ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ޔޫތު މިނިސްޓްރީއާ ގުޅިގެން، ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރުން ބޭއްވި ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ, ބަޔަކަށް ހަމަލާދީ ހިންގި ހަމަނުޖެހުމުގެ ފޮޓޯއާއި ވީޑިއޯ ހުރިނަމަ ހިއްސާކޮށްދޭން ފުލުހުން އެދިއްޖެ އެވެ.
ފުލުހުންގެ ރަސްމީ ޓްވީޓާ އެކައުންޓުން ކުރި ޓްވީޓެއްގައި ބުނީ މިއަދު ހެނދުނު ހިނގި އެ ހާދިސާއާ ގުޅޭ މައުލޫމާތާއި ފޮޓޯ އަދި ވީޑިއޯ ހުރި ފަރާތްތަކުން ފުލުހުންގެ ޕޯޓަލްއަށް ޒިޔާރަތްކޮށް ހިއްސާކޮށްދޭން އެދޭ ކަމަށެވެ.
"މި ޕޯޓަލްއަށް މައުލޫމާތާއި ފޮޓޯ އަދި ވީޑިއޯ ހިއްސާ ކުރާ ފަރާތްތަކުގެ ސިއްރުކަން ހިފަހައްޓާނެ ކަމުގެ ޔަގީންކަން އަރުވަމެވެ." ފުލުހުން ކުރި ޓްވީޓްގައިވެ އެވެ.
މިއަދު ހެނދުނު 6:30 ގައި ފެށި ހަރަކާތަށް ހުރަސް އަޅަން ގަދަކަމުން ގަލޮޅު ދަނޑަށް ވަދެ ބަޔަކު ހަމަލާ ދިނެވެ. އެ ހަރަކާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވާހަކަ ދައްކަވަން ހުއްޓައި ބަޔަކު ދަނޑަށް ވަދެގަނެ އަޑު ގަދަކުރަމުން އެ ހަރަކާތް ހުއްޓުވި އެވެ. އެވަގުތު އިންޑިއާގެ ހައިކޮމިޝަނަރާއި އދ. އިން ރާއްޖެއަށް ކަނޑައަޅާފައި ތިބޭ ޑިޕްލޮމެޓުން ވެސް ތިއްބެވެ.

ގިނަ އަދަދެއްގެ ޑިޕްލޮމެޓުން ތިއްބައި, ފުލުހުންގެ ސަފުތައް ފޫއަޅައި އެ ބޭފުޅުންނާ ހަމައަށް ހަމަލާ ދޭން ބަޔަކަށް ވަދެވުނު ގޮތާމެދު ފުލުހުންނަށް ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އަދި, އެ ހަރަކާތުގެ މައުލޫމާތު ކުރިން ލިބިފައިވާއިރު, އެކަމަށް ފުލުހުންނަށް ތައްޔާރުވެފައި ނެތް ކަމަށް ބުނެ ވެސް ފާޑުކިޔުން އަމާޒުވެފައިވެ އެވެ.
ގަލޮޅު ދަނޑުގެ ގޭޓްތަކުން މީހުންތައް ވަދެގަނެ, ދިދަތަކުން ބައެއް މީހުންނަށް ހަމަލާދޭން މަސައްކަތްކޮށްފައިވެ އެވެ. އެ މީހުންގެ ހަމަލާ އަމާޒުވި މީހުންގެ ތެރޭގައި އިންޑިއާ ހައިކޮމިޝަނުގެ މުވައްޒަފަކު ވެސް ހިމެނެ އެވެ. ނަމަވެސް، އެއްވެސް ޑިޕްލޮމެޓަކަށް އަނިޔާ ވެފައެއް ނުވެ އެވެ.
އެ މީހުން ދަނޑަށް ވަދެގަތީ ދަނޑުގެ ބޭރުގައި ޖަހާފައި ހުރި ފެންސް ވެސް ހަލާކުކޮށްލުމަށް ފަހު އެވެ. އަދި، އެ ތަނުގައި ޖަހާފައި ހުރި ބައެއް ބޯޑުތަކަށް ވެސް ގެއްލުން ދިނެވެ. ފުލުހުންނަށް އެ މީހުން ބޭރުކޮށްލެވުނީ 40 ވަރަކަށް މިނެޓު ފަހުންނެވެ. އަދި، އެއްވި މީހުން ފޮނުވާލަން ކަރުނަ ގޭސް ވެސް ޖެހި އެވެ.
ބުނީ ހާދިސާ ހިނގުމަށް މެދުވެރި ސަބަބުތައް ބަލައި ދިވެހި ފުލުހުންގެ ހިދުމަތުން ރެސްޕޮންޑްކުރި ގޮތުގެ އިންޓާނަލް ރިވިއުއެއް ކުރާނެ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
ހަމަނުޖެހުމުގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގު ކުރަމުންދާއިރު, މިހާތަނަށް ހަ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
ފުލުހުން ބުނި ގޮތުގައި މިހާތަނަށް ތަހުގީގަށް އެނގިފައިވާ ގޮތުގައި, ހަމަނުޖެހުން ހިންގި މީހުން ބޭނުންކޮށްފައިވާ ބައެއް އާލަތްތައް ނެރެފައިވަނީ ޕީޕީއެމްގެ އޮފީހުންނެވެ.
އެ ހަމަނުޖެހުން ހިންގި މީހުން ތިބީ ޝަހާދަތުގެ ދެކަލިމަ ކަޅު ކުލައިން ލިޔެފައިވާ ހުދު ކުލައިގެ ދިދަތަކެއް ހިފައިގެންނެވެ. ޕީޕީއެމް އޮފީހުގައި އެ ދިދަތައް ހުރި މަންޒަރު ފެންނަ ފޮޓޯތަކެއް ވަނީ އާންމުވެފައިވާއިރު, އެއީ ޕީޕީއެމްއިން އެންމެ ފަހުން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ބޭނުންކުރި ދިދަތަކެވެ.
މިއަދު އާންމުވެފައިވާ ފޮޓޯތަކަކުން ފެންނަ ގޮތުގައި, ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް ޕީޕީއެމް އޮފީހުން ދިދަތައް ނެރޭ މަންޒަރު ފެނެ އެވެ. މުހައްމަދު އިސްމާއިލަކީ ޕީޕީއެމްގެ ސިޔާސީ ހަރަކާތްތައް ހިންގުމުގައި އިސްކޮށް އުޅުއްވާ ބޭފުޅާ އެވެ.
ޕީޕީއެމްގެ ބައެއް އިސް އޮފިޝަލުން ވެސް ވަނީ އެ ދިދަތައް އެ ޕާޓީގެ ފަރާތުން އެ ހަރަކާތް ހިންގި މީހުންނަށް ފޯރުކޮށްދިން ކަން މި ނޫހަށް ކަށަވަރުކޮށްދެއްވައިފަ އެވެ. ނަމަވެސް, ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް ވިދާޅުވި ގޮތުގައި މިއަދުގެ ހަމަނުޖެހުން ހިންގި މީހުން ބޭނުންކުރި ދިދަތަކަކީ ސީދާ ޕީޕީއެމްގެ އޮފީހުން ނެރުނު ދިދަތަކެއް ކަމެއް ޔަގީން ނުވާ ކަމާއި އެކަން ޖެހޭނީ ބަލާށެވެ.













