ޔޯގާއަކީ އިސްލާމްދީނުގައި ހުއްދަ ކަމެއްތޯ ނޫންތޯ އާއްމުންގެ މެދުގައި ބޮޑެތި ބަހުސްތަކެއް ފެށި، އެއާ ގުޅުން ހުރި ހަމަނުޖެހުމެއް ހިނގި އިރު ފަތުވާއެއް ނުނެރެވުނީ އެކަމުގެ ގާނޫނީ ޒިންމާ އޮންނަ ފަތުވާ މަޖިލީހުގެ ކޯރަމް ނެތުމުން ކަން އެނގިއްޖެ އެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަން އައުމުން ޖަނާޒާ ބޭއްވުން ފަދަ ކަންތައްތައް ބަދަލުކުރަން ޖެހުމުން އުފެދުނު ހިޔާލުތަފާތުވުންތައް ކުޑަކުރަން އޭރު ފަތުވާތައް ނެރުނީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނުން ހަވާލުކޮށްފައިވާ ޒިންމާއާ އެއްގޮތަށް، ފަތުވާ މަޖިލީހުން އަމިއްލައަށް އިސް ނަގައިގެންނެވެ. އެކަމަކު ޔޯގާގެ މައްސަލައިގައި އެ މަޖިލީހުން އަދި އެއްވެސް ފަތުވާއެއް ނެރެފައި ނުވާ އިރު، ޔޯގާގެ ތެރޭގައި ހިމެނޭ މެޑިޓޭޝަންއަކީ ހުއްދަ ކަމެއް ނޫން ކަމަށް ބުނެ، ފުލުހުންނަށް ސިޓީއެއް ފޮނުވީ އިސްލާމިކް މިނިސްޓްރީންނެވެ.
ޔޯގާ މައްސަލައިގައި ފަތުވާ މަޖިލީހުން ފަތުވާއެއް ނުނެރެވުނީ "އަދަދު"އަށް އެނގިފައިވާ ގޮތުގައި ގާނޫނުގައި ބުނާ ކޯރަމް ހަމަނުވާތީ އެވެ. ފަތުވާ މަޖިލީހުގެ މެމްބަރުން އައްޔަން ކުރަނީ ފަސް އަހަރަށް ކަމަށް ވާއިރު، އަލުން އައްޔަން ކުރި ފަހުން އެ މުއްދަތު ހަމަނުވެ މިހާރު ހުންނެވީ އެމަޖިލީހުގެ ރައީސް ޑރ. މުހައްމަދު ރަޝީދު އިބުރާހީމް އެކަންޏެވެ.
ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިޔާމަތްކުރުމުގެ ގާނޫނުގައިވާ ގޮތުން ފަތުވާ މަޖިލީހަށް މެމްބަރުން އެކުލެވިގެން ވަނީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ ހަތަރު މެންބަރަކާއި މިނިސްޓަރުގެ ލަފާ މަތިން އައްޔަން ކުރާ އެއް މެންބަރުގެ މައްޗަށެވެ.
ގާނޫނުގައި އޮތް ގޮތް
ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނުގެ (7) ވަނަ މާއްދާގެ (ހ) ގައިވާ ގޮތުން ރާއްޖޭގައި ދީނީ އެއްބައިވަންތަކަން ގާއިމްކޮށް ދެމެހެއްޓުމަށްޓަކައި މުޖުތަމައަށް ބޭނުންވާ ދީނީ ފަތުވާ ދިނުމަކީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މަސްއޫލިއްޔަތެކެވެ. އެ މާއްދާގެ (ށ) ގައިވާ ގޮތުން، ދައުލަތުގެ މުއައްސަސާތަކަށް ވެސް އިސްތިޝާރީ ލަފާ ދޭނީ އެ މަޖިލީހުންނެވެ.

ފިގުހީ މައްސަލަތަކުގައި ދިވެހިންނަށް ފަތުވާ ދޭން ޖެހޭ މައްސަަލަތަކަކީ ކޮބައިކަން ދެނެގަތުމަކީ ވެސް އެ ގާނޫނުގައިވާ ގޮތުން ފަތުވާ މަޖިލީހުގެ މަސްއޫލިއްޔަތެކެވެ. ކޮވިޑް ދުވަސްވަރު ނެރުނު ފަތުވާތަކާއި އެނޫން ބައެއް ފަތުވާ ވެސް އެ މަޖިލީހުން ނެރުނީ އެ އުސޫލުންނެވެ.
ހިޔާލުތަފާތުވާ މައްސަލަތަކުގައި ފަތުވާ މަޖިލީހުގެ މަސްއޫލިއްޔަތަކީ ހަމަ އެކަނި ފަތުވާ ނެރުމެއް ވެސް ނޫނެވެ. ދީނީ ހިޔާލުތަފާތުވުންތައް ކުޑަކުރުމަށްޓަކައި ހިޔާލު ހޯދައި މަޝްވަރާކުުރުމަކީ ވެސް ފަތުވާ މަޖިލީހުގެ ގާނޫނީ މަސްއޫލިއްޔަތެކެވެ.












