ޔޯގާ ދުވަސް ފާހަގަކުރުމަށް ޔޫތު މިނިސްޓްރީ އާއި ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރު ގުޅިގެން ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ, ހަމަނުޖެހުން ހިންގި މައްސަލައާ ގުޅިގެން އިތުރު ދެ މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލާގައި ޝާމިލުވާކަމަށް ތުހުމަތު ކުރެވޭ 19 މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބިއިރު މި ދެ މީހުންނާ އެކު ހައްޔަރު ކުރި އަދަދު ވަނީ 21 އަށް އަރާފަ އެވެ. އެ އެންމަނަށް ވެސް ވަނީ ބަންދުގެ މުއްދަތު ޖަހާފަ އެވެ.
އިއްޔެ ހައްޔަރު ކޮށްފައިވާ ދެ މީހުންނަކީ ނ. މިލަދޫ، ކާނޭޝަންމާގެ، އަބޫބަކުރު ފާރިއު (25އ) އާއި ފ. ދަރަނބޫދޫ، އާބާދީގުލްޝަން، ޝަބިމް އާދަމް (31އ) އެވެ.
ފުލުހުން ބުނީ ޔޯގާ ހަރަކާތުގައި އާންމުންނާ ދެކޮޅަށް، ބިރުވެރިކަން އުފެދޭ ގޮތަށް އެތަނަށް ބަޔަކު ވަދެގަނެ ބައެއް މީހުންނަށް ހަމަލާދީ، ތަކެއްޗަށް ގެއްލުން ދީފައިވާ މައްސަލައާ ގުޅިގެން އިތުރު ދެ މީހަކު ހައްޔަރުކޮށް އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން މުއްދަތު ޖަހާފައިވާ ކަމަށެވެ.
އެމީހުންގެ ތެރެއިން އަބޫބަކުރު ފާރިއު ދެ މަސް ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައި ވާއިރު ޝަބިމް އާދަމް ބަންދު ކުރުމަށް އަމުރު ކޮށްފައި ވަނީ 10 ދުވަހަށެވެ.

ޔޯގާ ހަމަނުޖެހުމާ ގުޅިގެން މިހާތަނަށް ޖުމުލަ 21 މީހަކު ހައްޔަރުކޮށްފައި ވާއިރު އޭގެ ތެރެއިން ހަ މީހަކު ހައްޔަރު ކޮށްފައި ވަނީ މި މަހުގެ 21 ވަނަ ދުވަހު އެވެ.
- ކ. ތުލުސްދޫ، ވީނަސް، މުހައްމަދު ނަދީމް (43އ)
- ކ. މާލެ، މއ. ކަނުހުރާ، މުހައްމަދު ޒިލްޔަން (37އ)
- ކ. މާލެ، ދަފްތަރު ނަންބަރު ދރ 1105، ޝާމީ ރަޝާދު އިދްރީސް (30އ)
- ތ. މަޑިފުށި، ހެޕީސައިޑް، މުހައްމަދު މައުސޫމް (40އ)
- ހއ. ތުރާކުނު، ގްރީންހައުސް، މުހައްމަދު ހުސައިން (47އ)
- ގދ. ރަތަފަންދޫ، ލިލީޕާރކް، އަމީން އަހުމަދު (35އ)
މި މަހުގެ 22 ވަނަ ދުވަހުވެސް ހަ މީހަކު ހައްޔަރުކޮށްފައި ވެއެވެ.
- ހއ. ހޯރަފުށި، ޔާގޫތުގެ، މުހައްމަދު އިސްމާއީލް (48އ)
- ސ. ހިތަދޫ، އޯކިޑްވިލާ، އިބްރާހިމް ރައްޒާން (32އ)
- ލ. މާމެންދޫ، ސޯސަންވިލާ، އާދަމް ނިޝާން (38އ)
- ގއ. މާމެންދޫ، އަސްރަފީވިލާ، އަހުމަދު ނަސޫހް (26އ)
- ތ. ތިމަރަފުށި، ނަރުގިސްވިލާ، އަބްދުﷲ ރިފާއު (31އ)
- ށ. މިލަންދޫ، ނާޒް، ފަޒްލޫން މުހައްމަދު (33އ)
23 ވަނަ ދުވަހު ހައްޔަރު ކުރި މީހުންގެ ތެރޭގައި ދެ މީހަކު ހައްޔަރު ކުރި އެވެ.
- ކ. މާލެ، މ. ފަޅުމަތީގެ، އަހުމަދު އަލީ (26އ)
- ކ. މާލެ، ގ. ކޮލަމްބިއާ، މުހައްމަދު ޒީޝާން ނާސީރު (30އ)
24 ވަނަ ދުވަހު ވެސް ވަނީ އިތުރު ހަތަރު މީހަކު ހައްޔަރު ކޮށްފަ އެވެ.
- ނ. ވެލިދޫ، މިލާނޯ، އިބްރާހީމް ޒިހާނު (25އ)
- އއ. މާޅޮސް، ލަކީސްޓާ، ޢަލީ މިރުޝާދު (31އ)
- ލ. މުންޑޫ، އަންނާރުމާގެ، މުހައްމަދު ޝާން (32އ)
- ކ. މާލެ، ގ. ފީނިކްސް، އަބްދުﷲ ނިޔާޒު (41އ)
- ތ. ތިމަރަފުށި، އަލީއާބާދު، އަލީ މުހައްމަދު (36އ)
ގަލޮޅު ދަނޑުގައި ކުރިއަށް ގެންދިޔަ ޔޯގާ ހަރަކާތަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގާފައިވަނީ ސަރުކާރުގެ އިސްވެރިންނާއި ބޭރު ގައުމުތަކުގެ ޑިޕްލޮމެޓުންނާއި ހައި ކޮމިޝަނަރުން ވެސް ތިއްބަ އެވެ.













