ރާއްޖޭގައި ޔޯގާ ހެދުމާއި އެކަމާ ގުޅޭ ހަރަކާތްތައް ބޭއްވުމަށް އިސްލާމިކް މިނިސްޓްރީން ދެކޮޅު ހަދާފައިވާކަން ހާމަވެއްޖެ އެވެ.
މިކަން ހާމަވީ, ޔޯގާ ހަރަކާތް ކުރިއަށް ނުގެންދިއުމަށާއި، އެފަދަ މެޑިޓޭޝަން ހަރަކާތްތައް ކުރިއަށް ގެންދާ ފަރާތްތަކާމެދު ފިޔަވަޅު އަޅާދިނުމަށް އެދި އިސްލާމިކް މިނިސްޓްރީން ފުލުހަށް ފޮނުވި ސިޓީއެއް އާންމުވުމާ އެކު އެވެ.
އެ ސިޓީއާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީގެ ބަހެއް ހޯދުމަށް މި ނޫހުން ގުޅުމުން އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލް އަފްރާހް ވިދާޅުވީ، ސޯޝަލް މީޑިއާގައި ދައުރުވާ ސިޓީގައި ސައްހަ ސިޓީއެއް ކަމަށެވެ. އެ ސިޓީ ނެރެފައި ވަނީ އިސްލާމިކް މިނިސްޓަރަށް އެނގިގެންތޯ އަދި އެ މައްސަލާގައި ފަތުވާ މަޖިލީހުގެ ބަހެއް ހޯދާފައިވޭތޯ ސުވާލު ކުރުމުން އަފްރާހް ވިދާޅުވީ 'މިވަގުތު އިތުރު ކޮމެންޓެއް ކުރެވެން ނެތް' ކަމަށެވެ.
އެ ސިޓީ ފުލުހަށް ފޮނުވާފައިވާކަން އިސްލާމިކް މިނިސްޓްރީން ކަށަވަރުކޮށްދޭއިރު ސިޓީއާ ގުޅިގެން ފުލުހުން އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ. އޭގެ ބަދަލުގައި ޔޫތު މިނިސްޓްރީން ވަނީ އިންޑިއާ އެމްބަސީއާ ގުޅިގެން ޔޯގާ ދުވަސް ފާހަގަކުރުމަށް ހަރަކާތެއް ބާއްވާފަ އެވެ.
މި ސިޓީއާ ގުޅިގެން ފުލުހުން އެއްޗެއް ނުބުންޏެވެ.

އިސްލާމިކް މިނިސްޓްރީން ފުލުހަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ މިހާރަކަށް އައިސް މެޑިޓޭޝަންގެ ގޮތުގައި ކަސްރަތެއްގެ ގޮތުގައި ރާއްޖޭގައި ތަފާތު ބަލިބައްޔަށް ޝިފާ ހޯދުމުގެ ނަމުގައި ޔޯގާ ބޭނުން ކުރަމުންދާ ކަމަށެވެ. އަދި އެއީ ހިންދޫންގެ އަޅުކަމެއް ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، ހިންދޫންގެ ދީނީ ސަގާފަތާ ގުޅޭގޮތުން މެޑިޓޭޝަންގެ ނަމުން ނަންދީ، އިރުއަރާވަގުތު އިރަށް ކުރުނީސްކޮށް އަދި ހިންދޫން ބުދު ފައްޅީގައި އަޅުކަން ކުރުމުގައި ބޭނުންކުރާ މިއުޒިކެއް ހިމެނޭ ހަރަކާތެއް ކަމަށެވެ. އަދި އެފަދަ ކަންކަމަކީ އިސްލާމީ ޝަރީއަތާ ހިލާފު ކަމަކަށްވާތީ ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމާ ބެހޭ ގާނޫނުގެ ދަށުން މަނާކޮށްފައިވާ ކަންތައްތަކެއް ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
.. އިސްލާމީ ޝަރީއަތާއި ދިވެހި ގާނޫނުތަކާއި، ގަވައިދުތަކާއި ގަވައިދުތައް ނެގެހެއްޓުމަށްޓަކައި، މިފަދަ ކަންކަން ކުރާ ފަރާތްތައް ދެނެގަނެ، އެކަށީގެންވާ ފިޔަވަޅި އެޅުމަށް އަންގަމެވެ.
މީގެ އިތުރުން އިސްލާމިކް މިނިސްޓްރީން ވަނީ މިސްރާއި މެލޭޝިޔާގެ ފަތުވާދޭ މަޖިލީހުން މީގެކުރިން ޔޯގާއާމެދު ނިންމާފައިވާކަންކަން ފާހަގަކޮށްފަ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، 2004 ވަނަ އަހަރު މިސްރުގެ ފަތުވާދޭ މަޖިލީހުންނާއި، 2008 ވަނަ އަހަރު މެލޭޝިޔާގެ ފަތުވާދޭ މަޖިލީހުން، ޔޯގާއަކީ މުސްލިމުންގެ މައްޗަށް ހަރާމް ކުޅިވަރެއް ކަމަށް ފަތުވާ ނެރެފައިވާ ކަމަށެވެ. އެގޮތުން އެއީ ހިންދޫ ދީނުގެ އަޅުކަމާ ގުޅިފައިވާ ކަމެއް ކަމަށާއި ކުޅިވަރެއްގެ ގޮތުގައި ވެސް އަދި އަޅުކަމެއްގެ ގޮތުގައި ވެސް އެކަން ކުރުން ހުއްދަވެގެން ނުވާ ކަމަށް ވެއެވެ. އަދި އެ ކުޅިވަރުގެ ސަބަބުން މުސްލިމުންގެ އަގީދާއަށް އަސަރުކުރާ ކަމަށް ވެސް ދެ ގައުމުގެ ފަތުވާއާ ހަވާލާދީ އިސްލާމިކް މިނިސްޓްރީގެ ސިޓީގައި ބުނެފައިވެ އެވެ.
ރާއްޖޭގެ ދީނީ އެއްބައިވަންތަކަމުގެ ގާނޫނުގައިވާ ގޮތުން މިފަދަ ދީނީ ހިޔާލުތަފާތުވުންތައް ހިމެނޭ މައްސަލަތަކުގައި މިނިސްޓްރީން އަމަލު ކުރަން ޖެހޭ ގޮތަކީ ފަތުވާ މަޖިލީހުގެ ބަހެއް ހޯދުމެވެ. ނަމަވެސް، ޔޯގާ މައްސަލަގައި އިސްލާމިކް މިނިސްޓްރީން ފަތުވަ މަޖިލީހުގެ ބަހެއް ހޯދާފައި ނުވާކަން ވަނީ ހާމަވެފަ އެވެ.













