ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ބަދުއަހުލާގީ އަމަލު ހިންގާ ވީޑިއޯއެއްގައި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމްގެ ބައިވެރިވުމެއް ނެތް ކަން ކަށަވަރުކޮށްދޭން އޭނާ ފުލުހުންގެ އިދާރާގައި އެދިއްޖެ އެވެ.
އެއް ޖިންސުގެ މީހަކާއެކު ބަދު އަހުލާގީ އަމަލު ހިންގާފައި ވީީޑިއޯއެއްގައި ސަލީމް ހިމެނޭ ކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށް ދެކެވެމުން އަންނަ ވާހަކަތައް ފުލުހުން ތަހުގީގު ކުރަން ޖެހޭނެ ކަމަށް އޭނާ ފުލުހުންނަށް ފޮނުވާފައިވާ ސިޓީގައި ވިދާޅުވެފައިވެ އެވެ.
"އެ ލިޔުމުގައި ހަވާލާދީފައިވާ ވީޑިއޯއިން ނުވަތަ ފޮޓޯއިން ފެންނަނީ ވަކި ފެންނަ އެއް ފަރާތަކީ ކަނޑައެޅިގެން ކޮން ފަރާތެއް ކަން ނޭނގޭ ހާލަތުގައި، އެ ފަރާތާއެކު އެފަދަ އަމަލެއް ހިންގުމުގައި ބައިވެރިވި ފަރާތް ނުވަތަ ފަރާތްތައް ދެނެގަތުމަކީ ތިޔަ ސާވިސްގެ ގާބިލްކަމަށް ބަލާއިރު، އުނދަގޫ ކަމަކަށް ވެގެން ދާނެ ކަމަކަށް ނުބެލެވެ އެވެ." ސަލީމްގެ ސިޓީގެ ވިދާޅުވެފައިވެ އެވެ.
އެ ވީޑިއޯގައި ވަނީ އޭނާ ނޫންކަން ސާބިތުކޮށްދޭން އޭނާއަށް ކުރެވޭނެ ކަމެއް ނެތް ކަމުން އެ ވީޑިއޯގެ ހަގީގަތް ރައްޔިތުންނަށް ފުލުހުން ހާމަކޮށްދޭން ސަލީމް ވަނީ އެދިވަޑައިގެންފަ އެވެ.
އެ މައްސަލަ ވީހާ ވެސް އަވަހަކަށް ތަހުގީގުކޮށްދިނުމަށާއި އެ ކަމުގައި އޭނާ ހިމެނޭ ކަމަށް "ކުޑަ ނަމަވެސް ހެއްކެއް ލިބިއްޖެނަމަ" ގާނޫނީ ފިޔަވަޅު އަޅައިދިނުމަށް ވެސް އެދިވަޑައިގެންފައިވެ އެވެ.

މި މައްސަލަ ބަލައިދިނުމަށް ސަލީމް އެދިފައިވާއިރު، ދެ ފިރިހެނަކު ބަދުއަހުލާގީ އަމަލު ހިންގާ ވީޑިއޯއެއްގެ މައްސަލައިގައި ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރުގެ މައްސަލަ ވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
އަދި، މިފަދަަ މައްސަލަތަކެއްގައި ގިނަ އަދަދެއްގެ ބަޔަކަށް ބްލެކްމެއިލް ކުރުމުގެ މައްސަލަތަކެއް ވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.













