ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރަން ގަލޮޅު ދަނޑުގައި މިއަދު ހެނދުނު ބޭއްވި ހަރަކާތް ކުރިއަށް ދަނިކޮށް އެ ތަނަށް ބަޔަކު ވަދެގަނެ ހިންގި ހަމަނުޖެހުމަކީ ދީނުގެ ނަމުގައި ސިޔާސީ ބޭނުމަކަށް ހިންގި އަނިޔާވެރި އަމަލެއް ކަމަށް އިސްލާމިކް މިނިސްޓްރީން މިރޭ ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ވަނީ ދީނަށް ނަސްރު ދިނުމުގެ ނަމުގައި ހަރުކަށިކަން އިސްކޮށް އަނިޔާވެރިވުމަށް ގޮވާލައި މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ހިންގާ މިފަދަ އަމަލުތަކަކީ އިސްލާމް ދީނުގެ ރިވެތި އުސޫލުން ބޭރު އަމަލުތަކެއް ކަމަށެވެ.
މިފަދަ ހަރަކާތްތަކަކީ ބައެއް ފަރާތްތަކުން ސިޔާސީ ބޭނުމަކަށް ހިންގާ ހަރަކާތްތަކެއްގެ ގޮތުގައި ސިފަކޮށް، މިފަދަ ކަންކަމުގެ މަޅީގައި ދިވެހިން ނުޖެހުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނަސޭހަތްތެރިވެފަ އެވެ.
"ބައެއް ފަރާތްތަކުން، ދިވެހިންގެ ހިތްތަކުގައި އިސްލާމް ދީނަށް އޮންނަ ލޯބި، ސިޔާސީ މަގްސަދެއްގައި ބޭނުންކޮށްގެން ރައްޔިތުންގެ މެދުގައި ނަފުރަތާއި ރުޅިވެރިކަން އުފައްދަމުންދާ ކަން ހަނދުމަކޮށްދެމެވެ." އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
މިނިސްޓްރީން ބުނީ އެފަދަ ކަންކަމާ މެދު ދީނީ އިލްމުވެރިންނާއި މުއައްސަސާތަކުން އިތުރަށް ސަމާލުވެ މުޖުތަމައުގެ މަސްލަހަތު އިސްކޮށް ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތް ކޮށްދޭން އެދޭ ކަމަށެވެ.

މިއަދު ހެނދުނު 6:30 ގައި ފެށި ހަރަކާތަށް ހުރަސް އަޅަން ގަދަކަމުން ގަލޮޅު ދަނޑަށް ވަދެ ބަޔަކު ހަމަލާ ދިނެވެ. އެ ހަރަކާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވާހަކަ ދައްކަވަން ހުއްޓައި ބަޔަކު ދަނޑަށް ވަދެގަނެ އަޑު ގަދަކުރަމުން އެ ހަރަކާތް ހުއްޓުވި އެވެ. އެވަގުތު އިންޑިއާގެ ހައިކޮމިޝަނަރާއި އދ. އިން ރާއްޖެއަށް ކަނޑައަޅާފައި ތިބޭ ޑިޕްލޮމެޓުން ވެސް ތިއްބެވެ.
ގިނަ އަދަދެއްގެ ޑިޕްލޮމެޓުން ތިއްބައި, ފުލުހުންގެ ސަފުތައް ފޫއަޅައި އެ ބޭފުޅުންނާ ހަމައަށް ހަމަލާ ދޭން ބަޔަކަށް ވަދެވުނު ގޮތާމެދު ފުލުހުންނަށް ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އަދި, އެ ހަރަކާތުގެ މައުލޫމާތު ކުރިން ލިބިފައިވާއިރު, އެކަމަށް ފުލުހުންނަށް ތައްޔާރުވެފައި ނެތް ކަމަށް ބުނެ ވެސް ފާޑުކިޔުން އަމާޒުވެފައިވެ އެވެ.
ގަލޮޅު ދަނޑުގެ ގޭޓްތަކުން މީހުންތައް ވަދެގަނެ, ދިދަތަކުން ބައެއް މީހުންނަށް ހަމަލާދޭން މަސައްކަތްކޮށްފައިވެ އެވެ. އެ މީހުންގެ ހަމަލާ އަމާޒުވި މީހުންގެ ތެރޭގައި އިންޑިއާ ހައިކޮމިޝަނުގެ މުވައްޒަފަކު ވެސް ހިމެނެ އެވެ. ނަމަވެސް، އެއްވެސް ޑިޕްލޮމެޓަކަށް އަނިޔާ ވެފައެއް ނުވެ އެވެ.
އެ މީހުން ދަނޑަށް ވަދެގަތީ ދަނޑުގެ ބޭރުގައި ޖަހާފައި ހުރި ފެންސް ވެސް ހަލާކުކޮށްލުމަށް ފަހު އެވެ. އަދި، އެ ތަނުގައި ޖަހާފައި ހުރި ބައެއް ބޯޑުތަކަށް ވެސް ގެއްލުން ދިނެވެ. ފުލުހުންނަށް އެ މީހުން ބޭރުކޮށްލެވުނީ 40 ވަރަކަށް މިނެޓު ފަހުންނެވެ. އަދި، އެއްވި މީހުން ފޮނުވާލަން ކަރުނަ ގޭސް ވެސް ޖެހި އެވެ.
ހަމަނުޖެހުމުގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގު ކުރަމުންދާއިރު, މިހާތަނަށް ހަ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
އެ ހަމަނުޖެހުން ހިންގި މީހުން ތިބީ ޝަހާދަތުގެ ދެކަލިމަ ކަޅު ކުލައިން ލިޔެފައިވާ ހުދު ކުލައިގެ ދިދަތަކެއް ހިފައިގެންނެވެ. ޕީޕީއެމް އޮފީހުގައި އެ ދިދަތައް ހުރި މަންޒަރު ފެންނަ ފޮޓޯތަކެއް ވަނީ އާންމުވެފައިވާއިރު, އެއީ ޕީޕީއެމްއިން އެންމެ ފަހުން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ބޭނުންކުރި ދިދަތަކެވެ.
މިއަދު އާންމުވެފައިވާ ފޮޓޯތަކަކުން ފެންނަ ގޮތުގައި, ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް ޕީޕީއެމް އޮފީހުން ދިދަތައް ނެރޭ މަންޒަރު ފެނެ އެވެ. މުހައްމަދު އިސްމާއިލަކީ ޕީޕީއެމްގެ ސިޔާސީ ހަރަކާތްތައް ހިންގުމުގައި އިސްކޮށް އުޅުއްވާ ބޭފުޅާ އެވެ.
ޕީޕީއެމްގެ ބައެއް އިސް އޮފިޝަލުން ވެސް ވަނީ އެ ދިދަތައް އެ ޕާޓީގެ ފަރާތުން އެ ހަރަކާތް ހިންގި މީހުންނަށް ފޯރުކޮށްދިން ކަން މި ނޫހަށް ކަށަވަރުކޮށްދެއްވައިފަ އެވެ. ނަމަވެސް, ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް ވިދާޅުވި ގޮތުގައި މިއަދުގެ ހަމަނުޖެހުން ހިންގި މީހުން ބޭނުންކުރި ދިދަތަކަކީ ސީދާ ޕީޕީއެމްގެ އޮފީހުން ނެރުނު ދިދަތަކެއް ކަމެއް ޔަގީން ނުވާ ކަމާއި އެކަން ޖެހޭނީ ބަލާށެވެ.













