"އާންމު ރައްޔިތުންގެ ޕާޓީ"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދިން ހުއްދަ ބާތިލްކޮށްފި އެވެ.
"އާންމު ރައްޔިތުންގެ ޕާޓީ"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފައިވަނީ ސ. ހިތަދޫ، ކަނަދޫގޭ، އަހުމަދު ސައީދަށް ފެބްރުއަރީ، 2020 ގަ އެވެ.
އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، ޕާޓީ އުފައްދަން އަހްމަދު ސައީދަށް ދިން ހުއްދައިގެ މުއްދަތު ހަމަވިއިރު، އެއްވެސް ފޯމެއް ހުށަހަޅާފައި ނުވާ ކަމަށެވެ. އެހެން ކަމުން އެ ޕާޓީގެ ހުއްދަ ބާތިލް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރެވޭނީ ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަނުން ދޭތާ ތިން މަސް ދުވަހުގެ ތެރޭ 3000 މެންބަރުންގެ ސޮއި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިގެންނެވެ. 3000 މެންބަރުންގެ ފޯމު ސައްހަ ކަމަށްވާ ނަމަ ޕާޓީ އުފެއްދުމުގެ އާންމު ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަނުން ދޭނެ އެވެ. ޕާޓީއެއް ރަޖިސްޓްރީ ކުރެވޭނީ އެ ކަންކަމަށް ފަހު އެވެ.
އޭގެ އިތުރުން، އިލެކްޝަންސް ކޮމިޝަނުން ވަނީ 3،000 މެމްބަރުން ހަމަނުވާ ހަތަރު ޕާޓީއަކަށް ނޯޓިސް ދީ، ތިން މަސް ދުވަހުގެ ތެރޭގައި މީހުން ހަމަކުރަން މެމްބަރުންގެ އަދަދު ފުރިހަމަ ކުރުމަށް އަންގައިފަ އެވެ. އަދި އެ އަދަދަށް މެމްބަރުން ހަމަނުކޮށްފިނަމަ އެ ޕާޓީތައް އުވާލެވޭނެ ކަމަށް ބުނެފަ އެވެ.

އެގޮތުން ގާނޫނީ އަދަދަށް މެމްބަރުން ހަމަނުވާތީ ދާދި ފަހުން ހަތަރު ޕާޓީއަކަށް މެމްބަރުން ހަމަކުރުމަށް ފުރުސަތު ދިނެވެ.
އީސީގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ޕާޓީތަކުގެ ތެރެއިން 10،000 މެމްބަރުން ހަމަވެފައި ވަނީ ވެސް ހަތަރު ޕާޓީއެއްގަ އެވެ. އެއީ އެމްޑީޕީ، ޕީޕީއެމް، ޖޭޕީ، އަދި އަދާލަތު ޕާޓީ އެވެ.
ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މިވަގުތު 11 ޕާޓީއެއް އެބަ އޮތެވެ.












