުމެއް ލިބޭނެ އެވެ.
އަދި ހުށަހަޅާފައިވާ އައިޑީ ކާޑުގެ ކުރެހުންތައް އާންމުކޮށް ހުޅުވާލާ މައުރަޒެއްގައި ދައްކާ، އެ ކުރެހުންތައް ރަސްމީކޮށް އާންމު ކުރެވޭނެ ކަމަށް ވެސް ޑީއެންއާރުން ބުންޏެވެ.
ޕްރޮޕޯސަލް ބަލައިގަތުމުގެ ސުންގަޑި އަކީ އަންނަ މަހުގެ 21ވަނަ ދުވަހުގެ 2:00ގަ އެވެ. އަދި އެންމެ ރަނގަޅު ޕްރޮޕޯސަލް ޝޯޓްލިސްޓްކޮށް އެފަރާތްތަކަށް އައިޑީ ކާޑުގެ ދެފުށާއި ހޮލޮގްރާމް ކުރަހަން ހަވާލުކުރުމާއި، ހޮވުނު ފަރާތުން ފައިނަލް ކުރެހުންތައް ހުށަހެޅުމާއި އެންމެ ފުރިހަމައަށް ފަރުމާކުރި ފަރާތް ހޮވުން އޮންނަނީ އޮގަސްޓަ މަހުގަ އެވެ.














